(3 މާރިޗު 2019 އާ ގުޅޭ)
"އަހަރެން އައީސުރެން ރައުލްގެ ސަމާލުކަން ލިބޭތޯ ފަހަތުން ދުވުންނޫންކަމެއް ނުކުރެވޭ، އެކަން މިއަދުން ފެށިގެން މި ހުއްޓާލީ، ތީ އަހަރެންގެ ވާންއުޅޭ ފިރިމީހާއެއްނޫން، އެހެންވީމަ... އަހަރެން އެނބުރި ދިއުމުގެ ކުރީން ގަނޑުވަރުތެރެއާއި ކަނޑުގެ ބަގީޗާތައް ބަލާލަން ބޭނުން، ފޮނި ހަނދާންތަކަކާއެކު އެނބުރިދާން ބޭނުންވަނީ، އަހަރެންނަށް އެތަންތަން ދައްކާލަން ގެންގޮސްދޭނަންތަ؟" ސަމިއާނާ އަހާލިއެވެ.
ސަމިއާނާގެ ކޮޓަރިން ރައުލް ނުކުމެގެން ދިޔައީ ހިތްހަމަޖެހިފައި ހުރެއެވެ. ރައުލްގެ ހިތުގައިވާ އެއްޗެއް ސަމިއާނާއާ ޚިއްޞާ ކުރިއިރު އެއީ މިވަގުތައް އޮތް އެންމެ ރަނގަޅު ހައްލުކަމުގައި ރައުލްއަށް ވެސް މިހާރު ޤަބޫލުކުރެވެއެވެ. ގަނޑުވަރުގެ އުތުރުބަޔަށް އައުމަށް އަޅާފައި އޮތް ދާލަން މަތީ ރައުލް މަޑުކޮށްލައިގެން ހުރީ ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރިހެންނެވެ. ޖިންނިއަކު އަންނަކަން އެނގި ރައުލް ބަލާލިއެވެ. އޭރު ޔާފިއާ އެ ދިމާއަށް އާދެއެވެ.
"ރައުލް... ކީއްވެފަ ތިހުރީ؟" ރައުލްގެ މޫނަށް ނިކަން ފަރުވާތެރިކަމާއެކު ބަލާލަމުން ޔާފިއާ އަހާލިއެވެ.
"ދަމުން މިތަނުގައި މަޑުކޮށްލީ" ރައުލް އަހާލިއެވެ.
"މިއަދު އެއްގޮތަކަށް ވެސް ސަމިއާނާގެ ޚަބަރެއްނުވޭ، ހެނދުނު ވެސް އައިން، ބައްދަލުވާގޮތް ނުވީމަ އެނބުރިދިޔައީ، އަނެއްކާ ވެސް މިއައީ އޭނާއަށް ވެގެން އުޅޭގޮތެއް އެނގޭތޯ؟... ހާސްނުވޭ، އޭނާ އެނބުރިދަންދެން އަހަރެން އޭނާއާ ދުރަކަށްނުދާނަން" އެންމެ ފަހު ޖުމްލަ ޔާފިއާ ބުނެލީ ރައުލްގެ ގާތަށް ޖެހިލައި ނިކަން ސިއްރުންނެވެ.
"ބަލިވެ އުޅެނީ... އަރާމުކޮށްލަންށޯ ބޭނުންވަނީ، ދޭބަލަ... ފަހަރެއްގައި ވެގެން އުޅޭގޮތެއް ޔާފިއާ ގާތު ބުނެދާނެ" ރައުލް ބުނެލިއެވެ. ޔާފިއާ ލާނެތް ހިންޏެއް އައިސްފައި ހުރެ ބޯޖަހާލިއެވެ. ޔާފިއާގެ ގާތުގައި ހަޤީޤަތް ހާމަކުރަން ރައުލް ބޭނުންނުވީއެވެ.
