ލައިފްސްޓައިލް

މަސްތައް ވިރުވާލަން މި ކަސްރަތު!

ޓްރައިސެޕް މަސަލްއަކީ އަތުގެ ފަހަތުގައިވާ މަސްތަކެވެ. މިއީ މީހާގެ ހަށިގަނޑުގެ ރޫފަ ފާޅު ކުރުމުގައި ވަރަށް ބޮޑު ދައުރެއް އަދާ ކުރާ މަސްތަކެކެވެ. ބައެއް މީހުނަށް ހީވާ ގޮތުގައި ބަރު ހިފައިގެން މަސްތަކުގެ ކަސްރަތު ކުރާނަމަ މީހާ ފިރިހެންވަންތަވެ އެވެ. ނުވަތަ މީހާގެ ގައިގައި ބޮޑީ ކުރާމީހެއްގެ ސިފަޖެހިދާނެ އެވެ. ނަމަވެސް މިއީ ކުށްހީ އެކެވެ.

ފިރިހެނުންގެ ހަށިގަނޑުގައި އަންހެނުނަށްވުރެ ގިނައިން ޓެސްޓޮރޯން އުފައްދާތީވެ ފިރިހެނުންގެ ޓްރައިސެޕްގެ ކަސްރަތު ހެދުމުން މަސަލް ބިލްޑްވިޔަސް އަންހެނުންގެ ނުވެ އެވެ. ޓްރައިސެޕް މަސަލް އަހަރުމެން ބޭނުން ކުރަނީ އަތް ދިއް ކުރުމަށާއި، އަތުން ކޮށްޕުމަށާއި އަދި ދެމުން ފަދަ ހަރަކާތް ކުރުމަށެވެ. އަތުގެ މި މަސްތަކުގައި މާ ސަރުބީ ގިނަ ވެއްޖެނަމަ "ޓާޓާ" ކިޔުމަށް އަތުން ހަނާ އަޅާއިރު މި މަސްތަށް ތެޅެނޭ އެވެ. ނުވަތަ ދެ އަތް ނަގާ އަތްޖަހާއިރު ޓްރައިސަޕް މަސަލްގައި ސަރުބީގިނަ ނަމަ އިހުސާސް ކުރެވޭނެ އެވެ.

އެހެންކަމުން މީހާގެ ރޫފަ ފާޅުކުރުމަށް އެހީތެރިވާ މި މަސްތައް ފިޓް އަދި ޓޯންކޮށް ބެހެއްޓުމަށް ވަކި ހާއްސަ ކަސްރަތުތަކެއް ކުރަންޖެހެއެވެ.

ޓްރައިސެޕް އެކްސްޓެންޝަން

މިއީ ވަރަށް އާދައިގެ އެހެން ނަމަވެސް ފައިދާ ބޮޑު ކަސްރަތެކެވެ. މި ކަސްރަތު ކުރުމަށް ބަރެއް ބޭނުން ކުރަން ޖެހެއެވެ.
ފަށައިގަންނަ މީހެއްނަމަ ދެ ކިލޯ ބަރެއްގައި ދެއަތުން ހިފާނީ އެވެ. ފައި ބަހައްޓަންވާނީ އެމީހެއްގެ ކޮނޑުގެ ފުޅާމިނަށް ދުރުކޮށްލާފަ އެވެ. މަޑުމަޑުން ޑަމްބެލް މައްޗަށް ނަގަނީ އެވެ.

މިގޮތަށް ނަގާ އިރު އަތްތިލައިގެ ހުދުހަން ހުންނަން ވާނީ ސީލިންގް އާދި ދިމާލަށެވެ. ދެން މަޑުމަޑުން އުޅަބޮށިން ލަނބާލައި ފަހަތަށް ބަރު ތިރިކޮށްލާނީ އެވެ. އަތް ހުންނަންވާނީ ކަންފަތާއި ކައިރީގަ އެވެ. މިގޮތަށް ތިރި ކުރުމަށްފަހު އަލުން އަތް ދަމާލާނީ އެވެ. މީގެ 10 ރެޕްގެ ދެ ސެޓު ހަދަންވާނެ އެވެ.

