ވާހަކަ

ބޭނުންވަނީ ޔާރާ

(27 ފެބްރުއަރީ 2019 އާ ގުޅޭ)

ފަތިސްނަމާދުން ފޭބި މަންހާ އަވަސް އަވަހަށް ދުވަމުން ސިޑިން ފައިބައިގެން ދިޔައީ ޝަރަފް އޮފީހަށް ދިއުމުގެ ކުރިން އޭނައާއި ބައްދަލު ކުރުމަށެވެ. ވަސީމާ ދިއްކޮލި ކިރުތަށީގައިވެސް ހިފުމެއްނެތި އޭނަ އަވަސްވެ ގަތީ ޝަރަފްގެ ކޮޓަރިއަށް ވަނުމަށެވެ.

"ސިސް........." ލޯގަނޑު ކުރިމަތީ ހުރެ ޓައީ ކަރަށް ހެޔޮވަރު ކުރަމުން ދިޔަ ޝަރަފް ބުނެލިއެވެ.

"ތިއްތޭ........ޕްލީޒް...........ޕްލީޒް...........މިއަދު މަންކޮ ބޭނުންވަނީ އެހަށް ގޭގަ މަޑުކޮއްލަން، އައި އެމް ނޮޓް ފީލިންގ ވެލް.........ޕްލީޒް ތިއްތޭ.........." މަންހާ ކުއްލިއަކަށް ހުރެ އާދޭސް ކުރަންފެށިއެވެ.

"ހޯލްޑް އޮން، ކިހިނެތްތަވީ؟" ޝަރަފް ސީރިއަސް ކަމާއިއެކު އަހާލިއެވެ.

"އަހަންނަށް ހީނުވަނީ އެކަން އަހަންނަށް ކުރެވިދާނެހެން، އަނެއްކޮޅުން އެހާ ކުރާހިތްވެސް ނުވަނީ، މިބުނީ އެއޮފީހަށް ދާހިތްނުވަނީ..............ޕްލީޒް ތިއްތޭ...........އަހަނަށް މާފުކުރޭ، އަހަރެންވެސް ހީކުރީ ވަޒީފާ ލިބުނީމަ އޯކޭވެދާނެ ކަމަށް، އެކަމަކު ހަމަ ދާހިތްނުވަނީއޭ..............." މަންހާގެ ވާހަކަތަކުން އޭނަ އެބުނަނީ ތެދުކަން ޝަރަފް ގަބޫލުކުރިއެވެ.

"ތިއްތޭ އޭނަ އާއި ވާހަކަ ދައްކާނަން އެނގޭ، އެމީހުން ހިތްހަމަ ނުޖެހިދާނެތީ ތިއްތޭ ހާހެއް ނުވޭ، އެކަމަކު މަންކޮ ކުރަން ބޭނުން ނޫންކަމަކަށް ތިއްތޭ ދުވަހަކުވެސް މަޖުބޫރުކުރާކަށް ނެތިން............މާދެރަވާނެ ތިއްތޭއަށްޓަކައިވިޔަސް މަންކޮ ނުރުހޭ ކަމެއް ކޮއްފިއްޔާ އިނގޭ...........ނޭގޭނެތާ، ތިއްތޭ ހީކޮއްގެން މިހުންނަނީ މަންކޮ ވަރަށް ގަޔާވެޔޭ އެވަޒީފާ އާއި ދޭތެރޭ............" ޝަރަފް މަންހާގެ ކޮނޑުގައި ޖަހާލަމުން ވާހަކަދެއްކިއެވެ. އަދި އަވަސް އަރުވާލާފައި އޮފީހަށް ދިއުމުގެ ކުރިން ސައިމޭޒު ދޮށަށް ދިއުމަށް ނުކުތެވެ.

"އެކަމަކު މަންމަމެން ކިހާ ދެރަވާނެ..........މަންކޮއަށް ލިބުނު އެހާ ރަނގަޅު ވަޒީފާއެއް ދޫކޮއްލީމަ" މަންހާ ދެރަވެ ކަންބޮޑުވެފައި ހުރެ ބުނެލިއެވެ.

