ފީއަލި

ފީއަލީ ގޮނޑުދޮށުން 15 ޓަނުގެ ކުނި އެމްޓީސީސީން ނަގައިފި

ޑެންގީ ފެތުރުމުގެ މައްސަލަ ބޮޑުވެފައިވާ ފ. ފީއަލީ ގޮނޑުދޮށުން 15 ޓަނުގެ ކުނި ނަގައިފި އެވެ.

ފީއަލީ ގޮނޑުދޮށް ސާފުކޮށް ދިނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންނެވެ. އެ ކުންފުނިން ބުނީ އެ ރަށް ސާފުކޮށް ދިނީ ފީއަލީގައި މަދިރީގެ ސަބަބުން ފެތުރޭ ނުރައްކާތެރި ޑެންގީ ހުން އެ ރަށުގައި ފެތުރުމުގެ މައްސަލަ ބޮޑުވެފައިވާތީ އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ދަށުން ކަމަށެވެ.

އަމިއްލަ އިސް ނަގައިގެން އެމަސައްކަތް ކޮށްފައިވަނީ ފީއަލީގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށާއި މަދިރި އާލާވާ ގޮތަށް އުފެދިފައިހުރި ކުންޏާއި، އެހެނިހެން ބާވަތުގެ ކުންޏާއެކު 15 ޓަނުގެ 6 ލޮރީގެ ކުނި ނަގާފައިވާ ކަމަށެވެ.

އެމްޓީސީސީން ވަނީ އެކުނިތައް އެ ކުންފުނީގެ ލޭންޑިން ކްރާފްޓެއްގައި ތިލަފުއްޓަށް ގެންގޮސް ނައްތާލަން ވެމްކޯއާއި ހަވާލުކޮށްފަ އެވެ.

ޑެންގީގެ ނުރައްކާ ބޮޑުވެ ފީއަލީއިން މިދިއަ މަހުގެ ތެރޭގައި ދެ ފަހަރަށް ކުދީން މާލެއަށް ގެންނަން ޖެހުނެވެ. އޭގެ ތެރެއިން ފުރަތަމަ ފަހަރު ފަސް ކުއްޖަކު މާލެ ގެނަ އެވެ. މާލެ ގެނައި ކުދިންގެ ތެރެއިން ދެ ކުއްޖަކު ރާއްޖެއިން ބޭރަށް ފޮނުވި އެވެ. އޭގެ ފަހުން ވެސް ފީއަލީގައި ޑެންގީ ފެތުރި އިތުރު ކުދިންތަކެއްގެ ހާލު ބޮޑުވި އެވެ.