* * * * *
ކަރުތާފެނަށް އެރި ހުރި އީޝަލް މަސައްކަތް ކުރަމުންދިޔައީ ލޮނުގެ ވާރޭ ވެހޭނޭ ގޮތް ހެދުމަށެވެ. ދޭތެރެއަކުން ހިމަފޮދު ވާރޭގެ އަސަރެއް ކޮށްލައެވެ. ނަމަވެސް ގިނައިރަކު އެގޮތުގައި ހިފަހައްޓައެއްނުލެވެއެވެ. އޭނާގެ ހަރަކާތްތަކަށް ބަލަން އެއްގަމުގައި މީކާޢިލް ހުއްޓެވެ.
"މިޝަލް..." މީކާޢިލްގެ ޚިޔާލުތައް މާޒީގެ ތެރެއަށް ދަތުރުކުރިއެވެ. އެއީ މިޝަލްއާއެކު ހޭދަވި ވަގުތުތަކުގެ ތެރެއިން ޚާއްޞަ ރެއެކެވެ. މިޝަލްއާއެކު ފުރިހަމަ ހަނދުވަރުގެ އަލީގައި މީކާޢިލް އުފާ ހާސިލުކުރި، ހަނދާނުން ފުހެނުލެވޭނޭ ރެއެކެވެ. އެރޭ ލޯބިވެރިޔާއާ ދެމެދު ކުރެވެމުންދިޔަ ސަމާސާތަކުގެ ތެރެއިން މިޝަލް ތެތްމާލުމަށް އޭނާ ވެސް ބޭނުންކުރީ އެފަދަ އުކުޅެކެވެ. ލޮނުގެ ވާރޭގައި މިޝަލް ތެތްމާލީ ގަސްދުގައެވެ. އެރޭގެ ހަނދާންތަކާއެކު މީކާޢިލްއަށް ލޯމަރާލެވުނެވެ. އަދި ނިތްކުރީގައި ކަނާއަތުން ހިފަހައްޓާލިއެވެ. އޭނާގެ މޫނުގައިވީ ކުލަވަރު މޮޅިވެރިކަމަށް ބަދަލުވިއެވެ.
"އަހަރެން ހިތަށް އަރާ މިރޭ މިވަގުތުކޮޅު ދުވަހަކުވެސް ނިމުމަކަށް ނާންނާނެ ނަމައޭ، އަހަންނަށް މީކާޢިލް އާއި ނުލާ ދެނެއް ނޫޅެވޭނެ، މީކާޢިލް އާއި ދުރުވާންޖެހޭފަދަ ދުވަހެއް އައިސްފިނަމަ އަހަރެން މަރުވެސް ވެދާނެ، ޕްލީސް ބުނެބަލަ....ބުނެބަލަ މީކާޢިލް މުޅިއުމުރަށް އަހަރެންދެކެ ލޯބިވާނަމޭ، ދުވަހަކުވެސް އަހަންނާ ދުރުވާންޖެހޭވަރުގެ ކަމެއް ނުކުރާނަމޭ"
މިޝަލްގެ އަޑު މީކާޢިލްގެ ކަންފަތުގައި ގުގުމާލި ކަހަލައެވެ. އެރޭ މިޝަލް ދެއްކި ވާހަކަތަކުގެ ތެދުކަން މިހާރު އޭނާއަށް އިޙްސާސް ވެއެވެ. ދުނިޔެވީ އުސޫލުތައް އެ ދެ މީހުންގެ ލޯބީގެ ހުރަހަކަށްވީއެވެ. އެކަކާއިނުލާ އަނެކަކަށް ދިރިއުޅެން ދަތިވާނޭކަން އެނގޭއިރު ފަހަރެއްގައި ވެސް ކުރިން ވަކިވެގެންދާނީ މިޝަލްކަމަކަށް މީކާޢިލް ހިޔެއްނުކުރެއެވެ.
ޚިޔާލުތަކުގެ ތެރެއަށް ގެއްލިފައި ހުރި މީކާޢިލް ސިއްސައިގެން ދިޔައީ އޭނާއަށް ވާރޭގެ ހަމަލާއެއް އައުމުންނެވެ. ހެމުންހެމުން ލޮނުގަނޑުން އަރައިގެން އަންނަ އީޝަލް ފެނުނީ ދެނެވެ.