"ކަމޯން މައި ބިއުޓިފުލް ސިސް، މަންމަމެން އޯކޭ ކޮއްލަ ފާނަން، އެކަމާ ނުވިސްނާ ދެން" ޝަރަފް އާއިއެކު ދިޔަ މަންހާއަށް ބުނެލިއެވެ.

"ތިއްތޭ އަދި އެއްފޭވާރ، ޕްލީޒް" މަންހާ ބުނެލިއެވެ.

"ހޫމް ބުނެބަލަ، މަންކޮ ބުނިކަމެއް ތިއްތޭ ކޮއްދޭނެއެއްނު" ޝަރަފް މަންހާއަށް ބަލާލީ ތަފާތު ނަޒަރަކުންނެވެ. މިއަދު މަންހާ ކިހިނެތް އުޅޭ ދުވަހެއްބާއޭ ހިތަށް އަރާފައި ހުރި ގޮތަކަށެވެ.

"އެކަމަކު ދެން ފަހުން............މިގަޑީގައެއްނޫން" މަންހާ ބުނަންހިތައް އެރިއެއްޗެއް ނުބުނެ ހިތުގައި ފޮރުވާލިއެވެ.

ހެދުނުގެ ސައިބޮއެގެން އެންމެން އޮފީހަށް ދިޔައިރު ވަސީމާ ކަންބޮޑުވެފައި ހުރީ މަންހާ އުޅޭގޮތުންނެވެ. ސައިމޭޒުމަތީވެސް ކުޑަގޮތެއް ހަދާލައިގެން މަންހާ ބެލީ އަވަހަށް އޭނަގެ ކޮޓަރިއަށް ދެވޭތޯއެވެ. ވަސިމާ ހީކޮއްގެން ހުރީ ވަޒީފާއަށް ދާ ފުރަތަމަ ދުވަސްވީމަ މަންހާ ކުޑަކޮށް ހާސްވަނީ ކަމުގައެވެ. އަތްމަތި އަވަސް ކޮއްލާފައި ހުރީވެސް އެހެންވެ ކަމުގައެވެ.

"ކޮންމެވެސް ގަޑި ނުޖެހި ދައްޗޭ ދަރިފުޅާ" ވަސީމާ މަންހާ އޭނަގެ ކޮޓަރިއަށް ދުއްވައިގަތުމުން ބުނެލިއެވެ.

"ލައްބަ މަންމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ ގަޑިއެއް ނުޖެހޭނަން........." މަންހާ ބުނެލިއެވެ.

މަންހާ އޭނަގެ ކޮޓަރިއަށް ވަދެ މޯބައިލްގައިވާ ޖެނީގެ ނަންބަރަށް ގުޅާލިއެވެ. އޭރު އަދި ޖެނީ ނުވެސް ހޭލައެވެ. އެކަމަކު ނިދިބަރު ކަމާއިއެކު ހެލޯ އޭ ބުނި ޖެނީއަށް މަންހާގެ އާޖަންޓު މިބަސް އިވުމާއިއެކު އޭނަހީވީ އެޓެންޝަނަށް އައިހެންނެވެ. މަންހާ އެދުނީ ވިޝާލްގެ ނަންބަރު ދިނުމަށެވެ. ޖެނީ ހައިރާންވީ ވިޝާލްގެ ނަންބަރު މަންހާގެ އަތުގައި ނެތުމުންނެވެ. އެކަމާއި ސުވާލު ކުރުމުން މަންހާ ބުނީ އެއްޗެއްގައި ލިޔެގެން އުޅެނިކޮށް ގެއްލުނީކަމުގައެވެ. އަދި ވިޝާލްއަށް އެކަން އެނގިއްޖެއްޔާ ރުޅި އަންނާނެ ވާހަކަ ބުނެ ޖެނީއަށް އޮޅުވާލިއެވެ.

ވިޝާލްގެ ނަންބަރު ލިބުމާއިއެކު މަންހާ ވިޝާލްއަށް ގުޅިއެވެ. ނަސީބު ދިމާކުރި ގޮތުން އޭނަ އުޅެނީ ހޭލައެވެ. އެކަމަކު ފޯނުނެގީ ވަރަށްވެސް ލަހުންނެވެ. ތިން ހަތަރު ފަހަރު މަތިން ގުޅައިގެންނެވެ.

"ވިޝާލް، މީ މަންހާއޭ، ހާދަވަރަކަށް ގުޅައިފީމޭ، ވަރަށް ބޮޑުކަމެއް ކޮއްދީބަލަ؟" މަންހާ އެއްނޭވާއިން ބުނެލިއެވެ.

"މަންހާ ދޯ، ނޭގޭނެއެއްނު، ނުދަންނަ ނަންބަރެއްވީމަ ނުނަގަން ހުރެފަ މިނެގީ، ކީއްކޮއްދޭންވީ، އަވަހަށް ބުނޭ" ވިޝާލް ބުނެލިއެވެ.

"އަހަރެން ތަނަކަށް ގެންގޮސްދެވިދާނެތަ" މަންހާ އަހާލިއެވެ.

"ކީއްވެ ނުގެންދެވެންވީ، ކާރުގަ މިހާރު ދަންތަ ބަލާ........." ވިޝާލް ހުރީ ތައްޔާރަށެވެ.

"އުހޫ........ނުވައެއް ޖަހާއިރަށް އާދޭ.........މަށަށް ގުޅީމަ ނުކުންނާނަން، ތޭންކްސް އިނގޭ، ދެން ބާއްވަނިއްޔޭ" މަންހާ ބުނެލިއެވެ.

"ހޫމް، މައްސަލައެއްނެތް..........އެހާއިރު ގޮސްފަ ގުޅާނަން، ބޭއްވީ..............." ވިޝާލްވެސް ފޯނުބޭއްވިއެވެ.

މަންހާ ހާސްވެފައި ހުރެ އަލަމާރި ހާވަން ފެށިއެވެ. އޮފީސް އިންޓަރވިއުއަށް ދިއުމަށް ލާނެ ހެދުމެއްފެނޭތޯއެވެ. އަދި މަންހާގެ ސެޓްފިކެޓްތައް ލެވޭވަރުގެ އަތްދަބަހެއްވެސް ހޯދިއެވެ. ވިޝާލް އަންނަން ވާއިރަށް މަންހާއަށް ތައްޔާރުވެވުނީ ހަމަ ކިރިޔާއެވެ. އެތަށް ފަހަރެއްގެ މަތިން މަންހާ ލޯގަނޑުން އަމިއްލަ ސޫރަ ބަލާލައެވެ. އެންމެ ފަހުކަމެއްގެ ގޮތުން އޭނަ ކުރިކަމަކީ ސެންޓުޖެހުމެވެ. އަދި އަތުގައި ރިހިކުލައިގެ ގަޑިއަކާއިއެކު ތަންކޮޅެއް ފުޅާ ރިހިތަނޑިގަނޑެއް އަޅާލުމެވެ.

"ތޭންކްސް ވިޝާލް، އަހަރެން ގެންގޮސްދޭންވީ މޮޑަރން ޑިޒައިން ޕްރައިވެޓް ލިމިޓެޑްއަށް، އަހަންނަކަށް ނޭގޭ އެތަން ހުންނަ ތަނެއް، އަވަސްކުރަން ހަދައިގެން ހަނދާނެއްނެތް ބަލާލާކަށް.............ސޮރީ............" މަންހާ ކާރުގައި ހަމަޖެހިލަމުން ވާހަކަދެއްކިއެވެ. އޭރު ވިޝާލް އެސްފިޔަ ޖަހާލުމެއްނެތި ބަލަމުންދިޔައީ މަންހާއަށެވެ.

"ހޫރު ޕަރީން އުޅޭކަން މިހާރު ޔަގީންވެއްޖެ............." ވިޝާލް ބުނެލިއެވެ.

"ދެން ވިޝާލް.........ލަސްވަނީއޭ، ހިނގާބަލަ ދާން" މަންހާ ސަމާސާ ކުރާކަށް ބޭނުމެއްނޫނެވެ.

"އަހަންނަކަށްވެސް ނޭގެ އެތަން ހުންނަ ތަނެއް، މަވެސް އަޑުއަހަނީ އެތަނުގެ ނަން...........ހުރޭ މިބަލާލަނީ" ވިޝާލް ބުނެލިއެވެ.

* * * * * *

ދާއިން ފެނުމާއިއެކު އޮފީސް ތެރޭގެ އަޑުމަޑުވެއްޖެއެވެ. އެންމެ ތިންމުވައްޒަފުންނާއިއެކު ފެށި އޭނަގެ ކޮމްޕެނީ މިހާރު ރާއްޖޭގެ ބޮޑެތި ކޮމްޕެނީތަކުގެ ކުރީ ސަފުގައި ނަންކިޔާލެވެއެވެ. މިހާރު އޭނަގެ ކައިރީ މަސައްކަތްކުރަން ފަންސާހަށްވުރެ ގިނަ މުވައްޒަފުން އެބަތިއްބެއެވެ. އަދި އޭނަގެ ކެބިންގެ ބޭރުގައި ޕާޓިޝަންއެއް ޖަހާފައި އޭނަގެ ޕާރސަނަލް އެސިސްޓެންޓަށް ހުސްކުރެވިފައިވާ ޖަގަހައެއްވެއެވެ. މިއަދު އެއޮފީހުގައި ކުރިއަށް ދާ އިންޓަރވިއުއަކީ ދާއިންއަށް ޕީއޭ އެއް ބޭނުންވެގެން ކުރި އިއުލާނަށް ސިޓީ ފޮނުވިކުދިންގެ ތެރެއިން ޝޯޓު ލިސްޓު ކުރެވިފައިވާ ފަސްކުދިންގެ ތެރެއިން ކަމަށް ގާބިލް ކުއްޖަކު ހޮވުމުގެ އިންޓަރވިއުއެވެ.

"ގުޑް މޯނިންގ" ކޮންމެ މުވައްޒަފެއްގެ ކައިރިން އަޅާފައި ދާއިން ދާއިރަށް ބުނެލައެވެ. އޭނަވެސް ޖަވާބު ދާރީވަނީ ހަމަ އެފަދައިންނެވެ. އަދި ގޮސް އޭނަގެ ކެބިންނަށް ވަނެވެ. އޭރު އޭނަގެ ޕީއޭ ނޫރާއަށް އަތުގެ އިޝާރާތުން އޭނަގެ ކެބިން އަށް އައުމަށް އިޝާރާތްކުރިއެވެ.

"ގުޑް މޯނިން ސަރ" ނޫރާ ދާއިންގެ ކެބިންއަށް ވަންނަމުން ބުނެލިއެވެ.

"ކުރިއަށް ޕްލޭންއޮތީ ކިހިނެތް؟" ދާއިން އޭނަގެ މޭޒުމަތީ ހުރި ކަންލަންޑަރަށް ބަލަން އިނދެ އަހާލިއެވެ.

"އިންޓަރވިއު ސްޓާރޓް ވާނެ ނައިންގަ..........މިހާރު ދެކުދިން އައިސް އެބަތިބި، މެންދުރު ވަންގަ އެބައޮތް ޕްރެޒެންޓޭޝަން، އެއީ އިއްޔެގެ ޕްރޮޖެކްޓުގެ ފައިނަލް ދައްކާލުން.........ސަރގެ ލަންޗު ކެބިންއަށް ގެންނަން ވީތޯ ނޫނީ އެޕާރޓްމަންޓަށް ދުރުވާނީތޯ.........ހަވީރު ޑޮކްޓާރ އެޕޮއިންޓް މެންޓެއްވެސް އެބަ އިންނެވި..........." ނޫރާ ދާއިންގެ މުޅި ދުވަހު ހާއްޞަ ސަމާލުކަން ދޭންވީ ކަންތައްތައް ކިޔާދެމުންދިޔައެވެ.

ނޫރާ ދާއިންގެ ޕީއޭގެ މަގާމުގައި މަސައްކަތް ކުރާތާ ފަސްއަހަރުވީއެވެ. އޭނަގެ މަގާމަށް ކުއްޖަކު ހޯދަން ޖެހުނީ އޭނަ ބަލިވެއިނުމާއި ގުޅިގެން އޮފީހަށް އާދެވޭދުވަސްތައް މަދުވަމުންދާތީއެވެ. އަދި އޭނަގެ ފިރިމީހާވެސް ބާރު އަޅަމުންދަނީ ވަޒީފާއިން ވަކިވެ ވިހަންވާއިރަށް ގޭގައި ހުރުމަށެވެ. އެކަންތައްތައް ދާއިން ގަބޫލުކުރެއެވެ. ނޫރާ އޮފީހުން ވަކިވުމާއި ދޭތެރޭ ދެން އޮތީ ހަފްތާއެކެވެ. އެދުވަސްތަކުގައި ނޫރާފަދަ ކުއްޖަކަށް ދާއިން ބޭނުންވެއެވެ. ކުއްލިގޮތަކަށް އެހާ އަވަހަށް ކުދިން ނަގަން ޖެހުނީވެސް އެހެންވެއެވެ.

އިންޓަވިއުއަށް އަންނަމުން ދިޔައީ ހުސްވެސް އަންހެން ކުދިންނެވެ. އެއޮފީހަކީ ނޫރާ ފިޔަވައި ޒުވާން ފުރައިގެ ފިރިހެން ކުދިން މަސައްކަތް ކުރާ އޮފީހެކެވެ. އަންހެން ކުއްޖަކު ފެނިއްޖެނަމަ ބަލާލުމަކީ ފިރިހެނުންގެ ތަބީޢަތުގައި ލައްވާފައިވާކަމެކެވެ. އެހެންވެ އިންޓަރވިއުއަށް އަންނަމުންދިޔަ އަންހެން ކުދިންނަށް އޮފީހުގައި ތިބި ޒުވާން ފިރިހެންކުދިންގެ ކަތި ނަޒަރުތައް ހުއްޓެމުންދިޔައެވެ.

ކުއްލިއަކަށް އޮފީސް ދޮރުހުޅުވާލާފައިވަތް ހިމަތޮޅި އިސްކޮޅުން ދިގު އަންހެން ކުއްޖާފެނި އޮފީހުގައި ތިބި ޒުވާން ފިރިހެން ކުދިންގެ ތަލިން ކުޅިހިކިގެން ދިޔަފަދައެވެ. ހީވީ މޮޑެލްއެއް ވަދެގެން އައިހެންނެވެ. ދޫކޮއްލެވިފައިވާ ދިގު ފަން އިސްތަށިގަނޑުގެ ބެބުޅުން އެލޯތައް ތަރަތަރަޖަހައިގެން ދާވަރުކުރުވައެވެ. ކަޅުކުލަ ގަދަ ދިގު އެސްފިޔަތަށް ތަޅުވާލަމުން ކަޅުކުލައިން ފަވާލެވިފައިވާ ދެލޮލުން ކޮޅުކޮޅަށް ބަލާލާ ބަލާލުމުން އެއިން ކޮންމެ މީހެއްގެ ހިތަށް ހަންޖަރުގެ އެތިފަހަރެއް އަރާހާވެއެވެ. ފާރުގެ އެއްފަރާތުގައި ހަރުކޮއްފައިވާ އޭސީއިން ޖެހިލި ވައިރޯޅިވެސް ދިޔައީ އެރީތި އިސްތަށިތަކާއި ކުޅެލާފައެވެ. އެއާއިއެކު ކަންފަތިގައި ލާފައިވާ ރިހިކުލައިގެ ބޮޑު ބޮޅު މަޑުމަޑުން ހެލިލިއެވެ. ކަޅުކުލައިގެ ގަމީސް ޓޮޕަކާއި، ކަކުލުގެ ތިރީ ކައިރިއަށް ހުރި ގަދަ ފިޔާތޮށި ކުލިއިގެ ފިއްތި ސްކާރޓްގައި އެހަށިގަނޑުގެ ބައްޓަން ކިތަންމެހާވެސް ފަރިއެވެ. އުނަގަނޑުގެ ހިމަކަން ފާޅުވެގެން ދިޔައީ އަޅާފައިވާ ކަޅުކުލައިގެ ފުޅާބެލްޓުންނެވެ. އަރާފައިވާ ކަޅުކުލައިގެ ބޫޓުގެ ކަށީގައި ތިންއިންޗި ހުންނާނެ ކަންނޭގެއެވެ. އަތުގައި އަޅާފައިވާ ރިހިކުލައިގެ ގަޑިއާއި ރިހި ކުލައިގެ ފުޅާ ތަނޑިގަނޑު ދަބަސް އަޅުވާލާފައި އޮތްއިރުވެސް ފެނެއެވެ. އެދިމާލަށް ދެވުނީ ކިތަށް ފިރިހެން ކުދިންނަށްކަމެއް ނޭގުނެވެ.

"އިންޓަރވިއުއަށް.........." އެއަންހެން ކުއްޖާ ބުނެލިއެވެ.

"މިތާ މަޑުކޮއްލާ، ކޮންނަމެއް ކިޔަނީ........." އެންމެނަށް ވުރެ ކުރިން އެތަނުން ފިރިހެން ކުއްޖެއް ބުނެލުއެވެ.

"މަންހާ" މަންހާގެ ނަންއަހާލި ފިރިހެން ކުއްޖާއަށް ބުނެލިއެވެ.

"އިރުކޮޅަކުން ގޮވާލާނެ........." މަންހާގެ ނަންބުނުމާއިއެކު އޭނަގެ ކުރިމަތީ ހުރި ފިރިހެން ކުއްޖާ ބުނެލިއެވެ. އަދި އެނބުރި އައިކޮޅަށް ގޮސް ޖަހާފައިވާ ޕާރޓިޝަންއެއްގެ ނިވަލަށްވަދެ އިށީނދެއްޖެއެވެ.

މަންހާ ހިނގައިގަތީ ދޮރުގެ ވާތްފަރާތުގައި ހުރި ހުދު ސޯފާ ސެޓާއިދިމާލަށެވެ. އެތަނުގައި އޭރު ތިންއަންހެން ކުދިން އިށީނދެލައިގެން ތިއްބެވެ. އެތިންކުދިންގެ ނަޒަރުވެސް އޭރު ހުއްޓިފައިވަނީ މަންހާ އާއި ދިމާލަށެވެ. އެކަން މަންހާއަށް އެނގި ކޮންމެ ކުއްޖަކަށް ބަލާލަމުން ހިނިތުންވެލިއެވެ. އަދި ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލިއެވެ. މަންހާ އިށީނދެގެން އިނީ އެއޮފީހުގެ ވެއިންޓިން އޭރިއާގައިކަން އޭނައަށް އެނގުނެވެ. އެންމެ އަޖައިބު ކުރުވީ އެތަނުގެ ފަރުމާތައް ކޮއްފައިވާލެއް ފުރިހަމަކަމެވެ. ހުދު ސޯފާ ސެޓެއް އިށީނުމަށްވިއިރު، މެދުގައި އޮތީ މަޑުކަފަކޮޅެއްހެން ހީވާ ކާޕެޓެކެވެ. އޭގެ މެދުގައި ބިއްލޫރި މޭޒެއް ބަހައްޓާފައިވާއިރު ތަފާތު ވައްތަރުގެ މަޖައްލާ އާއި ނޫސްތައް ބަހައްޓާފައި ހުއްޓެވެ. ތަނުގެ ލައިޓިންގެ ފުރިހަމަ ކަމުން އެތަނުގައި އިތުރަށް ހުވަފެނީ ކުލަވަރު ޖެހިގެންދެއެވެ. ފާޓެޝަންތަކުން މުވައްޒަފުންގެ މަސައްކަތްކުރާ ސަރަހައްދު ވަކިކުރެވިފައިވިޔަސް ތިންދިމާލަކުން މަގެއްހެދިފައިވިއެވެ. މަންހާ އިންހިސާބުން ކަނާތްފަރާތުގައިވަނީ ކޮންކޮން ބައެއްކަމެއް ނުފެނެއެވެ. އެހެންނަމަވެސް އޭނަގެ ކުރިމަތިން ދޮރެއްލާފައިވާ ދެކޮޓަރި ފެންނަން އެބަހުއްޓެވެ.

"މޭބީ ހީސް ދެއަރ........" މަންހާގެ އަމިއްލަ ޒަމީރު އޭނަގެ ގާތު ބުނެލި ކަހަލައެވެ. އެއާޢިއެކު އެތުންފަތަށް ލުއި ލުއި ރަކި ހިނިތުންވުމެއްވެރިކުރުވިއެވެ.

ގިނައިރެއް ނުވެ ފަސްވަނަ ކުއްޖާވެސް އައިސް ސޯފާގައި އިށީނެވެ. ވަކި ކުއްޖަކަށް ދޫކުރާވަރުގެ އެއްވެސް ކުއްޖަކު އެތަނުގައި ނެތެވެ. ކޮންމެ ކުއްޖެއްވެސް ވަނީ އެމީހަކަށް ތައްޔާރުވެވުނު އެންމެ ފުރިހަމައަކަށް ތައްޔާރުވެފައެވެ. އެހެންނަމަވެސް އެފަސްކުދިންގެ ތެރެއިން އަދިވެސް ތަފާތު ހިތްގައިމު ކަމެއް މަންހާގެ އެކުލެވިފައިވިއެވެ. އިށީނދެގެން އިންގޮތާއި ހެދުންއެޅުމުގެ ރީތި ކަމާއި އެތުންފަތަށް އިރުއިރުކޮޅާ ވެރިވެގެންދާ ނަލަ ހިނިތުންވުން މަންހާ އެހެކުދިންނަށްވުރެ ޙާއްޞަކުރުވައެވެ.

ވިހަން ތައްޔާރުވެފައިވާ އަންހެނެއްގެ ބަނޑުވަރުގެ ބޮޑު ބަނޑެއްލާފައިވާ ބަނޑުބޮޑު އަންހެން ކުއްޖަކު އައިސް މަންހާމެން ގާތުގައި މަޑުކޮއްލިއެވެ. އެހެންނަމަވެސް އޭނަގެ ހަރަކާތްތައް ހުރިގޮތުން އެއްވެސް ބަރުހެލިކަމެއް ފާހަގައެއް ނުކުރެވެއެވެ. އޭނަގެ އަތުގައި ފޮތަކާއި ގަލަމެއްއޮތެވެ. އެފޮތުގެ ތެރެއިން އޭނަ އެއްޗެއް ހޯދަމުންދިޔައެވެ. އަދި ސޯފާގައި ތިބި ފަސްކުދިންގެ ތެރެއިން ކުއްޖެއްގެ ނަންގޮވާލިއެވެ.

"އިންޓަރވިއުއަށް ކޮންމެ ކުއްޖެއްގެ ނަން ގޮވާލާނަން...." ނޫރާ ސޯޓް ލިސްޓެޑް ކުރެވިފައިވާ ގަނޑަށް ބަލަންހުރެ ބުނެލިއެވެ. އަދި ލިސްޓުގެ އެއްވަނައިގައިވާ ކުއްޖާ ގޮވައިގެން ހިނގައިގަތެވެ.

ފަހަރަކު ކުއްޖަކު އިންޓަރވިއުނިންމާލާފައި އެއޮފީހުން ނުކުމެގެން ދާތަން ބަލަން އިން މަންހާއަށް ކޮންމެވެސް ވަރެއްގެ ހާސްކަމެއްވެރިވަމުންދިޔައެވެ. އިންޓަރވިއު ނިންމާފަ ނުކުންނަ އެއްވެސް ކުއްޖެގެ މޫނުމަތީ އެއްވެސް ވަރަކަށް މާޔޫސްކަމެއް ނުފެނެއެވެ. ހީވާ ގޮތުން ކޮންމެ ކުއްޖެއްވެސް އެދަނީ އިންޓަރވިއު އާއި ދޭތެރޭ ހިތްހަމަޖެހި ވަޒީފާލިބޭނެ ކަމުގެ ފޮނިއުއްމީދުގައެވެ.

"މަންހާ....." ނުރާ އެންމެ ފަހުން އިންކުއްޖާއަށް ގޮވާލަމުން ހިނިތުންވެލިއެވެ.

މަންހާ ސޯފާއިން ތެދުވެ އޭނަ ލާފައި ހުރި ފިއްތި ސްކާޓަށް ދަމާލަމުން ހެދުން ރަނގަޅުކޮއްލިއެވެ. އަދި އަތުން އިސްތަށިގަނޑު ކުޑަކޮށް ވިހުރުވާލިއެވެ. ދިހަވަރަކަށް ފިޔަވަޅަށްފަހު މަންހާ ނޫރާގެ ގާތަށްގޮސް ހުއްޓިލިއެވެ. އެއާއެކު ނޫރާ ކަނާތްފަރާތަށް ދެވެން އޮތް ހުސްތަންކޮޅުން ލާފައި ކުރިއަށް ހިނގައިގަތެވެ. މަންހާއަށް އޭރު ކުރިމަތީ ހުރި ލިޔެލާޖަހާފައިވާ ގޮތަކަށް ހަދާފައިވާ ލަކުޑިދޮރުފެންނަމުންދިޔައެވެ. އަދި އޭނަގެ ހިތްވީ އެދޮރުގެ ނިވަލުގައި ފަރުދާވެކަން އެނގުނެވެ. ދިގު އިންތިޒާރަކަށްފަހު މަންހާގެ ގެއްލިފައިވާ ހިތާ ބައްދަލު ވާތީ އޭނަހުރީ ވަރަށްވެސް އުފަލުންނެވެ. އެހިތުގައި އަތްލަން ނުލިބުނަސް އެހިތުގެ ހާލު ލޮލުން ބަލާލަން ލިބުނަސް، އެވަރުންވެސް މަންހާއަށް އެތަށް ހާސް ގުނައަކަށް އުފާ ހާޞިލްވެގެންދާނެއެވެ.

"ވާވު.....ބާބީ...." ޕާރޓިޝަންއެއްގެ މަތިން ބޯދިއްކޮއްލި ޒުވާން ފިރިހެން ކުއްޖެ ބުނެލިއެވެ. އެއާއެކު މަންހާ އެދިމާލަށް ބަލާލިއެވެ. އަދި ބުނި އެއްޗެއް އަޑުއިވި އެޒުވާން ފިރިހެންކުއްޖާއަށް ހިނިތުންވެލިއެވެ.

"ކާއިލް...." ނޫރާ އެ ޒުވާން ސަކަ މިޒާޖުގެ ފިރިހެންކުއްޖާއަށް ބުނެލިއެވެ.

"ސޮރީ...." ކާއިލް އަވަސް އަވަހަށް އިށީނެވެ. އެކަމަކު ނޫރާ ފަސްދޭންވާއިރަށް އަނެއްކާވެސް ނޫރާ އާއިއެކު ފަރިހިނގުމެއްގައި ދިޔަ މަންހާއަށް ބަލަންފެށިއެވެ.

ދޮރާ ގާތްވުމާއިއެކު މަންހާ އޭނަގެ އަތުގައި އަޅުވާލާފައިވާ ދަބަހުގެ ތެރެއިން ފައިލެއްނަގާ ފުންނޭވާއެއް ބޭރުކޮއްލިއެވެ. އެއީ މީހާ ހަމަޖެހިލުމުގެ ބޭނުމުގައެވެ. ނޫރާ ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށްވަދެ ދޮރުގައި ހިފަހައްޓާލީ މަންހާއަށް އެތެރެއަށް ވަދެވެންދެންނެވެ. މަންހާ ވަނުމާއިއެކު ނޫރާ ދާއިންގެ ގާތުގައި މަޑުކޮށްލައި އޭނާއާ ވާހަކަދައްކަން ފެށިއެވެ.

(ނުނިމޭ)