ހަބަރު

އިންޑިއާގެ އާ ސަފީރު، ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

Mar 5, 2019
1

އިންޑިއާގެ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ސަންޖޭ ސުދީރު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އަރުވައިފިއެވެ.

މިއަދު ހެނދުނު ރައީސްގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުވުމަށްފަހު، އިންޑިއާގެ އާ ސަފީރާ ރައީސް ބައްދަލުކުރައްވައި، ސަފީރަށް ތަހުނިޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި އިންޑިއާއާ ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާއި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. މީގެ އިތުރުން ރައީސް ވަނީ ދިވެހި ސަރުކާރުން އިންޑިއާއަށް ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ މަޝްރަހުގައްޔާއި ސަރަހައްދީ ކަންކަމުގައި އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.

ރައީސް ވަނީ އިންޑިއާގެ ސަރުކާރަށާއި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.

ބައްދަލުކުރެއްވުމުގައި އިންޑިޔާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް އިންޑިއާ ސަރުކާރުންވެސް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި އިންޑިޔާގެ ސަފީރު ސަންޖޭ ސުދީރު ވަނީ ދެ ގައުމުގެ ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތް ކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވައިފައެވެ.