ވިޔަފާރި

އުރީދޫން ހިއްސާ އަކަށް 3.22ރ. ބަހަން ނިންމައިފި

Mar 3, 2019
2

އުރީދޫ މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާ އިން ހިއްސާއަކަށް 3.22ރ. ބަހަން މިރޭ ނިންމައިފި އެވެ.

އުރީދޫން ދަރުބާރުގޭގައި ބޭއްވި އަހަރީ އާއްމު ޖަލްސާގައި އެ ކުންފުންޏަށް މިދިޔަ އަހަރު ލިބުނު ސާފު ފައިދާގެ 88 ޕަސެންޓް، 3.22ރ. ބަހަން ފާސްކުރީ ހާޒިރުވި ހިއްސާދާރުންގެ އިއްތިފާގުންނެވެ. އަހަރީ އާއްމު ޖަލްސާއަށް 109 ހިއްސާދާރުން ހާޒިރުވި އެވެ.

ގަތަރުގެ އުރީދޫ ގްރޫޕުގެ، އުރީދޫ މޯލްޑިވްސްއިން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ޗީފް އެގްޒެކެޓިވް އޮފިސަރު ނަޖީބު ހާން ވިދާޅުވީ މިދިޔަ އަހަރަކީ އެ ކުންފުނީގެ ތާރީހުގައި ގިނަ ކާމިޔާބީތަކެއް ލިބިގެން ދިޔަ އަހަރެއް ކަމަށެވެ. ހާއްސަކޮށް "ޑިޖިޓަލް ރާއްޖެ" އަކަަށް ބަދަލު ކުރުމަށް އެ ކުންފުނިން ކަނޑައަޅާފައިވާ ތަސްވަރު ހާސިލް ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އެޅިގެން ދިޔަކަން ނަޖީބު ފާހަގަ ކުރެއްވި އެވެ.

އެ ކުންފުނީގެ މިދިޔަ އަހަރު މާލީ ރިޕޯޓް އިއްވަވަމުން، ނަޖީބު އިތުރަށް ވިދާޅުވީ މިދިޔަ އަހަރަކީ މާލީ ގޮތުން ވެސް އެ ކުންފުނިން ގިނަ ފިޔަވަޅުތަކެއް ގިރާކުރި އަހަރެއް ކަމަށް ވިދާޅުވި އެވެ.

"މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިފައިވޭ. މީގެ އިތުރުން ސާފު ފައިދާވަނީ 544 މިލިއަން ރުފިޔާއަށް އިތުރުވެފަ،" ނަޖީބު ވިދާޅުވި އެވެ.

އަހަރީ އާއްމު ޖަލްސާގައި އުރީދޫ ގްރޫޕުގެ ޑިރެކްޓަރެއް ކަމަށްވާ ޑރ. ހާމިދު މޯޑް އޭ މަރަފް ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ކުރިއަރުމާއެކު ގްރޫޕުން ހިތްހަމަ ޖެހޭ ކަމަށެވެ.

އުރީދޫން މިރޭ ބޭއްވި އަހަރީ އާއްމު ޖަލްސާގައި ކުރިއަށް އޮތް އަހަރަށް ކުންފުނި އޮޑިޓް ކުރުމަށް ކުންފުންޏެއް ވެސް ވަނީ ހަމަޖައްސާފަ އެވެ. އެ ކުންފުނި އޮޑިޓް ކުރުމަށް ހަމަޖައްސާފައިވަނީ ކޭޕީއެމްޖީ އެވެ. އުރީދޫ މޯލްޑިވްސް އޮޑިޓް ކުރަމުންދާާތާ ދެ އަހަރު ވެފައިވާ މި ކުންފުންޏަށް މަސައްކަތް ހަވާލުކުރީ 56،750 ޑޮލަރަށެވެ. މިރޭގެ ޖަލްސާގައި އުރީދޫ ގްރޫޕުގެ ޗެއާމަން ޗެއާމަން ޚާލިދު އިބްރާހިމް އަލް-މަޙްމޫދު މަގާމުން މުސްކުޅި ކުރެއްވިކަން ވަނީ ރަސްމީކޮށް އިއުލާނުކޮށްފަ އެވެ.