ހަބަރު

އެމްޑީޕީއިން ޝަކުވާކުރުމުން އީސީއަށް މެންބަަރަކު އައްޔަން ކުރުން ފަސްކޮށްފި

Mar 5, 2019

އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރުމާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓާ މެދު ވެރިކަން ކުރާ އެމްޑީޕީގެ ކަންބޮޑުވުންތަކެއް ހުރުމުން އެ މައްސަލަ ބެލުމަށް ފަހު އެ މައްސަލަ އެޖެންޑާ ކުރަން މަޖިލީހުގެ ރިޔާސަތުން ނިންމައިފި އެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލީ 16 ބޭފުޅެއްގެ ނަން ދިރާސާކުރުމަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުގައި، އެންމެ މަތިން މާކްސް ލިބިފައި ވަނީ މިހާރު ވެސް އީސީގެ މެންބަރަކަށް ހުންނެވި އިސްމާއިލް ހަބީބްއަށެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މާކްސް ލިބުނީ، އަހްމަދް މޫސާ އަމްސާވިލާ މާލެ އަށެވެ. ކޮމިޓީގެ ރިޕޯޓްގައި ހުށަހަޅާފައި އޮތީ އެދޭބޭފުޅުންގެ ނަން މަޖިލީހުގެ ތަޅުމަށް ހުށަހަޅައި ރުހުން ހޯދުމަށް ވޯޓް ނަގާ ގޮތަށެވެ.

އެގޮތަށް ވޯޓަށް އެހުމަށް މިއަދު ތާވަލްކުރި އެވެ. އެހެން ނަމަވެސް، މަޖިލީހުގެ ރިޔާސަތުން އިއުލާން ކުރެއްވި ގޮތުގައި އެމްޑީޕީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވަނީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން މަޖިލީހުގެ ފްލޯއަށް ފޮނުވި ރިޕޯޓަކީ ކޮމިޓީއިން ފާސްކުރި ރިޕޯޓް ނޫން ކަމަށް ވިދާޅުވެ ސިޓީފުޅެއް ފޮނުއްވާފައި ކަމަށެވެ. އެހެން ކަމުން އެ މައްސަލަ ބަލައި ނިމުމުން ނޫނީ އީސީގެ މެންބަރުކަމަށް ބޭފުޅަކު އައްޔަން ކުރަން ވޯޓަށް ނާހާނެ ކަމަށް ވެސް ރިޔާސަތުން އިއުލާން ކުރެއްވި އެވެ.

މީގެ އިތުރުން ކުޑަކުދިންގެ އަދުލުމުގެ ބިލާއި ޖަމްއިއްޔާތަކާ ގުޅޭ ބިލް ބަލައިގަނެ އިޖްތިމާއީ ކޮމިޓީއަށް ފޮނުވަން ވަނީ ފާސްކޮށްފަ އެވެ. އެގޮތަށް ތާއީދުކޮށް ވޯޓްގައި ބައިވެރިވެ ވަޑައިގަތް 59 މެންބަރުން ވޯޓް ދެއްވި އެވެ.