މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގި ބޮޑު ހިޔާނާތުގެ ރިޕޯޓްއާ ގުޅޭ ގޮތުން ސުވާލު ކުރުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިސްވެރިންނާ ބައްދަލު ކުރުމަށް މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީ ސިއްރުކޮށްފި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއްދުގެ ބައްދަލުވުމުގައި ތާވަލުކޮށްފައިވަނީ އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ނެރުނު އެމްއެމްޕީއާރްސީގެ ރިޕޯޓުގައި ފާހަގަ ކުރެވުނު ކަންތައްތަކާ ގުޅޭ އިތުރު މައުލޫމާތުތައް ސާފު ކުރުމެވެ. އެގޮތުން އެމްއެމްއޭގެ ގަވަރުނަރު އަހުމަދު ނަސީރު އާއި ފައިނޭންޝިއަލް އިންޓެލިޖަންސް ޔުނިޓުގެ ކުރީގެ ވެރިޔާ އަބްދުﷲ އަޝްރަފް އާއި ހަމަ އެ މަގާމުގައި ކުރިން ހުންނެވި އާތިފް ޝަކޫރު ވެސް ހާޒިރު ކުރުކޮށް އެ ފަރާތްތަކާ ސުވާލު ކުރުމަށް ވަނީ ތާވަލުކޮށްފަ އެވެ.
ނަމަވެސް އެ ކޮމިޓީ ކުރިޔަށް ގެންދިޔައީ ސިއްރުކޮށްގެނެވެ. އެއްވެސް މީޑިއާއަކަށް ކޮމިޓީއަށް ނުވަދެވޭ ގޮތަށެވެ. -- ކޮމިޓީ ކުރިޔަށް ދާއިރު މީޑިއާތަކަށް ވަދެވޭތޯ ނުވަތަ ނުންތޯ ނިންމަނީ އެ ކޮމިޓީގައި ތިއްބަވާ މެންބަރުންގެ އިއްތިފާގުން ފާސްކޮށްގެން އެވެ.
އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާ ގުޅިގެން އާތިފް އާއި އަޝްރަފް ވެސް ވަނީ އޭސީސީއަށް ބަޔާން ދީފަ އެވެ. އާތިފް އޭސީސީއަށް ދެއްވާފައިވާ ބަޔާނުގައި ބުނެފައިވަނީ، ބީއެމްއެލް އިން ސަސްޕިޝަސް ޓްރާންސެކްޝަން ރިޕޯޓް (އެސްޓީއާރު) ފޮނުވާފައިވަނީ ބޮޑު އަދަދަކުން ފައިސާ ނަގަނީ އެމްއެމްޕީއާރުސީ އާއި އެސްއޯއެފް އާދެމެދުބޭރު ފައިސާ ގަތުމަށް ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ބުނި ނަމަވެސް އެ ކުންފުންޏަށް އެފަދަ ލިޔުމެއް ދެއްކިފައި ނެތުމުންނެވެ. އެ އެސްޓީއާރު ލިބުމާއެކު، އެސްއޯއެފް އާއި ގުޅޭ ތަހުގީގެއް ކުރެވުނު ކަމަށާއި، އެކަމާއި ގުޅޭ ރިޕޯޓެއްވެސް އެކުލަވާލެވުނުކަމަށް ވެސް އާތިފްގެ ބަޔާނުގައިވެ އެވެ.
އެ ތަހުގީގު ކުރި އަބްދުﷲ އަޝްރަފް ވެސް ވަނީ އެސްއޯއެފް އެކައުންޓުން ވަރަށް ބޮޑެތި އަދަދުތަކުން ވަރަށް ބައިވަރު ޓްރާންސެކްޝަންތަކެއް ހަދާފައިވާކަން ފާހަގަކުރެވުނު ކަމަށެވެ. އެ ޓްރާންސެކްޝަންތަކުގެ ބޮޑުބައެއް ގާތްގަނޑަކަށް ހަފްތާއެއްގެ ތެރޭގައި އެކައުންޓުން ބޭރުކޮށްފައިވާކަންވެސް ފާހަގަ ކުރެވިފައިވާކަމަށް އޭސީސީއަށް ބަޔާން ދީފަ އެވެ.