ހަބަރު

ރައީސް، ކެމްޕެއިން ދަތުރުފުޅެއްގައި މިރޭ ގުރައިދޫއަށް ވަޑައިގަންނަވަނީ

ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިރޭ ކ. ގުރައިދޫއަށް ވަޑައިގަންނަވަން ނިންމަވައިފި އެވެ.

އެމްޑިޕީން ސިލްސިލާކޮށް ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ މަޖިލިސް އިންތިހާބުގެ ސްޕޯކްސްޕާސަން އަފުޝަން ލަތީފު ވިދާޅުވީ، މިރޭ ގުރައިދޫގައި އޮންނަ ކެމްޕެއިން ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް އެރަށަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ. އަދި މިއީ ރައީސް
ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ކެމްޕެއިން ދަތުރުފުޅު ކަމަށެވެ.

އަފްޝަން ވިދާޅުވީ، ރައީސް ސޯލިހު ކުރައްވާ ހުރިހާ ކެމްޕެއިން ދަތުރުފުޅެއްގެ ހަރަދުތައް ބަލަހައްޓާނީ އެމްޑީޕީން ކަމަށާއި، އެގޮތުން ދަތުރާއި، ހުރުމާއި، ކެއުމުގެ ހަރަދުތައްވެސް ކުރާނީ އެމްޑީޕީން ކަމަށެވެ. ރައީސް ސޯލިހު މިރޭ ގުރައިދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު، އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް ނަޝީދު ގެންދަވަނީ މިހާރުވެސް އެދާއިރާއަށް ދަތުރުފުޅެއް ކުރައްވަމުން ކަމަށް އެމްޑީޕީން ވަނީ ބުނެފަ އެވެ.

ރައީސް މިރޭ ގުރައިދޫއަށް ވަޑައިގަންނަވަނީ ގުރައިދޫ ދާއިރާއިން އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާ އާދިލް ސަލީމްގެ ކެމްޕެއިން ރަސްމީކޮށް ފެއްޓެވުމަށެވެ. އޭނާގެ ކެމްޕެއިން ޖަލްސާގައި ބައިވެރިވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދު ހެނދުނު ކ. ގުޅިއަށް ވަޑައިގެންފަ އެވެ. އަދި އާދިލްއާއެކު ރައީސް ނަޝީދު މިއަދު ވަނީ ކެމްޕެއިން ހަރަކާތްތަކަށް އެދާއިރާގެ ރަށްރަށަށް ޒިޔާރަތްކޮށް މީހުންނާވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް މިރޭ ގުރައިދޫއަށް ވަޑައިގަންނަވާއިރު، މިހަފްތާ ބަންދުގައި ރައީސް ނަޝީދާއެކު ކެމްޕެއިން ހަރަކާތްތަކަށް އައްޑޫ ސިޓީއަށް ވަޑައިގަންނަވަން ވަނީ ނިންމާފަ އެވެ.