ކުޜީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ރޫޅާލި ކަޅުވަކަރު މިސްކިތް ކުރިން ދިރާގު ހުރި ބިމުގައި ބަހައްޓާނީ ނަމާދު ކުރާ ގެއެއްގެ ގޮތުގައި ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
ހެރިޓޭޖް މިނިސްޓްރީގެ 100 ދުވަހުގެ ވައުދުތަކާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ދާރުލްއާސާރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ، ކަޅުވަކަރު މިސްކިތުގައި ބަންގި ނުގޮވާނެ ކަމަށެވެ. އަދި އެ މިސްކިތުގައި މުދިމެއް ވެސް ނުހުންނާނެ ކަމަށެވެ. އެގޮތަށް ކަޅުވަކަރު މިސްކިތް ބަހައްޓަން ނިންމީ، އެމިސްކިތް ބަހައްޓާ ބިމުގެ ކުރިމަތީގައި އިސްލާމީ މަރުކަޒު ހުރުމުން، ނަމާދު ކުރާ މިސްކިތެއް ކުރިމަތީ އެހެން މިސްކިތެއް ނަމާދު ކުރެވޭ ގޮތަށް ބެހެއްޓުން ރަނގަޅު ނޫން ކަމަށް ބައެއް ދީނީ އިލްމްވެރިން ވިދާޅުވުމުން ކަމަށެވެ.
"ހަގީގަތުގައި އިސްލާމީ މަރުކަޒު ކައިރިން އެހެން މިސްކިތެއް ހުރުމުން، ދެ މިސްކިތުން ބަންގި ގޮވާ ކަހަލަ ގޮތަކަށް ހުންނަނަމަ އެހާ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވި، އެހެންވެ އަޅުގަނޑުމެން މަޝްވަރާކުރުމަށް ފަހު މިސްކިތް ހަމަ ބަހައްޓާނީ އެ ސަރަހައްދުގައި އެހެން ނަމަވެސް ކަޅުވަކަރު މިސްކިތް ހުންނާނީ ބަންގި ގޮވާ ގޮތަކަށް ނޫން ނަމަވެސް މިސްކިތަށް ބޭނުން މީހަކު އައިސް ނަމާދަށް އެރޭ ގޮތަށް،" ޔުމްނާ ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޔުމްނާ އިތުރަށް ވިދާޅުވީ، ކަޅުވަކަރު މިސްކިތުގެ ބަހެއްޓުމުގެ ގޮތުން ކުރިން ދިރާގު ހުރި ބިމުގެ ފަސްގަނޑު އެއްވަރު ކުރުމުގެ މަސައްކަތް މިހަފްތާ ތެރޭގައި ފެށޭނެ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކަޅުވަކަރު މިސްކިތުގެ އަލުން ބެހެއްޓުމުގެ ގޮތުން ކުރަން ޖެހޭ މަސައްކަތް މިހާރު ވެސް ދާރުލްއާސާރުގައި ކުރަމުންދާ ކަމަށެވެ. އެގޮތުން ހިރި ގަލުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާ ކަމަށާއި، ލަކުޑީގެ މަސައްކަތުގެ 65 އިންސައްތަށް މަސައްކަތް ނިމިފައިވާ ކަމަށެވެ.