އިމްރާން ޚާން

އިސްވެ އިންޑިއާއަށް ހަމަލާއެއް ނުދޭނަން: އިމްރާން ހާން

ކަޝްމީރުގައި މިހާރު ހިނގަމުންދާ މައްސަލަތައް ކިތަންމެ ހޫނުވި ނަމަވެސް އިސްވެ އިންޑިއާ ދެކޮޅަށް ހަތިޔާރު ނޫފުލާނެ ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ހާން ވިދާޅުވެއްޖެ އެެވެ.

ޕާކިސްތާނުގައި ދިރިއުޅޭ ބައިމަދު އިންޑިއާގެ ރައްޔިތުންނާއެކު ކުރިއަށް ދިޔަ ބަައްދަލުވުމެއްގައި ހާން ވިދާޅުވީ، އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު މައްސަލަ ކިތަންމެ ގޯސްވިއަސް ހަނގުރާމަ ފަށާ ފުރަތަމަ ގައުމަށް ޕާކިސްތާން ނުވާނެ ކަމަށެވެ. ހާން ވިދާޅުވީ ދެ ގައުމަކީ ވެސް ނިއުކުލިއާ ބާރަކަށް ވުމުން، ހަނގުރާމައެއް ފަށައިފިނަމަ އެކަމުގެ އަސަރު ސަރަހައްދުގެ އެހެން ގައުމުތަކަށް ކުރާނެ ކަމަށެވެ.

ކަޝްމީރަށް ލިބިދޭ ހާއްސަ އިމްތިޔާޒުތައް އުވާލުމާއި ގުޅިގެން ޕާކިސްތާނާއެކު އޮންނަ ގުޅުން ގޯސްވެފައި ވުމުން، ޒަމާނުއްސުރެ އިންޑިއާއިން ހިފަހައްޓަމުން އައި ނިއުކްލިއާ ސިޔާސަތު ވަނީ ބަދަލު ކޮށްފަ އެވެ. އެ ސިޔާސަތަކީ އިސްވެ ނިއުކިލިއާ ހަތިޔާރު ބޭނުން ނުކުރުމާއި، ނިއުކުލިއާ ހަތިޔާރު ބޭނުން ކޮށްގެން އެއްވެސް ގައުމަކަށް ބިރު ނުދެއްކުމެވެ. ސިޔާސަތު އުވާލުމުން، އިންޑިއާ ސަރުކާރުގެ އިސް ފަރާތްތަކުން ދަނީ ޕާކިސްތާނަށް ނިއުކުލިއާ ހަމަލާ ދޭން ގޮވާލަމުންނެވެ.

އިންޑިއާ ރައްޔިތުންނާ ބައްދަލު ކުރައްވާ ހާން އިތުރަށް ވިދާޅުވީ، ޕާކިސްތާނުގެ ނިއުކްލިއާ ސިޔާސަތު ބަދަލު ނުކުރާނެ ކަމަށެވެ.