ކަޝްމީރުގެ މުސްލިމުންނާ ދެކޮޅަށް އިންޑިއާގެ ސިފައިން ހިންގަމުންގެންދާ ލާއިންސާނީ އަނިޔާތަކުގެ މައްސަލަ ދުނިޔޭގެ ބާރުގަދަ ގައުމުތަކަށް މުހިންމު ނޫން ކަމަށް ވާނަމަ، ނިއުކުލިއާ ހަމަލާއެއް ފެށިގެންދާނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެވެ.
ނިއުޔޯކް ޓައިމްސް ލިޔުއްވި އާޓިކަލްއެއްގައި ހާން ވިދާޅުވީ، ކަޝްމީރު މައްސަލަ ދުނިޔޭގެ ސަމާލު ކަމަށް ނައިސްގެން އުޅޭ ސަބަބު އެނގި ވަޑައިގަންނަވާ ކަމަށާއި އެކަމަކު އިންޑިއާ އަދި ޕާކިސްތާނަކީ ވެސް ނިއުކުލިއާ ދެ ބާރު ކަމަށްވާއިރު، ހަނގުރާމަ ފަށައިފިނަމަ މުޅި ދުނިޔެއަސް އެކަމުގެ އަސަރު ކުރާނެ ކަމަށެވެ.
ޕާކިސްތާނާއި އިންޑިއާއިން ވެސް ބުނަނީ، ކަޝްމީރު މައްސަލައިގައި ނިއުކުލިއާ ހަތިޔާރު ބޭނުން ކުރަން ބޭނުންވާ ކަމަށެވެ.
"އިންޑިއާއިން ވަނީ އެމީހުންގެ ނިއުކުލިއާ ސިޔާސަތުގައިވާ ފުރަތަމަ އިސްވެ ހަމަލާ ދިނުން، ސިޔާސަތު ބަދަލު ކޮށްފައި، ޕާކިސްތާނުން ބުނަނީ ވެސް ނިއުކިލިއާ ހަމަލާ ދޭނަމޭ، މިކަމާ ދުނިޔެ އަޅާ ނުލާނަމަ އެކަމުގެ އަސަރު މުޅި ދުނިޔެއަށް ކުރާނެ" ހާން ވިދާޅުވި އެވެ.
ކަޝްމީރުގެ މައްސަލަ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގެ ގޮތުން، ޕާކިސްތާނުން ވަނީ ކަޝްމީރަށް ހާއްސަ އިމްތިޔާޒު ލިބިދޭ މާއްދާ އުވާލު މައްސަލަ އދ. އަށާއި ބައިނަލްއަގްވާމީ ކޯޓަށް ދެ ފަހަރެއްގެ މަތިން ހުށަހަޅާފަ އެވެ. ނަމަވެސް މިކަމަށް އެދެވޭ ވަރުގެ ސަމާލުކަމެއް ނުދޭން ގައުމުތަކުން ނިންމީ، އެއީ އިންޑިއާގެ ދާހިލާ ކަމެއް ކަމަށް ބުނެ އެވެ.
އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާ އުވާލަން ނިންމީ، މުސްލިމުންނަށް އަމާޒުކޮށް ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނުތަކާ ހިލާފަށް ކަމަށް ޕާކިސްތާނުން ވަނީ މީގެ ކުރިން ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އިންޑިއާއާއެކު ވިޔަފާރީގެ އިތުރުން ދަތުރުފަތުރުގެ ގުޅުން ވެސް ޕާކިސްތާނުން ވަނީ ކަނޑާލައިފަ އެވެ. ޕާކިސްތާނުގައި ހުންނަ އިންޑިއާ ސަފީރުވެސް ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.
އިންޑިއާގެ ގާނޫނު އަސާސީގެ 370 ވަނަ މާއްދާގެ ދަށުން ކަޝްމީރަށް ދީފައިވާ އިމްތިޔާޒުތަކުގެ ތެރޭގައި، އެހެން ސްޓޭޓްތަކުގެ މީހުނަށް ކަޝްމީރުން ބިން ނުގަނެވުމާއި، ކަޝްމީރު ސްޓޭޓުގެ ސަރުކާރުން އިއުލާންކުރާ ވަޒީފާ އަދި ސްކޯލާޝިޕްތައް އެހެން ސްޓޭޓްތަކުގެ މީހުންނަށް ނުލިބެނޭ އެވެ. އަދި އެހެން ސްޓޭޓުތަކުގެ މީހުނަށް ކަޝްމީރުގެ ރަށްވެހިކަން ވެސް ނުލިބޭނެ އެވެ.
މުސްލިމް ގައުމުތަކުގެ ތެރެއިން ކަޝްމީރުގެ ހައްގުގައި މަސައްކަތް ކުރަނީ ހަމައެކަނި ޕާކިސްތާނުން ކަމަށް ވެސް ހާން ވަނީ ވިދާޅުވެފަ އެވެ. އެކަމުގެ ސަބަބުން އެއްވެސް ވަރަކަށް ކަޝްމީރުގެ ދިފާއުގައި ކުރާ މަސައްކަތަށް ހުއްޓުމެއް ނާންނާނެ ކަމަށް ހާން ވިދާޅުވި އެވެ.