ފަހަތުން އަރައި ސައުތުހެމްޓަންގެ މައްޗަށް 3-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މެންޗެސްޓާ ޔުނައިޓަޑުން ތާވަލުގެ ހަތަރު ވަނައިގައި ހަމަޖެހިލައިފި އެވެ.
ޔުނައިޓަޑް މޮޅު ކޮށްދިނުމުގައި، އެންމެ މުހިންމު ދައުރެއް އަދާ ކުރީ، ރޮމެޔޫ ލުކާކާކު އެވެ. މެޗުގައި، ސައުތުހެމްޓަންއިން ވަނީ 26 ވަނަ މިނެޓްގައި ލީޑް ނަގާފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޔާން ވެލެރީ އެވެ.
ފުރަތަމަ ހާފު ނިމެންދެން، ސައުތުހެމްޓަންއަށް ލީޑްގައި ހިފަހައްޓާ ލެވުނެވެ. އެހެންނަމަވެސް، ދެ ވަނަ ހާފު ފެށިގެން އަށް ވަނަ މިނެޓްގައި އެންޑްރެސް ޕެރެއިރާ ވަނީ ޔުނައިޓަޑަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. ލީޑް ނަގަން، ލުކާކޫއަށް ބޭނުންވީ ހަ މިނެޓެވެ. ޕެރެއިރާ ތަނަވަސް ކޮށްދިން ފުރުސަތަކުން އޭނާ ވަނީ 59 ވަނަ މިނެޓްގައި ޔުނައިޓަޑަށް ލީޑް ނަގައިދިފަ އެވެ.
މެޗުގެ 75 ވަނަ މިނެޓްގައި، ސައުތުހެމްޓަންއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު ކާމިޔާބު ކުރީ ޖޭމްސް ވޯޑް ޕްރޯސް އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ލުކާކޫ އަލުން ވަނީ ޔުނައިޓަޑަށް ލީޑް ނަގައިދީފަ އެވެ. މެޗުގެ އެންމެ ފަހު ކޮޅުގައި ޔުނައިޓަޑަށް ލިބުނު ޕެނަލްޓީއެއް ލިބުނު ނަމަވެސް ޕައުލް ޕޮގްބާއަށް އެ ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.
މެޗަށް ފަހަު ވާހަކަ ދައްކަމުން، ޔުނައިޓަޑްގެ ކޯޗް، އޮލޭ ގަނާ ސޮލްޝަޔާ ބުނީ، ރޭ ގެ މެޗަކީ އޭނާ މިހާތަނަށް ހޯދުނު އެންމެ ހިތްހަމަޖެހޭ މޮޅު ކަމަށެވެ. އޭނާ ބުނީ ފަހަތުން އަރައި މޮޅުވުމުގައި ޔުނައިޓަޑަކީ ވަރުގަދަ ތާރީހެއް އޮތް ކުލަބެއް ކަމަށެވެ.
ޔުނައިޓަޑް މޮޅުވެ، އެ ޓީމު މިހާރު ވަނީ، ތިން ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސުޕާސްއަށްވެސް ޕްރެޝާ ކޮށްފަ އެވެ. ޔުނައިޓަޑާއި ޓޮޓެންހަމްއާ ދެމެދު މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގެވެ.
ޔުނައިޓަޑަށް ހަތަރު ވަނައަށް އެރުނީ، ޓޮޓެންހަމް އާއި އާސެނަލް މެޗު އެއްވަރުމުންނެވެ. ފަސް ވަނައިގައި އޮތް އާސެނަލް ޔުނައިޓަޑާ ދެމެދު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ.