ހަބަރު

ދަރުބާރުގޭގައި ބަޔަކު ދައްކާ ވާހަކަތަކަށް ސިފައިން ކަންބޮޑުވޭ: މާރިޔާ

ބަޔަކު ދަރުބާރުގެއަށް ވަދެ ދައްކަމުންދާ ވާހަކަތަކާއި މެދު ދިވެހި ސިފައިން ކަންބޮޑުވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ މިއަދު މަޖިލީހަށް ހާޒިރުކޮށް، މަޖިލިހުގެ މެމްބަރުންނަށް ސުވާލު ކުރުމުގެ ފުރުސަތު ވަނީ ދީފަ އެވެ. އެގޮތުން އައްޑޫ، މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ސިފައިން އެއްވެސް ކަމަކާ މާރިޔާއާއި ސުވާލު ކުރެއްވިތޯ ބުނެ އެއްސެވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ސިފައިން ތިބީ ބަދަހިކޮށް ކަމަށާއި، ބަޔަކު ދައްކާހާ ވާހަކައަކަށް ގުޑު ގުޑެއް ނާޅާނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ، ދިވެހި ސިފައިންގެ ތެރޭގައި ތިއްބެވި ބޭފުޅުންނަކީ ކިޔަވައިގެންތިބި، ގާބިލް ތަންދޮރު ދަންނަ އިހުލާސްތެރި ބޭފުޅުންކަމަށާއި، ބަޔަކު ދައްކާހާ ވާހަކައަކަށް ސިފައިން ގުޑުގުޑެއް ނާޅާނެ ކަމަށެވެ.

އެހެން ނަމަވެސް، ބަޔަކު ދަރުބާރުގެއަށް އެއްވެ ދައްކަމުންދާ ބައެެއް ވާހަކަ ތަކާއި މެދު ސިފައިން ކަންބޮޑުވާކަމަށް މާރިޔާ ވަނީ ވިދާޅުވެފައެވެ. މާރިއާ އެ އިޝާރާތް ކުރެއްވީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި، ޕީޕީއެމްއާއި ޕީއެންސީއަށް ނިސްބަތްވާ ބައެއް ބޭފުޅުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރަން ޖެހޭ ކަމަށްބުނެ ބާއްވަމުން އަންނަ ބައްދަލުވުންތަކަށް ކަމަށް ބެލެވެއެވެ.

މާރިޔާ ވިދާޅުވީ، ރާއްޖޭގެ ސުލްހަ މަސަލަސްކަން ނަގާލައި، ބަޔަކު ރާއްޖެ ހިފަން އުޅޭ ކަމަށްބުނެ، ބަޔަކު ވާހަކަތަކެއް ދައްކަމުންދާ ކަމަށާއި، އެކަމަކީ ކުރުމުއްދަތެއްގެ ސިޔާސީ މަންފާއެއް ހޯދުމަށް ސިޔާސީ ބަޔަކު އަޑީގައި ތިބެ ދައްކާ ވާހަކަތަކެއް ކަަމަށެވެ.