އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި ވާދަކުރާ ޓީސީ ޓީމުގައި ރަނގަޅު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތައް އެބަހުރި ކަމަށާއި ނަމަވެސް އެއީ ނޫސްތަކުގެ ފަލަސުރުހީތަކަށް ހަދަން އޭނާ ބޭނުންނުވާ ކަމަށް ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފި އެވެ.
ލީގުގައި ވިކްޓަރީ ބަލިކުރި މެޗަށް ފަހު ނިޒާމްބެ ބުނީ ޓީމުގެ ކަންކަން އޭނާ ރަނގަޅު ކުރާނީ ވާހަކަދައްކައިގެން ކަމަށެވެ.
"ޓެކްނިކަލީ ބަލާއިރު ޓީމުގައި އެބަހުރި ވަރަށް ބައިވަރު ކަންތައްތައް ރަނގަޅު ކުރަންޖެހޭ. އިންޖަރީތަކާއި ސަސްޕެންޝަންތަކާއި ކާޑުތަކާއި މިހެންގޮސް ބައިވަރު ކަންތައްތައް. މިރޭ ވެސް އަހަރުމެންގެ އެންމެ މުހިންމު އެއް ސްޓްރައިކަރު ނުލާ މި ކުޅެން މިޖެހުނީ. އޭނާ ހުންއައިސްގެން އުޅެން ޖެހުނީ. ދެން އެންމެ ފަހުވަގުތާ ހަމަ އަށް ވެސް ޓީމުގެ ކެޕްޓަން (ޔާމީން އިބްރާހީމް) އަށް ވެސް ކުޅެވޭނެކަން ޔަގީންނުވެފަ އޮތީ. އޭނާ ދަނޑަށް އަންނަނިކޮށް ދިމާވި އެކްސިޑެންޓަކާ ގުޅިގެން ބޮލަށް ގޮތްވެފަ ހުރީ،" ކުރިން ވިޔަންސާ އަށް ކާމިޔާބު ހޯދައިދިން ކޯޗު ބުންޏެވެ.
ނިޒާމްބެ އަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިދޭސީ ކުޅުންތެރިންގެ ކަންތައްތައް ކަމަށް ބެލެވެ އެވެ. އެއީ ރޭގެ މެޗުގައި ޓީމުގެ އެންމެ ކުރިއަށް ކުޅުނު ބްރެޒިލް ދެ ކުޅުންތެރިން ކަމަށްވާ ފޯވަޑް ރަފޭލް ބެޓިމް މާޓް (ރަފީނިއާ) އާއި އެވަޓަން ސުއާޒޯ ސަންޓޯސް ވަނީ ދެ ވަނަ ހާފު ފެށުމުގެ ކުރިން ބާލައިފަ އެވެ. މީގެ ތެރެއިން ފުރަތަމަ ހާފުގައި އެޓޭކިން މިޑްފީލްޑަރު އެވަޓަން ސުއާޒޯ ސަންޓޯސް އާއި ޓީމުގެ ބައެއް ކުޅުންތެރިން ހިތްހަމަނުޖެހިގެން އުޅުނުތަން ފެނުނެވެ.
ނަމަވެސް ނޫސްވެރިން ސުވާލުކުރުމުން ނިޒާމްބެ ބުނީ އެ ދެކުޅުންތެރިން ފުރަތަމަ ހާފަށް ފަހު ބާލަން މެޗުގެ ކުރިންވެސް އޭނާ ރާވާފައިވާ ކަމަށެވެ.
"އެމީހުން ޓީމުގެ ސިސްޓަމަށް ނުފެތެނީއެއްވެސް ނޫން. އަދި އެޓިޓިއުޑް ގޯހީ އެއްވެސްނޫން. މާކުރިން ވެސް ވިސްނީ އެމީހުން ބޭނުންކޮށްގެން ވިކްޓަރީ ވަރުބަލިކޮށްލަން. ދެން ބާލަން ވެސް ވިސްނާފައި އޮތީ،" ނިޒާމްބެ ބުންޏެވެ.
މި ދެ ކުޅުންތެރިންގެ އިތުރުން ޓީސީ އަށް ގެނެސްފައިވާ ޖަޕާނު ޑިފެންޑަރު ވަސާކީ ޔޮހޭއީ ހުރީ މި މެޗަށް ސަސްޕެންޑްވެފަ އެވެ. އޭނާ މިހާތަނަށް ކުޅުނު ދެ މެޗުގައި ދެ ރީނދޫ ކާޑު ހޯދާފައިވެ އެވެ. ކޮންމެ މެޗެއްގައި ވެސް ނުކުޅެވި، ގިނަ އަދަދަކަށް ނުރައްކާތެރި ފައުލްކުރާތީވެ، ރަތްކާޑު ދައްކަފާނެތީވެ މެޗުގެ ވަރަށް ކުރީކޮޅު ވަނީ ބާލަންޖެހިފަ އެވެ. ހަގީގަތުގައި ޓީސީ މާޒިޔާ އަތުން ބަލިވުމުގެ އެންމެ މުހިންމު ސަބަބަކީ ވެސް މި ކުޅުންތެރިޔާގެ ކުޅުން ދަށްވުމާއި އޭނާގެ ވަރުގަދަ ފައުލްތަކެވެ.
ޓީސީ މިވަގުތު އޮތި ފަސް މެޗުން އަށް ޕޮއިންޓާއެކު ޓޭބަލުގެ އަށް ވަނާގަ އެވެ.