"މިޝަލް އިންސިއަކަށްވިޔަސް ބަލިކަށިނަމަ އަހަރެމެންގެ މި ހުރި ދަރިފުޅު އުފަންނުވީސް، ކޮންމެ އިންސިއަކަށް އަހަރެމެން ފަދަ މަޚުލޫގުންނަށް ދަރީން އުފަން ނުކުރެވޭނެ.... އެރޭ އަހަރެން މިޝަލް ތެތްމާލީ... މިޝަލް! ތި ރީތިކަން އެ ދަރިފުޅަށް ދޫކޮށްދިޔައިރު ތި ދިޔައީ މިޝަލްގެ ހިތްވަރު ވެސް އެކުއްޖާއަށް ދީފައި، އޭނާ ތަރުބިއްޔަތުކުރަން މިޝަލްނެތް ނަމަވެސް އެކުއްޖާއަށް މިޝަލްގެ ޠަބީޢަތް ލިބިފައިވާކަހަލަ، މިއަދު އަހަރެންނަށްވުރެ އޭނާ ކުޅަދާނަވެއްޖެ، މި ހުރިހާކަމެއް ދުށުމަށް މިޝަލް ހުރިނަމައޭ ހިތަށް އަރާ... އަހަރެމެންގެ ދަރިފުޅު ބޮޑުވެ އޭނާގެ ދަރިފުސްކޮޅު މި ދުނިޔެއަށް ފެތުރޭތަން ދުށުމަށް އަހަރެންގެ ގާތުގައި މިޝަލް ހުރުމަށް މިއަދު ވަކިން ބޮޑަށް އެދެވޭ... ތި ދަޔައީ މާއަވަހަށް... މާއަވަހަށް..." އިސްއުފުލާލައިފައި އަލުން މީކާޢިލްއަށް އިސްޖަހާލެވުނީއެވެ.
"މަޢާފުކުރޭ ބައްޕާ" މީކާޢިލް އިސްޖަހާލިތަން ފެނުމުން އީޝަލް ހުނުން ހުއްޓާލިއެވެ. އަދި މީކާޢިލްގެ ގާތުގައި އައިސް ހުއްޓިލިއެވެ. އޭރު ކެރިކަނޑައިގެން ހިނގައްޖެއެވެ. ނަމަވެސް ފަޒާއަށްވަނީ ލޮނުގެ ތެތްފިނިކަން ވެރިވެފައެވެ.
"އީޝަލް" މީކާޢިލް މަޑުމަޑުން ގޮވާލިއެވެ. އަދި ދަރިފުޅު ގެނެސް ގަޔާކައިރިކޮށްލިއެވެ. މަޑުމަޑުން އީޝަލްގެ ބޮލުގައި ފިރުމާލިއެވެ.
ބަހެއްނުބުނެ އީޝަލް މަޑުމަޑުން ހުއްޓެވެ. ބައެއްފަހަރަށް މީކާޢިލްގެ ފުށުން ބަލިކަށިން ފާޅުވާތަން އީޝަލްއަށް މީގެ ކުރީން ވެސް ވަނީ ފެނިފައެވެ. ނަމަވެސް އެ ސިފަ އޭނާ ދުށީ މަދުފަހަރަކުއެވެ. އާވާރާވެފައިވާ މީހެއް ފަދައެވެ. އެ ދެ ލޮލުގައިވާ އެކަނިވެރިކަން އީޝަލްއަށް މިއަދު އިޙްސާސް ކުރެވެއެވެ. ހިތްއެދޭ ލޯބިވެރިޔާއާ ދުރުގައި ހުންނަން ޖެހުމުން އީޝަލް މާޔޫސްވެފައިވާވަރު ޚުދު އޭނާއަށް އެނގެއެވެ. ވީއިރު އަބަދަށް ޓަކައި އެ ލޯތްބާ ވަކިވާން ޖެހިއްޖެނަމަ ވާނޭގޮތެއް ބުނަން އީޝަލްގެ ވިސްނުމަކަށް ނައެވެ. ފުރާނަ ހުއްޓެއްކަމަކު ދިރިހުރުމުގެ އުންމީދު ކަނޑޭނޭކަން އޭނާގެ ޟަމީރު އެއްބަސްވެއެވެ. މީކާޢިލްގެ ހާލު ދެނެގަންނަން މިއަދު އީޝަލްއަށް އެނގެނީ އެހެންވެއެވެ.
