ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ޖަހައިފި ނަމަ ވޯޓު ބާތިލުވާ ގޮތަށް ރައްޔިތުން މަޖިލީހަށް ހުށަހެޅި އިސްލާހު ފާސްކޮށްފި އެވެ.
އިންތިހާބުތަކާ ބެހޭ އާންމު ގާނޫނަށް ޕީޕީއެމްގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އިސްލާހު ދިރާސާ ކުރެއްވި ފަސް މެންބަރުންގެ ވަގުތީ ކޮމިޓީ އިން ވަނީ އެ ހުށަހެޅި ގޮތަށް ތަޅުމަށް ފޮނުވައިފަ އެވެ. އަދި ބިލު ފާސްވީ 53 މެންބަރުންގެ އިއްތިފާގުންނެވެ.
ވޯޓު ކަރުދާހުގައި އިތުރު ފާހަގައެއް ނުވަތަ ކުރެހުމެއް ޖެހިޔަސް ވޯޓު ބާތިލުވާނެ ކަމަކަށް އިންތިހާބުތަކާ ބެހޭ ގާނޫނުގައި ބުނެފައެއް ނުވެ އެވެ. ނަމަވެސް ޝާހިދު ހުށަހެޅުއްވި އިސްލާހުގައި ވޯޓު ބާތިލުވާ ކަންކަމުގެ ތެރޭގައި ވޯޓު ކަރުދާހުގައި އެ މީހަކަށް ފެންނަ ކެނޑިޑޭޓެއްގެ ނަމާ ދިމާލުގައި ރަނގަޅު ފާހަގަ ޖެހުމުގެ އިތުރުން އިތުރު އެހެން ފާހަގައެއް ނުވަތަ ލިޔުމެއް ނުވަތަ ކުރެހުމެއް ކުރަހާފައިވުން ވަނީ ހިމަނާފަ އެވެ.
ނަމަވެސް ވޯޓު ކަރުދާހުގައި ފާހަގަ އެއް އިތުރު ފާހަގައެއް ޖެހުމުން ބާތިލު ނުވާ ގޮތަށް ވެސް ހެދީ ޕީޕީއެމް އިންނެވެ. އެއީ ރިޔާސީ އިންތިހާބާ ދިމާކޮށް އެ ޕާޓީ އިން ގެނައި އިސްލާހެކެވެ. އެ ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީގެ ގިނަ މެންބަރުން ވަނީ އެކަން ފާހަގަކޮށް ބިލަށް ފާޑު ކިޔައިފަ އެވެ. އަދި އިންތިހާބު ގާތްވެފައި ވަނިކޮށް ބަދަލުތައް ގެނައުމަށް ތާއީދު ނުކުރާ ކަމަށް ވެސް ގިނަ މެންބަރުން ވިދާޅުވި އެވެ.