ބޭރު ކުޅިވަރު

ޕީޓަ ޗެކަށް ޗެލްސީގެ ހަނދާންތަކާ ދުރުވެވިދާނެތަ؟

Jul 6, 2015

ޗެކް ރިޕަބްލިކްގެ ގޯލްކީޕަރު ޕީޓަ ޗެކްގެ އާ ކުލަބަކީ އިނގިރޭސިވިލާތުގެ އާސެނަލް އެވެ. ލަންޑަނަށް ނިސްބަތްވާ ޗެލްސީގައި 10 އަހަރު ހޭދަކުރުމަށްފަހު އެ ސިޓީގެ ވާދަވެރި ކުލަބު އާސެނަލް އަށް އޭނާ ބަދަލުވިތާ އަދިވީ ދެ ހަފުތާއެއްހާ ދުވަހެވެ. އާސެނަލް މިވީ 10 އަހަރު ހޯދި ކާމިޔާބީ އަށްވުރެ ކުޅުންތެރިއެއްގެ ގޮތުން ޗެކް ހޯދާފައިވާ ކާމިޔާބީތައް ގިނަ އެވެ. މިހެންވުމާއެކު އާސެނަލްގެ ކޯޗު އާސެން ވެންގާ އޭނާއާމެދު ކުރާ އުއްމީދުތައް ވަރަށް މަތިވެރި އެވެ.

އުމުރުން މިހާރު 33 އަހަރުގެ ކީޕަރު އާސެނަލްގައި ފުރަތަމަ ވެސް ކުޅެން ޖެހޭނީ ކުރީގެ ކުލަބާ ދެކޮޅަށެވެ. އެއީ އަންނަ މަހު ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗުގަ އެވެ. މިހެންވެ އާސެނަލްގެ ކުރީގެ ކުޅުންތެރިން ބުނަނީ އެކުލަބުގައި ކާމިޔާބު މީހަކަށްވުމަށް ޗެލްސީގެ ފޮނިހަނދާންތަކާ އެއްކޮށް ޗެކް ދުރުވާން ޖެހޭ ކަމަށެވެ.

"އަހަންނަށް ޔަގީން އޭނާ މޮޅަށް ކުޅޭނެކަން. އެކަމަކު އާސެނަލްގައި އޭނާ އަށް ކާމިޔާބު މީހަކަށް ވެވޭނީ ޗެލްސީގެ ހިޔާލުތަކާ ދުރަށް ގޮސްގެން. އެހާ ފަސޭހަކަމެއްނޫން ކުއްލިއަކަށް އޭނާގެ މުޅި ކެރިއަރު އެ ކުލަބެއްގައި ހޭދަކުރި ޗެލްސީއާ ދެކޮޅަށް ކުޅެގަތުމަކީ،" އާސެނަލްގެ ކުރީގެ އެއްވަނަ ކީޕަރު ޖަރުމަނުގެ ޔެންސް ލޭމަން ބުންޏެވެ.

އާސެނަލް ހޯދި މުހިންމު ކާމިޔާބީތަކުގައި ބޮޑު ހިއްސާއެއްވި ލޭމަން ބުނީ ޗެކްގެ ސިނކުޑީގައި އެއްގޮތަކަށް ވެސް ޗެލްސީ އޮވެގެންނުވާނެ ކަމަށެވެ.

"ޗެލްސީގައި އޭނާ ވަރަށް ގިނަ ކާމިޔާބު ހޯދައިފި. އޭނާ ވަރަށް ޖާނުން ގުރުބާންވި އެކުލަބަށް. އެކަމަކު ހަނދާން ކުރަން ޖެހޭނީ އާސެނަލްގައި ކާމިޔާބު ހޯދުމަށް. ޗެލްސީގެ ހުރިހާ ހިޔާލުތަކުން ދުރުވާނެޖެހޭނެ،" ލޭމަން ބުންޏެވެ.

ޗެކް ވަނީ ޗެލްސީގައި މިދިޔަ 10 އަހަރު 486 މެޗު ކުޅެ ޕްރެމިއާ ލީގު ހަތަރު ފަހަރު ހޯދައިފަ އެވެ. އަދި އެއް ފަހަރު ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ. މިއީ މި މުއްދަތުގައި އާސެނަލް އަށް ހޯދިފައިވާ ކާމިޔާބީތަކެއްނޫނެވެ. އެކުލަބަށް ލިބުނީ އެންމެ ދެ އެފްއޭކަޕެވެ.