ދުނިޔެ

އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރީ ހަރަކާތްތައް ނުބާއްވަން ނިންމައިފި

Mar 3, 2019

ސޯލް (މާޗް 3) - އުތުރު ކޮރެއާ އިން ޒަމާނުއްސުރެ ޝަކުވާ ކުރަމުން އަންނަ އަސްކަރީ ކުޅިވަރުތައް ދެން ނުބާއްވަން ނިންމާފައިވާކަމަށް އެމެރިކާ އާއި ދެކުނު ކޮރެއާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އެ ދެގައުމުން ބުނީ، އެ ކުޅިވަރުތައް ނުބާއްވަން ނިންމީ، އުތުރު ކޮރެއާގެ ނިއުކުލިއާ ހަތިޔާރުތައް ނައްތާލުމަށް މިހާރު ކުރެވެމުންދާ ހާރިޖީ މަސައްކަތްތަކަށް މަގުފަހި ކޮށްދިނުމުގެ ގޮތުން ކަމަށެވެ.

މިދިޔަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރެއްވުމަށްފަހު، ގިނަ އަސްކަރީ ކުޅިވަރުތައް ނުބާއްވަން ނިންމި އެވެ.

އުތުރު ކޮރެއާ އިން ޒަމާނުއްސުރެ ބުނަމުން އައީ، އެ ކުޅިވަރުތަކަކީ އެ ގައުމަށް އަރައިގަތުމަށް ތައްޔާރުވުމުގެ ގޮތުން ބޭއްވޭ ހަރަކާތްތަކެއް ކަމަށެވެ.

ޓްރަމްޕް މީގެ ކުރިން ވަނީ، އެ ހަރަކާތްތަކަކީ ބޭކާރު ހަރަދެއްގެ ގޮތުގައި ސިފަ ކުރައްވައިފަ އެވެ. ނަމަވެސް، އެ ސަރަހައްދުގައި ތިބި ގާތްގަނޑަކަށް 30،000 އެމެރިކާ ސިފައިން ބޭލުމުގެ ވިސްނުމެއްނެތް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

އަސްކަރީ ކުޅިވަރުތައް ނުބާއްވަން ނިންމާފައިވަނީ، މިދިޔަ ހަފްތާގައި ވިއެޓްނާމުގައި ކިމް އާއެކު ޓްރަމްޕް ބައްދަލުކުރެއްވުމަށްފަހު އެވެ. ނަމަވެސް، ހަނޯއީގައި ބޭއްވި ބައްދަލުވުން ނިންމާލާފައިވަނީ، ދެ ފަރާތުން އެއްވެސް އެއްބަސްވުމަކަށް ނާދެވި އެވެ.