އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމަށް ޕީއެސްއެމްއިން ހުޅުވާލައިފި އެވެ.
ޕީއެސްއެމްއިން ބުނި ގޮތުގައި، ޑްރާމާ މުބާރާތުގައި ބައިވެރިވުމަށް މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބައިވެރިވުމަށް އެދޭ ފޯމު ހުށަހަޅަން ޖެހޭނެ އެވެ. އަދި މި މަހުގެ 21 ވަނަ ދުވަހުގެ ކުރިން ޑްރާމާގެ ސްކްރިޕްޓް ހުށައެޅުމަށްފަހު 27 ވަނަ ދުވަހު ޕްރޮޑަކްޝަން މަސައްކަތް ފަށަންޖެހޭނެ ކަމަށް ޑްރާމާތައް އިންތިޒާމް ކުރާ ޕީއެސްއެމް އިން ބުނެ އެވެ.
ޑްރާމާ މުބާރާތުގައި ބައިވެރިވުމަށް މިހާރު ހުޅުވާލާފައިވާއިރު، މި ޑްރާމާތަކުގެ ދިގުމިނުގައި ކުރުވެގެން 45 މިނިޓު އަދި ދިގުވެގެން 50 މިނިޓު ޑްރާމާގައި ހުންނަން ޖެހޭކަމަށް މުބާރާތުގެ ގަވާއިދުގައި ބުނެ އެވެ. މިމުބާރާތަށް ހުށަހަޅާ ޑްރާމާތަކުގެ ޕްރޮޑަކްޝަން މަސައްކަތް ނިންމުމަށްފަހު އަންނަ މޭ މަހުގެ އެއް ވަނަ ދުވަހު ޑްރާމާ ޕީއެސްއެމްއާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް ގަވައިދުގައި ބުނެ އެވެ.
އޮފީސްތަކުގެ ޑްރާމާ މުބާރާތާ ބެހޭ ގޮތުން ޕީއެސްއެމް އިން ބުނީ، ޑްރާމާ މުބާރާތްތައް އަލުން ފެށުމުގެ ބޭނުމަކީ މި ދާއިރާއަށް ނިކުންނަން ބޭނުންވެފައި ތިބި މީހުންނަށް އެ ފުރުސަތު ފަހި ކޮށްދިނުމުގެ ގޮތުން ކަމަށާއި މިއީ އޮފީސް ތަކުގައި ވަރަށް ވާދަވެރިކޮށް ކުރަމުން އައި މަސައްކަތެއް ކަމުން އަލުން އެ ފޯރި ގެނެސްދިނުމަށެވެ. އަދި ޑްރާމާތަކުގެ ސަބަބުން މުޖުތަމައުއަށް ރަނގަޅު މެސެޖުތަކެއް ގެނެސްދެވޭނެ ކަމަށް ބެލެވޭ ކަމަށެވެ.
މިއަހަރުގެ ޓެލެޑްރާމާ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާއިރު، މި މުބާރާތުގެ ނަތީޖާ ފާޅުކުރުން ރޯދަ މަސް ނިމުމާއެކު ވީ އެންމެ އަވަހަކަށް ބާއްވާނެ ކަމަށް ޕީއެސްއެމުން ބުނެ އެވެ. އެގޮތުން އެންމެ މޮޅު ޑްރާމާއަކަށް 50،000 ރުފިޔާ ދޭން ނިންމާފައިވާއިރު އެންމެ މޮޅު އަންހެން އަދި ފިރިހެން އެކްޓަރަކަށް 15،000 ދޭން ވަނީ ނިންމާފަ އެވެ.
ނަވާރަ ސަތޭކަ ނުވަދިހަ ހަތަރު ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރޯދަ މަހު ޓީވީ މޯލްޑިވްސްއިން ގެނެސްދެމުން ދިޔަ އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތަކީ ދިވެހިންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދި މުބާރާތެކެވެ. އޮފީސް ޑްރާމާ މުބާރާތުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ތަރިން ރާއްޖޭގެ މުނިފޫހިފިލުވުމުގެ ދާއިރާގައި ފުންނާބު އުސްތަރިންގެ ގޮތުގައި މިހާރުވެސް މަސައްކަތް ކުރަމުން ދެ އެވެ.