ހަބަރު

މަޖިލީހުގައި މާރިޔާ މާފަށް އެދިވަޑައިގެންފި

އިންްޑިއާގެ މީޑިއާ އަކަށް ދެއްވި އިންޓަވިއުގައި ދެކެވުނު ވާހަކަ ތަކާއި މެދު އެއްވެސް ފަރާތެއްގެ ހިތްހަމަ ނުޖެހުމެއްވާ ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖަނަވަރީ މަހު މިނިސްޓަރު މާރިޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުއެއްގައި އިންޑިއާއަށް ރާއްޖެ ހިފިދާނެ ކަމަށް ބުނެފައިވާ ކަމަށް ބުނެ ދައްކަމުންދާ ވާހަކަތަކާއި ގުޅިގެން މިއަދު މަޖިލީހުގައި މާރިޔާއާއި ވަނީ ސުވާލު ކޮށްފަ އެވެ.

މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ރިފާއު އަމާޒު ކުރެއްވި އެ ސުވާލަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ، ބައެއް ބޭފުޅުން ކަންބޮޑުވެ ފާޑުކިޔަމުން އަންނަނީ އެ އިންޓަވިއުގައިވާ 22 މިނެޓްގެ ތެރެއިން 5 ސިކުންތު ވަރުގެ ތަންކޮޅަކަށް ކަމަށެވެ.

މާރިޔާ ވިދާޅުވީ، އިންޑިއާގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި ވިދާޅުވި ވާހަކައަކީ، އިންޑިއާއަކީ އަބަދުވެސް ރާއްޖެއަަށް އިހުތިރާމް ކުރާ ގައުމެއް ކަމަށާއި، ހަމަހަމަކަމާއެކު ރާއްޖެއާއި މުއާމަލާތު ކުރާ ގައުމެއް ކަމަށެވެ. އަދި އެގައުމުގެ ކިބައިން ރާއްޖެއަށް އެއްވެސް ބިރުވެރިކަމެއް ނެތް ކަމުގެ ވާހަކަ ކަމަށެވެ.

އެފަދަ ލައިވް އިންޓަވިއުތަކުގައި ދައްކާ ވާހަކަތައް އިތުރަށް ބަދަލު ކުރުމުގެ ފުރުސަތު ނޯންނަކަން ފާހަގަކޮށް، މާރިޔާ ވިދާޅުވީ، އެ އިންޓަވިއުގައި ވިދާޅުވެވުނު ބަސްތަކާއި މެދު ހިތްހަމަ ނުޖެހޭ ނަމަ އެކަމަށް މާފަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ޑިފެންސް މިނިސްޓްރީއިން ވެސް ވަނީ މީގެ ކުރިން އެކަމާއި ގުޅިގެން ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ ޑިފެންސް މިނިސްޓަރު މާރިޔާ އިންޑިއާގެ މީޑިއާއަކަށް ދެއްވި އިންޓަވިއުގެ ހަބަރުތައް ފަތުރަމުންދަނީ، އޭގެ މާނަ އޮޅޭ ގޮތަށް ކަމަށާއި އެއީ ގައުމުގެ ސުލްހަ މަސަލަސްކަން ގެއްލުވާލައި ސިޔާސީ މަންފާ ހޯދުމަށް އެވާހަކަތަކުގެ ހަގީގަތް އޮޅޭގޮތަށް ފަތުރަމުންދާ ހަބަރެއް ކަމަށެވެ.