ޔުމްނާ މައުމޫން

އާސާރީ ތަންތަން ހިމާޔާތް ކުރުމުގެ ބިލް އެކުލަވާލައިފި

ރާއްޖޭގައި ހުރި އާސާރީ ތަންތަން ހިމާޔާތް ކުރުމުގެ ގޮތުން ބިލެއް އެކުލަވާލައި އެކަމާ ގުޅުން ހުރި ފަރާތްތަކުގެ މަޝްވަރާ ހޯދަމުންދާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ހެރިޓޭޖް މިނިސްޓްރީގެ 100 ދުވަހުގެ ވައުދުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ދާރުލްއާސާރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ޔުމްނާ ވިދާޅުވީ، އެ ބިލް އެކުލަވާލައިފައިވަނީ އާސާރީ ތަންތަނަށް ގެއްލުން ދޭނަމަށް އަދަބު ދެވޭނެ ގޮތަށް ކަމަށެވެ. ބިލަށް އާއްމުންގެ ހިޔާލު ހޯދާނެ ކަމަށް ޔުމްނާ ވިދާޅުވި އެވެ.

"މިހާރު ވަނީ ބިލެއްގެ ދެލި ކޮޕީއެއް ހެދިފަ، މިހާރު އަޅުގަނޑުމެން ކުރަމުން މިދާ މަސައްކަތަކީ އެ ދެލި ކޮޕީ އަށް ހިޔާލު ހޯދުމުގެ މަރުހަލާ، ކަމާ ގުޅުން ހުރި ތަފާތު ދާއިރާތަކާ އަޅުގަނޑުމެން މަޝްވަރާ ކުރަމުން މިދަނީ،" ޔުމްނާ ވިދާޅުވި އެވެ.

ޔުމްނާ ވިދާޅުވި އެ ބިލް ތަސްދީގު ކުރެވޭ ހިސާބުން އާސާރީ ތަންތަނަށް ގެއްލުންދޭ ފަރާތްތަކަށް އަދަބު ދިނުމުގެ ގޮތުން ޖޫރިމައިނާއެއް ވެސް ކަނޑައެޅިގެންދާނެ ކަމަށެވެ. އާސާރީ ތަންތަން ހިމާޔަތް ކުރަން ގާނޫނީ އޮނިގަނޑެއް އެކުލަވާލުމަކީ ހެރިޓޭޖް މިނިސްޓްރީގެ ފުރަތަމަ 100 ދުވަހުގެ ވައުދެކެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޔުމްނާ އިތުރަށް ވިދާޅުވީ، އާސާރީ ތަންތަން އެއްކޮށް ރާއްކާތެރިކޮށް ނިމޭއިރު އެތަންތަނާ ބޭހޭ މައުލޫމާތު ނުވަތަ ތާރީހު އެނގޭނެ ފަދަ ގޮތްތަކެއް ހަމެޖެހިގެންދާނެ ކަމަށެވެ. އަދި ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ ލިސްޓް އެއްކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން ޔުމްނާ ވިދާޅުވީ ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓަށް ރާއްޖޭގެ ހަ މިސްކިތެއް މިހާރު ވެސް އަރާފައިވާ ކަމަށާއި، އިތުރު ތަންތަން ދުނިޔޭގެ ވަގުތީ ތަރިކައިގެ ލިސްޓަށް އެރުވުމުގެ މަސައްކަތް ހެރިޓޭޖް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އެހެން ނަމަވެސް ފުރަތަމަ އިސްކަން ދޭން ނިންމާފައިވަނީ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ވަގުތީ ގޮތުން މިސްކިތްތަށް ދާއިމީ ލިސްޓަށް އެރުވުމުގެ މަސައްކަތް ކުރަން ކަމަށް ޔުމްނާ ވިދާޅުވި އެވެ.