ފްލެޓް މައްސަލަ

ޔާމީން ސަރުކާރުން ފްލެޓް ދިން މީހުންގެ ނަންތައް ހާމަކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ފްލެޓް ދިން މީހުންގެ ނަންތައް މިއަދު އާއްމުކޮށްފި އެވެ.

އޭރުގެ ސަރުކާރުން ޒާތީ މައުލޫމާތު ހާމަ ނުކުރާ ކަމަށް ބުނެ، ފްލެޓް ލިބުނު މީހުންގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ. ހާމަކޮށްފައިވަނީ ހަމައެކަނި ފްލެޓް ލިބުނު ފަރާތުގެ ފޯން ނަމްބަރެވެ.

ހިޔާ މަޝްރޫއާ ގެދޮރިވެރިކުރުމުގެ މަޝްރޫއު އަދި ގުޅީފަޅު ހައުސިން ޕްރެޖެކްޓުގެ ދަށުން ފްލެޓް ލިބުނު ހުރިހާ ފަރާތްތަކުގެ މައުލޫމާތު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޓީން މިއަދު ވަނީ ހާމަކޮށްފަ އެވެ.

ފްލެޓް ދީފައިވަނީ ހައްގުވެރިންނަށްތޯ ބެލުމަށް ރައީސް ސޯލިހު އުފެއްދި ފަސް މެމްބަރުން ހިމެނޭ މިކޮމިޓީން މިއަދު ހާމަކުރި ލިސްޓުގައި ސިވިލް ސާވިސް ކެޓަގަރީ ފިޔަވާ ހުރިހާ ކެޓަގަރީއަކުން ފްލެޓް ލިބުނު މީހުންގެ ނަމާއި އެޑްރެސް އަދި އައިޑީކާޑް ނަމްބަރާއެކު ލިބުނު ޕޮއިންޓް ވެސް ވަނީ ހާމަކޮށްފަ އެވެ. އެ ލިސްޓް ވަނީ ރައީސް އޮފީސް ސައިޓްގައި ޝާއިއުކޮށްފަ އެވެ.

ފްލެޓް ލިބުނު މީހުންގެ ލިސްޓްތައް

ޔާމީން ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ތެރެއިން އެންމެ މައްސަލަ ބޮޑުވި ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ލިސްޓްގައި ހުރި ބައެއް މައުލޫމާތުތައް ފުރިހަމައެއް ނޫނެވެ. ކޮމެޓީއިން ބުނި ގޮތުގައި އެއީ ލިބިފައިވާ މައުލޫމާތު ހުރި މިންވަރެވެ. މި މަޝްރޫއަކީ ޔާމީން ވެރިކަމުގައި ހައުސިން މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ވަކި ބަޔަކަށް ފްލެޓް ދިން ކަމަށް ބުނާ އަޑުތަކެއް ފެންމަތިވި މަޝްރޫއު އެވެ.

މިއަދު ރައީސް އޮފީހުން ކުރި އިއުލާނެއްގައި ވަނީ ފްލެޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.