"މިއަދަށް ނިމުނީ" މީކާޢިލް ބުންޏެވެ. އަދި އެތަނުން ދިއުމަށް އެނބުރިލިއެވެ.
"ބައްޕާ" ލޯތްބާއި އޯގާތެރިކަމާއެކު އީޝަލް ގޮވާލިއެވެ. އަދި މީކާޢީލްގެ އަތައް ދަމާލައި ދޮންވެލިގަނޑު މަތީ ބޭންދިއެވެ. މީކާޢިލްގެ ކަނާތުމުލައްދަނޑީގައި ދެއަތުން ހިފައިލައި އޭނާގެ ކޮނޑުގައި ބޯއަޅައިގެން އީޝަލް އިނެވެ. މަޑުމަޑުން މީކާޢިލްގެ އަތުގައި އީޝަލް ފިރުމާލިއެވެ.
"މި ހުރިހާ ބާރެއް އަޅުގަނޑަށް ލިބިފައިވާއިރު ވެސް މި ބާރުތަކުން ބައްޕައަށް ޓަކައި ކޮށްދެވޭނޭކަމެއްނެތް" އީޝަލް ބުނެލިއެވެ. މީކާޢިލް ބޯއަރިކޮށް ދަރިފުޅުގެ މޫނަށް ބަލާލިއެވެ.
"އަހަރެމެންގެ ތެރޭގައި އަންހެނުން އުޅޭގޮތަށް ދަރިފުޅަށް ނޫޅެވޭނޭކަން އެނގެއެއްނު، އެހެންވީމަ ދަރިފުޅަށް ލިބިފައިވާ ބާރާއި ހުނަރު ދިމާވާ ނުރައްކަލެއްގެ ހުރަހަކަށް މެދުވެރިވާނެ، ދަރިފުޅުގެ ސަލާމަތް އެ ބާރާއި ހުނަރަށް ބަރޯސާވާނެ، އަމިއްލަ ބާރާމެދު ޝައްކުނުކުރޭ، އެއީ ބޭކާރުކަމެއްކަމުގައި އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެ، އަހަރެމެންގެ ތެރޭގައި ހެވިކަމުގައި އަންހެނުންނެއްނޫޅޭނެ، އެހެންވެ ހަނގުރައިމައިގެ ހުނަރެއް އެމީހުންގެ ނުހުންނާނެ... ދަރިފުޅަށް ހުރިހާކަމެއް ބައްޕަ މި ބުނެދެނީ ސަބަބެއްނެތިއެއްނޫން، ގޯހެއް ވުމަކަށް ފުރުޞަތެއްނުދެވޭނެ، ކިތަންމެ ހަނި ފުރުޞަތަކުން އަރާ ހަމާލައިގައި ފުރާނަ ވެސް ހިނގައިދާނެ، ޖިންނީންގެ ދުނިޔޭގައިވަނީ ހަމައެކަނި އަހަރެމެންގެ ނަސްލު އެކަންޏެއްނޫންކަން އީޝަލްއަށް އެނގެއެއްނު" މީކާޢިލް ބުންޏެވެ.
"މަންމަ އަނބުރާ ގެނެވޭފަދަ ބާރެއް ލިބޭނެނަމަ" އީޝަލް މަޑުމަޑުން ބުނެލިއެވެ. މީކާޢިލްއަށް އެ އަޑު އިވުމުން ހިމޭނުން ވަގުތުކޮޅަކު އިނުމަށްފަހު ފިނިނޭވާއެއް ދޫކޮށްލިއެވެ. އަދި އޭނާގެ މުލައްދަނޑީގައިވި އީޝަލްގެ އަތްތިލައިގައި މަޑުމަޑުން ޖަހާލިއެވެ.
