ކުޅިވަރު

މެޑްރިޑްގައި ސެލްޓައިން ރެއާލް ހުއްޓުވައިފި

ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނެބެއުގައި ސްޓޭޑިއަމްގައި ސެލްޓަވީގޯއިން ރެއާލް މޮޅުވިޔަ ނުދީ ހިފަހައްޓައިފި އެވެ. ސެލްޓައިން މެޗު އެއްވަރު ކުރީ 2-2 ންނެވެ.

މެޗުގައި ފުރަތަމަ ލީޑް ނެގީވެސް ސެލްޓައިންނެވެ. އިއާގޯ އެސްޕަސް ނަގައިދިން ހިތްގައިމު ޕާހަކުން ސެލްޓަގެ ލަނޑު މެޗުގެ ހަތް ވަނަ މިނެޓްގައި ކާމިޔާބު ކުރީ ފޭޑޯ ސްމަލޯވް އެވެ. ފުރަތަމަ ހާފުގައި ރެއާލްއިން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ގޯލަށް ސީދާ ވާގޮޔތަށް އެއްވެސް ބޯޅައެއް ފޮނުވާލެވިފައެއް ނުވެ އެވެ.

ރެއާލްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 52 ވަނަ މިނެޓްގައި ޓޮނީ ކްރޫޒް އެވެ. ރެއާލްގެ ދެ ވަނަ ލަނޑަކީ އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބު ކުރި ލަނޑެކެވެ. އެ ޕެނަލްޓީ އަކީ ސެލްޓަގެ ޕެނަލްޓީ އޭރިއާގެ ތެރެއިން އެ ޓީމުގެ ކީޕަރު ރުބެން ބެލަންކޯ ރެއާލްގެ އެޑެން ހަޒާޑްއަށް ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

ރޭގެ މެޗަކީ އަނިޔާގައި ގިނަ ދުވަސްތަކެއް ވަންދެން ހޭދަ ކުރުމަށް ފަހު، އަނިޔާއިން ރަނގަޅުވެގެން އައިސް ހަޒާޑް ކުޅުނު ފުރަތަމަ މެޗެވެ. ވޭތުވެދިޔަ 82 ދުވަހު ރެއާލްއިން ހޭދަ ކުރީ އޭނާގެ އެހީތެރިކަން ނުލަ އެވެ.

ސެލްޓައަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 85 ވަނަ މިނެޓްގައި ސެންޓި މިނާ ކާމިޔާބު ކުރި ލަނޑުންނެވެ.