ދުނިޔެ

އެމެރިކާއަށް ނަގޫރޯޅިތަކެއް އަރައި، 14 މީހުން މަރުވެއްޖެ

Mar 4, 2019

އެލަބޭމާ (މާޗް 4) - އެމެރިކާގެ އެލަބޭމާ ސްޓޭޓުގެ ލީ ކައުންޓީއަށް ނަގޫރޯޅިތަކެއް އަރައި، ގާތްގަނޑަކަށް 14 މީހުން މަރުވެފައިވާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އެ ހާދިސާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އަދިވެސް މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ޝެރިފް ޖޭ ޖޯންސް ވަނީ ވިދާޅުވެފަ އެވެ.

އެ ސްޓޭޓުގެ ގަވަރުނަރު ވަނީ ކުރިއަށްއޮތް ދުވަސްތަކުގައި މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ، އާންމުން ސަމާލުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ.

މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނޭއިރު، މިއީ ނަގޫރޯޅި އަރައިގެން މިދިޔަ އަހަރު މުޅި އެމެރިކާގައި މަރުވެފައިވާ މީހުންގެ އަދަދަށް ވުރެ އިތުރު އަދެދެކެވެ.

އެމެރިކާގެ ނެޝަނަލް ވެދާ ސާވިސްއިން ބުނީ، އެ ހާދިސާތަކުގައި ލިބުނު ގެއްލުންތައް ބެލުމަށް ތިން ޓީމެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ހާދިސާތަކާއި، ގުޅިގެން އެ ސަރަހައްދުގެ ސްކޫލްތައް ވެސް ވަނީ ބަންދުކޮށްފަ އެވެ.