ދުނިޔެ

ސުލްހައިގެ އިނާމް އަހަންނަށް ހައްގެއް ނޫން: އިމްރާން ޚާން

Mar 4, 2019

އިސްލާމްއާބާދު (މާޗް 4) - އަވަށްޓެރި އިންޑިއާ އާއެކު އުފެދިފައިވާ ނުތަނަވަސްކަމަށް ފިނިކަމެއް ގެނައުމުގައި، ދެއްކެވި މިސާލަށް ދުނިޔޭގެ ސުލްހައިގެ އިނާމު "ހައްގު" ނޫން ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

ޕާކިސްތާނުގެ ވައިގެ ސަރަހައްދަށް މިދިޔަ ހަފްތާގައި ވަތް އިންޑިއާގެ ދެ އަސްކަރީ މަތިންދާބޯޓެއް ވައްޓާލައި، އެތަނުން އެއްބޯޓުގެ ޕައިލެޓު ހައްޔަރުކުރުމަށްފަހު، މިދިޔަ ހުކުރު ދުވަހު އޭނާ ދޫކޮށްލީ، އިމްރާން ޚާންގެ ސީދާ އެންގެވުމަށެވެ. އެ ކުއްލި ނިންމެވުމުގެ ސަބަބުން، ހަނގުރާމާއިގެ ބިރު ބޮޑުވެފައިވާ އަރައިރުމަށް ކޮންމެވެސް ވަރެއްގެ ފިނަކަމެއް ލިބިގެންދިޔަ އެވެ.

އެކަމާއި ގުޅިގެން، އިމްރާން ޚާންއަށް ނޮބެލް ޕީސް ޕްރައިޒް ހައްގުވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި އެމަނިކުފާނުގެ ޕާޓީގެ މެމްބަރަކު އެކަމާއިގުޅޭ ގަރާރެއް ޕާލިމަންޓަށް ހުށަހަޅާފައިވާއިރު، އެކަމަށް ގޮވާލާ ދައުރުވަމުންދާ އޮންލައިން ޕެޓިޝަނެއްގައި، 300،000 އަށް ވުރެ ގިނަ މީހުން ވަނީ ތާއީދުކޮށްފަ އެވެ.

ނަމަވެސް، މިއަދު ކުރެއްވި ޓްވީޓެއްގައި އިމްރާން ޚާން ވަނީ ސުލްހައިގެ އިނާމު ހައްގުނުވާކަމަށް ވިދާޅުވެފަ އެވެ.

"ސުލްހައިގެ އިނާމު ހައްގުވާނީ، ކަޝްމީރުގެ ރައްޔިތުން ބޭނުންވާގޮތަށް ކަޝްމީރުގެ މައްސަލަ ހައްލުކޮށް، އެ ސަރަހައްދުގައި ސުލްހަ ގާއިމުކޮށްދީ، ތަރައްގީ ގެނައުމަށް މަގުފަހިކޮށްދޭ މީހަކަށް،" ޚާން ވިދާޅުވި އެވެ.

އިންޑިއާގެ އެއާފޯސް ވިންގް ކޮމާންޑަރު އަބިނަންދަން ވަރުތަމަން ހުކުރު ދުވަހު ދޫކޮށްލުމާއެކު، އެ އަރައިރުމަށް ފިނިކަމެއް އަންނާނެ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް، ކަޝްމީރުގެ ބޯޑަރު ސަރަހައްދުގައި އިންޑިއާ އާއި ޕާކިސްތާނު ސިފައިން އަދިވެސް ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ.