ހަބަރު

ރައީސް ވަޑައިގަންނަވާ ކެެމްޕެއިން ދަތުރުތަކުގެ ހަރަދު ބަލަހައްޓާނީ ޕާޓީއިން: އެމްޑީޕި

އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނަށް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ކުރައްވާ ދަތުރުފުުޅުތަކުގެ ހަރަދުތައް ބަލަހައްޓަނީ އެމްޑީޕީން ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑިޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މަޖިލިސް އިންތިހާބުގެ ސްޕޯކްސްޕާސަން އަފުޝަން ލަތީފު ވިދާޅުވީ، ރައީސް ސޯލިހު ބައިވެެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ބައްދަލުވުން މިރޭ ކ. ގުރައިދޫގައި އޮންނާނެ ކަމަށެވެ.

އަފްޝަން ވިދާޅުވީ، ރައީސް ސޯލިހު ކުރައްވާ ހުރިހާ ކެމްޕެއިން ދަތުރުފުޅެއްގެ ހަރަދުތައް ބަލަހައްޓާނީ އެމްޑީޕީން ކަމަށާއި، އެގޮތުން ދަތުރާއި، ހުރުމާއި، ކެއުމުގެ ހަރަދުތައްވެސް ކުރާނީ އެމްޑީޕީން ކަމަށެވެ. ރައީސް ސޯލިހު މިރޭ ގުރައިދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ގެންދަވަނީ މިހާރުވެސް އެދާއިރާއަށް ދަތުރުފުޅެއް ކުރައްވަމުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ރައީސް ސޯލިހު ބައިވެރިވެވަޑައިގަންނަވާ ކެމްޕެއިން ދަތުރުތަކުގެ ހަރަދުތައް އެމްޑީޕީން ކުރަން ހަމަޖައްސާފައިވާ އިރު، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމްގެ ވެރިކަމުގައި ކުރެއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ސަރުކާރުން ޙަރަދުކުރި މައްސަލައިގައި ވަރަށް ބޮޑެތި ފާޑުކިއުންތަކެއް ރައީސް ޔާމީނަށް އަމާޒުވި އެވެ.