"އެފަދަ ބާރެއް އަހަރެމެން ޖިންނީންނަށް ވެސް ލިބިފައެއްނުވޭ، އަހަރެމެންގެ ފުރާނަ މިހަށިގަނޑުތަކާ ވަކިވުމުން އަހަރެމެންގެ ވެސް ނިމުން އައީ" ވިސްނައިދޭ ފަދައިން މީކާޢިލް ބުންޏެވެ.
"އަޅުގަނޑަށް އެނގޭ މަންމަ ނެތުމުން ބައްޕަ ވަރަށް އެކަނިވެރިކަން، އަޅުގަނޑާމެދު އެހާ ބޮޑަށް ބައްޕަ ކަންބޮޑުވަނީ ވެސް އެހެންވެ، ބައްޕަ ކީއްވެތަ އަޅުގަނޑަށް މަންމަގެ އެއްވެސް ވާހަކައެއް ކިޔައިނުދެނީ، ލޯގަނޑުން އަމިއްލަ ސޫރަ ފެނުމުން ވަރަށް ހިތަށް އަރާ އަޅުގަނޑު ހުންނަ ގޮތަށްބާއޭ މަންމަ ހުންނާނީ، މަންމަގެ އެއްވެސް ސިފައެއް އަޅުގަނޑުގެ އެބަހުރިބާއޭ... މަންމަގެ ދިރިއުޅުން ހުރީ ކިހިނެއްބާއޭ، ބައްޕައާއި މަންމަ ބައްދަލުވި ކިހިނެއްބާއޭ... މަންމައަށް އަޅުގަނޑު ފެނުނު ވަގުތު މަންމަގެ ޝުއޫރުތައް ހުރީ ކިހިނެއްބާއޭ... އެއިން އެއްވެސް ކަމެއް ހަނދާން ހުންނަވަރަށްވުރެ އަޅުގަނޑު މާކުޑަ... އެހެންވިޔަސް މަންމަގެ އުނގުގައި އަޅުގަނޑު ހޭދަކުރި ކޮންމެ ވަގުތެއް ހަނދާނުގައި ރައްކާކުރެވޭ ފަދަ ގޮތެއް މެދުވެރިވިނަމައޭ ހިތަށް އަރާ، އޭރުން އަޅުގަނޑުގެ ހަނދާނުގައި މަންމަގެ ލޯބިވެތި ބީހުމަކީ ކޮބައިކަން ހަރުލާފައި ހުރީސް، އެ ބީހުމުގެ އިޙްސާސްތައް ހިތުގައި ފޮރުވައިލެވުނީސް" އީޝަލްގެ އަޑުގައިވި ޝަކުވާ މީކާޢިލްއަށް ފުން އަސަރުތަކެއް ކުރުވިއެވެ.
"މިޝަލް... ދަރިފުޅު އުފަންކުރުމަށް މިޝަލް ބުރަތަކެއް އުފުލި، އެކަމަކު ދަރިފުޅު އުފަންވާނޭ ވަގުތަކަށް އޭނާ އިންތިޒާރުކުރި، އިންސާނުންގެ އުސޫލުތަކާއި އޭނާ ދެކޮޅުވެ ދަރިފުޅު ރައްކާތެރިކުރި... ދަރިފުޅާމެދު އެންމެން ކަންބޮޑުވެފައިވީއިރު ވެސް މިޝަލްގެ މޫނުގައި ހާސްކަމުގެ އެއްވެސް އަސަރެއްނުވޭ... އީޝަލް... ލޯމަރާލާ... ދަރިފުޅުގެ މަންމައާ ބައްދަލުކޮށްދޭނަން" މީކާޢިލް ބަލަން އިންއިރު އޭނާގެ ތުންފަތުގައިވަނީ ލުއި ހިނިތުންވުމެކެވެ. ކެތްތެރިކަން ކުޑަވެފައި އިން ފަދަ ގޮތަކަށް އީޝަލް އަވަސް އަވަހަށް މީކާޢިލްގެ ކޮނޑުން ބޯނަގައި ހަމަޖެހިލުމާއެކު ދެ ލޯ މަރައިފިއެވެ. އެއާއެކު މީކާޢިލް ވެސް ދެ ލޯ މަރާލައި އީޝަލްގެ ނިތްކުރީގައި އަތްޖައްސާލިއެވެ. އަދި މަޑުމަޑުން އަތްތިލި ތިރިކުރަމުން ގެނެސް އީޝަލްގެ ދެ ލޮލުގެ މަތީ އަތްތިލަ ޖައްސާލައިގެން އިނެވެ.
