ދުނިޔެ

އެމެރިކާ: ނަގޫރޯޅީގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރިއަށް

Mar 5, 2019

އެލަބޭމާ (މާޗް 5) - އެމެރިކާގެ އެލަބޭމާ ސްޓޭޓުގެ ލީ ކައުންޓީއަށް ނަގޫރޯޅިތަކެއް އަރައި، މިހާތަނަށް 23 މީހުން މަރުވެފައިވާއިރު، އެ ހާދިސާގައި ގެއްލުނު އެތަކެއް މީހުންނެއް ހޯދުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

އެ ކައުންޓީގެ ޝެރިފް ޖޭ ޖޯންސް ނޫސްވެރިންނަށް ވިދާޅުވީ، ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތުގައި ކުއްތާ އާއި ޑްރޯން ބޭނުންކުރަމުންދާ ކަމަށެވެ.

އެ ހާދިސާގައި ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، ވެއްޓުނު އިމާރާތްތަކުގެ ދަށުން މީހުން ހޯދުމަށް "އަތުޖެހުނު ކޮންމެ އާލާތެއްގެ" އެހީ ބޭނުންކުރަންދާކަމަށް ޖޯންސް ވިދާޅުވި އެވެ. ނަގޫރޯޅީގެ އަސަރު ގިނަ ސަރަހައްދުތަކަށް ކޮށްފައިވާއިރު، މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ހިމެނޭކަމަށްވެސް ރިޕޯޓުތައް ބުނެ އެވެ.

އަދި އެ ހާދިސާގައި މަރުވި މީހުންގެ އަދަދު އިތުރުވެދާނެކަމަށް ޖޯންސް ވަނީ އިންޒާރު ދެއްވައިފަ އެވެ.

މިއީ ނަގޫރޯޅި އަރައިގެން މިދިޔަ އަހަރު މުޅި އެމެރިކާގައި މަރުވެފައިވާ މީހުންގެ އަދަދަށް ވުރެ އިތުރު އަދެދެކެވެ.