ހަބަރު

އުކުޅަހުގައި ބަންގި ނުގޮވާ ތުހުމަތު ދޮގުކޮށް، ޝެއިޚް ޒައިދަށް ފާޑުކިޔުން

Mar 4, 2019
5

ޓޫރިސްޓުންނަށް އުނދަގޫވާތީ، އއ. އުކުޅަހުގައި ފަތިސް ނަމާދު ބަންގި ތާޅަފިލިން ނުގޮވާ ކަމަށް ބުނެ ކުރެވުނު ތުހުމަތުތައް އެ ރަށު ކައުންސިލުން ދޮގުކޮށް، އެކަމާ ސުވާލު ކުރެއްވި ޝައިޚް އަލީ ޒައިދަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފި އެވެ.

ފަތިސް ނަމާދު ބަންގި ތާޅަފިލިން ނުގޮވާ ކަމަށް ބުނެ، އިއްޔެ ލިބުނު މެސެޖަކަށް ހަވާލާދީ، ޝައިޚް ޒައިދު ވަނީ ފޭސްބުކް ޕޭޖުގައި އެކަމުގެ ހަގީގަތް އެނގޭ ފަރާތެއް އެ މައުލޫމާތު ހިއްސާކޮށް ދިނުމަށް އެދިފަ އެވެ.

އެކަމާ ގުޅިގެން، އުކުޅަހު ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ، އެ ރަށާއި، ކައުންސިލްގެ އިތުރުން ރައްޔިތުންގެ އަގު ވައްޓާލައި، ބަދުނާމުވާ ގޮތަށް ޝައިޚް ޒައިދު ވާހަކަ ދައްކާފައިވާ ކަމަށާއި އެކަން ކުށްވެރިކުރާ ކަމަށެވެ.

"ޝައިޚް އަލީ ޒައިދު ފޭސްބުކްގައި އުކުޅަހު މިސްކިތުގައި ތާޅަފިލި ބޭނުންކޮށްގެން ބަންގި ނުގޮވާ ކަމަށް ހާމަކޮށްފައިވާ މައުލޫމާތަކީ ކަނޑައެޅިގެން ދޮގު މައުލޫމާތެކެވެ،" އެ ބަޔާނުގައި ކައުންސިލުން ބުނެފައިވެ އެވެ.

އުކުޅަހުގައި ހުރި ދެ މިސްކިތުގައި އަބަދުވެސް، މުޅި ރަށަށް އިވޭ ގޮތަށް، ތާޅަފިލި ބޭނުންކޮށްގެން ބަންގި ގޮވަމުންދާ ކަމަށާއި، އަދި މުސްތަގުބަލުގައި ވެސް އެކަން އެގޮތަށް ކުރާނެ ކަމުގެ ޔަގީންކަން ކައުންސިލުން ވަނީ ދީފަ އެވެ.

ކައުންސިލުގެ ބަޔާނާ ގުޅިގެން، ޝައިޚް ޒައިދު ފޭސްބުކް ޕޯސްޓެއްގައި ބުނީ، އެ ސުވާލު ކުރީ އެކަމުގެ ހަގީގަތް ހޯދުމުގެ ބޭނުމުގައި ކަމަށާއި، ވަކިވަކި ފަރުދުންގެ ބަހަށް އިތުބާރު ނުކުރެވޭތީ މުއައްސަސާއަކުން އެކަން ބަލައިދޭން އެދުނީ ކަމަށެވެ.

"ވީމާ، ތެދެއްތޯ އަހައި، ސުވާލެއް ކޮށްލުމުން، އަޅުގަނޑުގެ އަގުވެއްޓޭ ގޮތަށް ނޫސް ނޫހަށް މައުލޫމާތު ދެއްވައި، އަޅުގަނޑު ދޮގު ހަދަނީ ކަމަށް ވިދާޅުވުމަކީ ވަރަށް ހިތާމަކުރާ ކަމެއް ކަމުގައި ދަންނަވަން،" ޒައިދު ބުނެފައިވެ އެވެ.