ރަޖިސްޓްރީ ނުކޮށް ކުނިއުކާ ސަރަހައްދުތަށް ދެނެގަތުމުގެ ބޭނުމުގައި ވެމްކޯއިން މާލޭގެ ގޭބީސީތަކާއި ވިޔަފާރިތަކުގެ މައުލޫމާތު އެއްކުރުމުގެ ހާއްސަ ސާވޭ އެއް ކުރަން ނިންމައިފި އެވެ.
ވެމްކޯއިން މި ސާވޭ ކުރުން ފަށަން ހަމަޖެހިފައިވަނީ މިމަހު 10 ވަނަ ދުވަހު ކަމަށް މިއަދު ވެމްކޯއިން ގެޒެޓުގައި ކުރި އިއުލާނުގައި ވަނީ ބުނެފަ އެވެ. ވެމްކޯއިން ބުނީ މިސާވޭ ކުރަން ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކަމަށެވެ.
އެގޮތުން އެންމެ ފުރަތަމަ ސާވޭ ކުރަން ހަމަޖެހިފައި ވަނީ، މަޖީދީ މަގާއި ރޯޝަނީ މަގު ގުޅޭ ސަރަހައްދުގެ އިތުރުން، ބޮޑުތަކުރުފާނު މަގާއި އަސްރަފީ މަގު ހިމެނޭ ސަރަޙައްދުގެ ގޭބީސީ ތަކާއި ވިޔަފާރިތައް ކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.
މިސާވޭގައި ވިޔަފާރިތަކުގެ އެންމެ ފަހުގެ ތަފްސީލީ މައުލޫމާތު އެއްކުރުމަށް ވެސް ހަމަޖެހިފައިވާ ކަމަަށް ވެމްކޯއިން ވަނީ ބުނެފަ އެވެ. ވެމްކޯ އިން މީގެ ކުރިން ބުނެފައިވަނީ ހިދުމަތް ލިބިގަންނަ މީހުންގެ ތެރެއިން 70 ޕަސެންޓް މީހުން ވެމްކޯއަށް ފީ ނުދައްކާ ކަމަށެވެ.
ވެމްކޯއިން މިފަދަ ސާވޭއެއް ކުރަން ނިންމާފައިވާއިރު އެންވަޔަރުމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން މިހާރުވެސް ދަނީ ގަވާއިދާ ހިލާފަށް މަގުމަތީގައި ކުނި ބަހައްޓަމުންދާ ފަރާތްތައް ޖޫރިމަނާކޮށް އެފަރާތްތަކުގެ މައުލޫމާތު ހާމަ ކުރަމުންނެވެ.
ވެމްކޯއިން އިތުރަށް ބުނީ ސާވޭގައި ބައިވެރިވާ އެކުންފުނީގެ މުވައްޒިފުން ތިބޭނީ ހާއްސަ އައިޑެންޓިފިކޭޝަން ކާޑެއް އަޅައިގެން ކަމަށެވެ.