އީޝަލް ފެނުނީ ބޮޑު މަގަގުން ހިނގާފައި އައި ދެ އަންހެންކުދީންނެވެ. އެކަކުގެ ސޫރަ ހުރީ ފަނޑުވެފައެވެ. ނަމަވެސް ދެން ހުރި އަންހެންކުއްޖާގެ ސޫރަ ސާފުކޮށް ފެނެއެވެ. އޭނާގެ ކޮންމެ ހަރަކާތެއް އީޝަލްއަށް ފެންނަމުންދިޔައީ ނިކަން ގާތުންނެވެ. އަނދިރިކަން ވެރިވުމަށްފަހު ދެންފެންނަންފެށީ ކޮޓަރިއެކެވެ. ކުޑަދޮރެއްގެ ތެރެއިން އެ ކޮޓަރިއަށް ވަދެވުނުކަމުގެ އިޙްސާސް އީޝަލްއަށް ކުރެވުނެވެ. އެއާއެކު ފެނުނީ ކޮޓަރިތެރޭގައި ހިނިއައިސްފައި ހުރި އަންހެންކުއްޖާއެވެ. އެއަށްފަހު އަނެއްކާ ވެސް ފެންނަ މަންޒަރު ބަދަލުވިއެވެ. ވިހޭގެތެރެއެއްގައި އީޝަލްއަށް ހުރެވުނު ކަހަލައެވެ. އެތަނުގައި ބަލިމީހުން އުޅޭކަމުގެ ހިލަންވެއެވެ. އެނދުގައި އޮތީ މިޝަލްއެވެ. ވަށައިގެން ހުރީ ފަރުދާގެ އިސްކުރީނުތައް ދަމައި ނިވާކޮށްފައެވެ. ތުއްތު ކުއްޖާ ގާތްކޮށްލައިގެން މިޝަލް އޮތްއިރު އެނދުގެ ފައިލާ ކޮޅުގައި ބަހީރާއާއި ބަލްޤިސް ހުރިތަން އީޝަލްއަށް ފެނުނެވެ.
"މަންމާ..." ބޭއިޚްތިޔާރުގައި އީޝަލްއަށް ގޮވާލެވުނެވެ. ކުރިއަށް އަތްދަމާލީ މިޝަލްގެ މޫނުގައި އަތްލުމަށެވެ. އަދި އިޚްތިޔާރަކާއިނުލާ މެރިފައިވާ ދެ ލޮލުން ކަރުނަ ފާޅުވެ ދެ ކޯތާފަތް ތެމިއްޖެއެވެ. މީކާޢިލް މަޑުމަޑުން އީޝަލްގެ މޫނުން އަތްތިލަ ނެގިއެވެ. އީޝަލްއަށް އަމިއްލަ މޫނުގައި އަތްލެވުނެވެ. އީޝަލްގެ ކޮނޑުގައި ހިފާލައި ގެނެސް މީކާޢިލްގެ މޭގައި ދަރިފުޅު ލައްކޮށްލިއެވެ. އަދި މިޝަލްގެ ވާހަކަތައް މީކާޢިލް ކިޔައިދޭން ފެށިއެވެ.