ޓްރައިސެޕް ޑިޕްސް

މި ކަސްރަތުގެ އަސަރު ޓްރައިސަޕް، ބައިސަޕް، ކޮނޑު، ބުރަކަށި،ގްލޫޓްސް އަދި ހޭމްސްޓްރިންގަށް ވެސް ކުރައެވެ. މިއީ ގޭގައި ކުރުމަށް ފަސޭހަ ކަސްރަތަކަށްވެފައި މީގެން ނަތީޖާ ވެސް ވަރަށް ސަޅި ކަސްރަތެކެވެ. މި ކަސްރަތު ކުރުމަށް ބެންޗެއްގެ ކުރިމަތީ ހުއްޓުމަށްފަހު، ބިމާއި ހަމައަށް މަޑުމަޑުން ތިރިވާނީ އެވެ. މިގޮތަށް ތިރިވާއިރު އަތުން ރަނގަޅަށް ބާރަށް ބެންޗުގައި ހިފަހައްޓަންވާނެ އެވެ. އަދި ބެންޗުގައި ހިފާއިރު އިނގިލިތަށް ހުންނަނީ ކުރިއަށެވެ. އަދި ފައި ހުންނަންވާނީ ކަކުލުން ސީދާކޮށްފައި ދަމާލާފަ އެވެ. މިގޮތަށް ހުރެ ތިރިވާއިރު އުޅަނބޮށިން 90 ޑިގްރީގެ އެންގަލެއް ހެދޭނެ އެވެ. އަލުން ފަށާތަނަށް ތެދުވެލާށެވެ. މީގެ 5 ރެޕުގެ 3 ސެޓު ހަދަންވާނެ އެވެ.

ޓްރައިސަޕް ޕުޝްއަޕްސް

އާދައިގެ ނޯމަލް ޕުޝްއަޕެކޭ އެއްފަދައިން ޓްރައިސަޕް ޕުޝްއަޕް ޓްރައިސަޕާއި، ކޯ، ފައިގެ ފަހަތުގެ މަސްތަކާއި، ބައިސަޕް، ކޮނޑާއި ބުރަކަށީގެ މަސްތަކަށް އަސަރު ކުރެ އެވެ. މި ކަސްރަތު ކުރުމަށް ބިންމަތީ ބަންޑުން އޮށޭވެލާށެވެ. އަތާއި ފައިގެ އިނގިލިތަކުގެ އެހީގައި ހަށިގަނޑު ހިއްލާލާށެވެ. އާއްމުކޮށް ޕުޝްއަޕް ހަދާއިރު ކޮނޑުގެ ފުޅާމިނަށް އަތް ބަހައްޓާވަރަށް ވުރެ ދެ އަތް ގާތްކޮށް ބަހައްޓާށެވެ. އެއަށްފަހު މޭމަތި ބިންމަތީ ޖެހޭވަރަށް ތިރިވާށެވެ. ތިރިވެފައި ހިނދުކޮޅަކު މަޑުކޮށްލުމަށްފަހު އަލުން މައްޗަށް އަރާށެވެ. މީގެ 10 ރެޕްގެ 2 ސެޓު ހަދަންވާނެއެވެ.

ސައިޑް ޕްލޭްންކް ވިތް ޑަމްބެލް ރެއިސް

މި ކަސްރަތުގެ އަސަރު ކުރަނީ ޓްރައިސެޕް، މޭމަތި، ބުރަކަށި، ކޯ އަދި ގްލޫޓްސް އަށެވެ. މި ކަސްރަތުކުރުމަށް އަރިއަކަށް އޮށޭވެލާ އެއް ފައި އަނެއްފައި މަތީ ބާއްވާލާނީއެވެ. މަތީގައި އޮންނަ އަތުން 2 ކިލޯ ގެ ބަރެއް ގައި ހިފައިލާނީއެވެ. އަނެއް އަތް ބިންމަތީ ޖައްސާ އަތްތިލަ ފްލެޓްކޮށް ބާއްވާލާނީއެވެ. ދެން ހަށިގަނޑު މައްޗަށް ހިއްލާ ލާނީއެވެ. މި ގޮތަށް ހިއްލާލާއިރު ބިންމަތީގައި ހަމައެކަނި ޖެހިފައި އިންނާނީ ފައިގެ އަރިމައްޗާއި އަތެވެ. ހަށިގަނޑު ހިއްލާއިރު މަތީގައި އޮތް ބަރާއެކު ދަމާލާނީއެވެ. ދެން މަޑުމަޑުން މަތީގައި އަތް ތިރިއަށްގެނެސް ހަށިގަނޑު ތިރިކޮށްލާނީއެވެ.މީގެ 10 ރެޕުގެ 1 ސެޓު ހަދަންވާނެއެވެ.