މަޖިލިސް އިންތިހާބު 2019

ރުކުމާ އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރަން ފޯމް ހުށަހަޅުއްވައިފި

Mar 3, 2019
4

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބާ ކުރިމަތިވި، ރައްުޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) އަމިއްލަ ގޮތުން މަޖިލީހަށް ވާދަކުރެއްވުމަށް އޭނާގެ ކެންޑިޑެންސީ ފޯމް މިއަދު އީސީއަށް ހުށަހަޅުއްވައިފި އެވެ.

ރުކުމާ ވަނީ މިދިޔަ ހަފްތާ އެމްޑީޕީއިން ވެސް ވަކިވެ ވަޑައިގެންފަ އެވެ.

އޭނާގެ ކެންޑިޑެންސީ ފޯމް އީސީއަށް މިއަދު ހުށަހެޅިއިރު ހެންވޭރު ދެކުނު ދާއިރާގެ ބައެއް ރައްޔިތުން އޭނާއާ އެކު އީސީއަށް ގޮސް އެ ކަމުގައި ބައިވެރިވި އެވެ. އިންތިހާބުގައި ވާދަކުރާކަން ރުކުމާ އިއުލާން ކުރައްވާ ކުރެއްވި ޓްވީޓެއްގައި އޭނާ ވަނީ ގާނޫނު އަސާސީގެ 14 ވަނަ މާއްދާގައި ބުނާގޮތަށް ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ވެސް ދެމި އޮންނާނީ ވެސް ރައްޔިތުންގެ ކިބައިގައިގާ ކަމަށް ވިދާޅުވެފަ އެވެ.

ރުކުމާއާ ވާދަކޮށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހުސެން ޝަމީމް، އަނދުން ހުސެއިން އެވެ. މީގެ ކުރިން އިންތިހާބާ ބެހޭ ގާނޫނު އޮންނަ ގޮތުން ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ފަރާތްތަކަށް އެ އިންތިހާބުގައި ދެން ވާދައެއް ނުކުރެވޭނެ އެވެ. އެހެން ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މާއްދާ ބާތިލްކޮށް އެފަދަ ފަރާތްތަކުން މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް ފުރުސަތު ދިނުމަށް އީސީގެ މައްޗަށް އަމުރުކޮށްފަ އެވެ.

ރުކުމާ މިދިޔަ ހަފްތާ އެމްޑީޕީއިން ވަކިވީ، އެމްޑީޕީއަށް އިހުލާސްތެރިން ވަކިކުރަން ނޭނގޭ ކަމަށް ވިދާޅުވެ އެވެ.