"ރޫފަސް ކަހަލަ ޖިންނީންނާއި މަނިކު ފަދަ އިންސާނުންނާ ހަމަ ހުރެފައި ކުރިމަތިއެއްނުލެވޭނެ، ތައްޔާރުނުވާނަމަ، އެފަދަ ބާރެއް ނެތްނަމަވެސް... އެ މީހުންގެ ގާތުން ކުރިއެއްނުލިބޭނެ، ދާދި ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ އެ މީހުންގެ ދުޝްމަނުންގެ ފުރާނަ ދަމައިގަންނާނެ، ބައްޕައާއި ޒިޔަޒެލް ދަރިފުޅު ރައްކާތެރިކުރި ނަމަވެސް ނޭނގި ތިއްބާ ހަމަލާއެއް ކުރިމަތިވެދާނެ، އެފަދަ ވަގުތެއްގައި ވެސް ދަރިފުޅު އަމިއްލައަށް ރައްކާތެރިކަން ހޯދަން އެނގުން ވަރަށް މުހިންމު" މިޝަލްގެ ވާހަކަތައް ކިޔައިދީ ނިންމާލުމަށްފަހު ސީދާ އީޝަލްއާ ހަތަރުކަޅި ހަމަކޮށްލަމުން އޭނާއާ މީކާޢިލް ވާހަކަދެއްކިއެވެ.
"ރައުލްއަކީ އެހެން ނަސްލަކުން އައި ޖިންނިއަކަށްވާތީކަން އެނގޭ ބައްޕަ އޭނާއަށް އިތުބާރުނުކުރަނީ، އަޅުގަނޑުގެ ރައްކާތެރިކަން އަމިއްލައަށް ހޯދާނަން، ބައްޕަ އެކަމާ ކަންބޮޑުނުވޭ" އީޝަލް ބުންޏެވެ.
"އަހަރެމެން އެންމެންނަށް ވެސް ހައްދު ކަނޑައެޅިގެންވޭ، އެމީހުންނަކީ ކަނޑުގެ ދަރީންނަށްވީއިރު އެ މީހުންނަށް ފަސޭހައެއްނުވާނެ ގިނަ ދުވަހު އެއްގަމުގައި އުޅޭކަށް، އެހިސާބަށް ބިމުގައި އުޅޭ ހުރިހާ ޖިންނީންނަކަށް ވާސިލެއްނުވެވޭނެ، އެ މީހުން ބޭނުންވެގެން ގެންގޮސްފިނަމަ އެބައިމީހުން ދިރިއުޅޭ ތަނަކަށް ވަދެވިދާނެ، އެހެންވެ މެދުވެރިއަކު ބޭނުންވަނީ... ކަނޑުގެ މަޚަލޫޤެއް މެދުވެރިވެ ކޮންމެ ޖިންނިއަކަށް ވެސް ކަނޑުގައި ދަތުރުކުރެވިދާނެ، ރައުލްގެ ބައްޕަ ބޭރީތަކީ ކަނޑުގައި ދިރިއުޅޭ އާދައިގެ ޖިންނިއެއްނޫން، އަހަރެމެންގެ ތެރޭ ރަސްކަލުންދެކެ ބިރުގަންނަނީ އެ މީހުންގެ ބާރާއި ނުފޫޒު އެނގޭތީވެ، ރައުލްއަށްވުރެ އޭނާގެ ނުފޫޒު ދަރިފުޅުގެ މައްޗަށް ގަދަވެދާނޭތީ ބައްޕަ ކަންބޮޑުވޭ، ރައުލް ބަދަލުވާން ޖެހޭނެ ދަރިފުޅާ ކައިވެނިކުރާނަމަ، އެ ބަދަލަށް ބޭރީތު ފުރުޞަތެއްނުދޭނެ" މީކާޢިލްގެ ހާސްކަން ރައުލްއަށްވުރެ ބޮޑަށް ގުޅިފައިވަނީ ބޭރީތާއެވެ. ރައުލްގެ ފުށުން ނުރައްކަލެއްގެ އިހްސާސް ނުކުރެވުނު ނަމަވެސް ބޭރީތުގެ ނަޒަރު އީޝަލްއަށް ހުއްޓިއްޖެނަމަ އަމާންކަމާއެކު ހުރިހާކަމެއް ދާނޭކަމުގެ ޔަގީންކަމެއް މީކާޢިލަށް ނެތެވެ.
"ރައުލްއަށް އިތުބާރުކުރަން އަޅުގަނޑު ބޭނުން، އޭނާ... އޭނާ އަޅުގަނޑަށް ދެރަގޮތެއްވާން ދޫކޮށްނުލާނޭ ހިތް ބުނަނީ، ރައުލްއަކީ އޭނާގެ ބައްޕައެއްނޫން" ރައުލްގެ މައްޗަށް އޮތް އިތުބާރު ގެއްލެން އީޝަލް ނޭދެއެވެ.
