ނޭމާ

ރެއާލްއަށް ދާކަށް ނޫޅެން، ޕީއެސްޖީގައި ހުރީ އުފަލުން

ރެއާލް މެޑްރިޑަށް ދާން ނޫޅޭ ކަމަށާއި، ޕީއެސްޖީގައި ހުރީ ހިތްހަމަޖެހިގެން ކަމަށް، ބްރެޒިލްގެ ފޯވާޑް ނޭމާ ޖޫނިއާ ބުނެފި އެވެ.

އޭނާއަށް ލިބުނު އަނިޔާއަކަށް، ބްރެޒިލްގައި ފަރުވާ ހޯދަމުން އަންނަ ނޭމާ ބުނީ، ރެއާލް މެޑްރިޑާ ގުޅުވައިި ކުޅުންތެރިޔަކާ ވާހަކަ ދައްކާނަމަ އެއީ އެ ކުޅުންތެރިޔަކަށް ލިބޭ އުފަލެއް ކަމަށެވެ. އެހެންނަމަވެސް ރެއާލް މެޑްރިޑަށް ކުޅެން ބޭނުންވެގެން އޭނާ ނޫޅޭ ކަމަށެވެ.

"މެޑްރިޑަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބު، އެއްވެސް ކުޅުންތެރިޔަކާ މެޑްރިޑާ ގުޅުވައި ވާހަކަ ދެއްކުމަކީ އެ ކުޅުންތެރިޔަކަށް ލިބޭނެ އުފަލެއް އަދި އެ ކުޅުންތެރިޔަކު އެ ކުަލަބަށް ކުޅެން ބޭނުންވާނެ،" ގްލޯބް ޓީވީއަށް ދިން އިންޓަވިއުގައި ނޭމާ ބުންޏެވެ. "މިއީ އަހަރެން އިހްލާސްތެރި ކަމާއެކު ބުނާ ވާހަކައެއް، މެޑްރިޑަށް ކުޅޭ ވާހަކައެއް އަހަރެން ނުދައްކަން، ޕެރިހުގައި އަހަރެން މިހުރީ ވަރަށް އުފަލުން، އަހަރެން މިތާންގައި [ޕީއެސްޖީ] ގައި މިހުރީ ވަރަށް ރަނގަޅަށް، އެހެންނަމަވެސް ކުރިމަގަުގައި ވާނެ ގޮތެއް ނޭންގޭނެ."

ހޫނު މޫސުމުގެ ޓްރާންސްފާ ޕީރިއަޑްގައި، ރެއާލް މެޑްރިޑުން ނޭމާ ގެންނަން އުޅޭ ވާހަކަ މިހާރު ވަނީ ގަދަވެފަ އެވެ. ރޮނާލްޑޯ އެ ކުލަބު ދޫކޮށްލުމުން، އެ ޓީމުގެ ހަމަލާތައް ބަލިކަށި ވެފައިވާއިރު، އޭނާގެ ރިޕްލޭސްމެންޓެއް ހޯދުމަށް ރެއާލް މެޑްރިޑުން ވަނީ މަސައްކަތް ފަށާފަ އެވެ.

ބާސެލޯނާއަށް އަލުން ދާން ބޭނުންވެގެން ނޭމާ އުޅުނު ކަމަށް ވާހަކަ ދެކެވުނެވެ. އެހެންނަމަވެސް ނޭމާ ބުނީ ބާސެލޯނާއަށް ކުޅުމަކީ، އޭނާ ދެކުނު ހުވަފެނެއް ކަމަށާއި އެހުވަފެން ހަފީގަތަކަށް ވެފައިވާ ކަމަށެވެ.

"ކުޑައިރުން ފެށިގެން އަހަރެން ދެކެމުން އައި ހުވަފެނެއް އެއީ ބާސެލޯނާއަށް ކުޅުން، އަހަންނަށް އެކަން ހާސިލު ވެއްޖެ، އަހަންނަށް އިހްސާސް ކުރެވެނީ، އަހަރެން އެކަން ފުރިހަމަ ކުރެވިއްޖެ ކަމަށް."

އޭނާ ބުނީ، ފުޓްބޯޅަ ކުޅުންތެރިޔެއްގެ ދިރިއުޅުމަކީ ވަރަށް އެހެންކަހަލަ ކެރިއާއެއް ކަމަށާއި ހާލަތު ބަދަލުވާނެ ގޮތް އެއްވެސް މީހަކަށް ބުނަންނޭގެނެ ކަމަށެވެ.