ހަބަރު

އިންތިހާބާ ގުޅިގެން ރިޝްވަތު ހުށަހެޅުން ވަނީ ފާހަގަވެފަ: އެޗްއާރްސީއެމް

އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ރިޝްވަތު ހުށަހެޅުންފަދަ ކަންކަން ފާހަގަވެފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމްއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިންތިހާބު އޮބްޒާވް ކުރުމަށް މިހާތަނަށް އެ ކޮމިޝަނުން ކުރިޔަށްގެންގޮސްފައިވާ މީޑިއާ މޮނިޓަރިންގެ ތެރޭގައި، ބައެއް ކެންޑިޑޭޓުންގެ އިންތިހާބީ ހައްގަށް އަސަރުކޮށްފާނެ ފަދަ ކަންކަން ކުރުމާއި، އެންޓި ކެންޕޭން ކުރުމާއި، ބައެއް ކެންޑިޑޭޓުންގެ އަބުރަށް ބުރޫއަރާނެފަދަ ގޮތްގޮތައް އެ ކެންޑިޑޭޓުންގެ ޒާތީ ކަންކަމަށް ފާޑުކިޔުމާއި، އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ހަދިޔާ އާއި، ރިޝްވަތު ދިނުން ފަދަ ކަންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެފަދަ ކަންކަމާ ގުޅޭ ގޮތުން އެ ކޮމިޝަނުން ކަމާ ގުޅުންހުރި އިދާރާތަކާއި ސިޔާސީ ޕާޓީތަކާ މަޝްވަރާކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. ސިޔާސީ ޕާޓީތަކުންނާއި އަމިއްލަގޮތުން ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރާ އެ އިންތިހާބުގައި، އިންތިހާބީ ގާނޫނުތަކަށް އިހުތިރާމް ކުރުމަށް އެޗްއާރުސީއެމްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރުން، އެންޓި ކެމްޕެއިން ނުކުރުމަށާއި، ވޯޓަށް ނުފޫޒުފޯރުވުމުން އެއްކިބާވުމަށާއި، އެއްވެސް ކެންޑިޑޭޓަކަށް ފުރައްސާރަކޮށް އެފަރާތްތަކުގެ އަބުރުގެއްލޭފަދަ ކަންކަން ނުކުރުމަށާއި، މުޖުތަމައުގައި ރުޅިވެރިކަމާއި ފިތުނަ ފަސާދައުފެދި އާންމު މަސްލަހަތު ގެއްލޭ ގޮތަށް ކެމްޕޭން ކުރުމުގެ އެއްވެސް ހަރަކާތެއް ނުހިންގުމަށް ސިޔާސީ ޕާޓީތަކަށާއި، އަމިއްލަ ކެންޑިޑޭޓުންނަށާއި، އެންމެހާ ފަރާތްތަކަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.