* * * * *
ސަމިއާނާ އެނބުރިދާން ހަމަޖައްސާފައި އޮތް ދުވަހު އޭނާ އެދުނު ފަދައިން ގަނޑުވަރާއި މުރަކައިގެ ބަގީޗާތައް ދައްކާލުމަށް ރައުލް އޭނާ ގެންދިޔައެވެ. ނަމަވެސް އެކަހެރިކޮށެއްނޫނެވެ. އެ މީހުންނާއެކު ރާވިންނާއި ޔާފިއާގެ އިތުރުން އެހެން މެންބަރުން ވެސް ބައިވެރިވިއެވެ. ހުނުމާއި ސަކަރާތުގެ މާޙައުލެކެވެ. ސަމިއާނާގެ ޢަމަލުތައް ތަފާތުކަން ރައުލްއަށް ފާހަގަވިއެވެ. އެކަމާ އޭނާ ވަކިން ބޮޑަށް ހިތްހަމަޖެހުނެވެ.
ދަރުބާރުގެ ތެރޭ ޢާއިލާގެ ހުރިހާ މެންބަރުން ޖަމާވެފައި ތިއްބެވެ. ސަމިއާނާ އެނބުރިދާތީ އޭނާއަށް ވަދާޢު ކިއުމަށެވެ. ސަމިއާނާ އެންމެފަހުގެ ކަމަކަށް އެދުނީ ހިކިފަސް ފެންނަ ހިސާބަށް އޭނާއާއެކު ރައުލް އައުމަށެވެ. އަދި އެ ހިސާބުން އޭނާއާ ވަދާޢުގެ ސަލާމް ކުރުމަށެވެ. މިފަހަރު ބޭރީތުގެ އިޝާރާތަކާ ނުލައި ރައުލް އެއްބަސްވިއެވެ. އެ ދެމެދުގައިވީ ގުޅުން ރަނގަޅުވެއްޖެކަމުގެ އިޝާރާތެއްކަމަށް ބޭރީތަށް ހީވެ ހިނިތުންވެލިއެވެ. އެންމެންނާއި ކަރާކަރުޖައްސައި ސަލާމްކުރުމަށްފަހު ސަމިއާނާގެ ފާރަވެރިންނާއެކު ދަރުބާރުން ނުކުންނަން ހިނގައިގަތެވެ. ރައުލް ބަލަން ހުރި ގޮތް ފެނުމުން ސަމިއާނާ ކުއްލިއަކަށް ހުއްޓުނެވެ. އަދި އެނބުރިލައި ބޭރީތު ގާތު ވާހަކައެއް ބުނަން ބޭނުންވާކަން ހާމަކުރިއެވެ. އެއާއެކު އެންމެން އެތަނުން ފޮނުވާލައި ސަމިއާނާއާ ބޭރީތު ބައްދަލުކުރިއެވެ. އިތުރު މީހަކައަށް ހުރީ ލާވީއެވެ. އެ މީހުން ނުކުތުމުން ރައުލް ބަލާލިއެވެ. ސަމިއާނާ ނަޒަރު ތިރިކޮށްލައިގެން ހުރެ އޭނާގެ ފާރަވެރިންގެ ގާތަށް އައެވެ. ބޭރީތުގެ ނަޒަރު ރައުލްއަށް ހުއްޓުނު ގޮތަށް ވަތްކެއްނުވިއެވެ. ގަނޑުވަރުގެ ބޮޑު ދޮރޯށީގެ ކައިރީ މަޑުކޮށްލުމާއެކު ސަމިއާނާއާއެކު ދިއުމަށް ރައުލްއަށް ބޭރީތު އެންގިއެވެ. ވާނުވާ ނޭނގިހުރެ ރައުލް ފީނައިގަތެވެ. ބޭރީތުގެ ސިފައިން އެ މީހުންގެ ވަށައިގެން ވިއެވެ.
(ނުނިމޭ)