ހަބަރު

ކަރަންޓް ޔުނިޓެއްގެ އަގު 2.50ރ އަށް ތިރިކޮށްދޭނަން: ނަޝީދު

އެމްޑީޕީ އިން ރައްޔިތުންގެ މަޖިލީހަށް އެކުލަވާލާފައިވާ އެޖެންޑާ 19 އިން ރައްޔިތުންނަށް ޔަގީން ކޮށްދޭނެ އެއް ކަމަކީ ކަރަންޓް ޔުނިޓެއްގެ އަގު 2.50ރ ތިރިކޮށްދިނުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އާދިލް ސަލީމްގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގެން ކ. މާފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ، އެޖެންޑާ 19ގެ އެންމެ މުހިންމު ތަސައްވުރަކީ ރާއްޖެއަށް ތަނަވަސްކަން ގެނައުން ކަމަށެވެ. ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ބޭނުމަކީވެސް ރައްޔިތުންނަށް ތަނަވަސްކަން ހޯދައިދިނުން ކަމަށެވެ.

ނަޝީދު ވިދާޅުވީ، މާފުށީގައި ދުވާލެއްގެ މައްޗަށް މިހާރު އެއް ހާސް ޓަނުގެ ފެން ބޭނުން ކުރަމުންދާ ކަމަށެވެ. އަދި މާފުށީގެ ކަރަންޓް ބޭނުން ކުރާ މިންވަރުވެސް ވަރަށް ބޮޑު ކަމަށެވެ.

"އެޖެންޑާ 19 ކޮށްދޭނެ އެންމެ މުހިންމު އެއް ކަމަކީ ކަރަންޓްގެ އަގު ދެ ރުފިޔާ ބަޔަށް ތިރިކޮށްދިނުން، ކޮންމެހެން 100 ޔުނިޓަކުން މައްޗަށްތޯ އެހެން އެއްޗަކުން މައްޗަށްތޯ ބަލާނެކަމެއްނެތް، މީގައި ޔުނިޓެއް ހަދަން ދުނިޔޭގައި ނުނަގާއޭ އިނގޭތޯ މާތަތްލާރިތަކެއް، އެޖެންޑާ 19 އިން 2.50ރ އަށް ކަރަންޓް ބިލް ކުޑަކޮށްދޭނެ، އެކަން އިރާދަ ކުރެއްވިއްޔާ ކުރާނަން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މާފުށީގެ ފަޅު ހިއްކައިދޭނެ ދުވަހަކަށް ރައްޔިތުން އިންތިޒާރުގައި ތިބޭތާ ވަރަށް ދުވަސްވެއްޖެ ކަމަށާއި އިންތިޒާރުގައި ތިބުން ހުއްޓާލުމަށްފަހު އަމިއްލަ އަށް އެކަން ކުރަންވެއްޖެ ކަމަށެވެ.

"އެޖެންޑާ 19 އިން އަޅުގަނޑުމެންނަށް ކުރެވިގެންދާ އެންމެ މުހިންމު އެއް ކަމަކީ މާފުށި، މާފުށި ރައްޔިތުންނަށް ދިނުން، މާފުށީގެ މުޅި މިލްކު ހުރިހާ ބިމަކާ ހުރިހާ ރުއްގަހަކާ ފަޅާއި ފަޅުތެރޭގައިވާ ހުރިހާ ތަނެއް މާފުށީގެ ކައުންސިލަށް، މާފުށީގެ ރައްޔިތުންނަށް ދިނުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މާފުށީގެ ފަޅު ހިއްކުމަކީ ވިޔަފާރީގެ ގޮތުން ސަރުކާރާއި ކުޑަވެސް މިނަށް ގުޅުން އޮތް ކަމެއް ނޫން ކަމަށެވެ. އެގޮތުން ލާމަރުކަޒީ ނިޒާމުން މާފުށި ކައުންސިލް ހިންގަން ފެށުމުން ރައްޔިތުންނާއި ގުޅިގެން އެކަން ކައުންސިލަށް ކުރަން އުނދަގޫ ނުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"ހަމައެކަނި ކައުންސިލުން ކުރައްވަން ޖެހޭނެ ކަމަކީ ޓެންޑަރެއް ނެރުއްވަންވީ، މިތަނުގައި ބިން ހިއްކާނެ ފަރާތެއް އެބަ ހޯދަމޭ، އެބަޔަކަށް މިވެނި އެއްޗެއް ދޭނަމޭ، ހިއްކާ ބިމުންވެސް ކޮންމެސް އެއްޗެއް ދެވިދާނެ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މާފުށީގެ ހިސާބު ވަރަށްވެސް ސާފު ކަމަށާއި ކުރަންޖެހޭނީ އެންމެ ކަމެއް ކަމަށެވެ. އެއީ މާފުށީގެ ރައްޔިތުންނަށް މާފުށި ދިނުން ކަމަށެވެ. އެޖެންޑާ 19 އިން މާފުށީ ކައުންސިލަށް ބިން ހިއްކުމުގެ ބާރު ލިބިގެންދާނެ ކަމަށެވެ. އަދި ކޮންމެ ރައްޔިތަކަށް ގޯއްޗެއް ޔަގީން ކުރެވިގެންދާނެ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، އެމްޑީޕީގެ ސަރުކާރާއެކު މާފުށީގެ ރައްޔިތުންނަށް ލިބިގެންދިޔަ ފުރުސަތަކީ އެރަށުގައި ގެސްޓް ހައުސް ވިޔަފާރި ކުރުމުގެ ފުރުސަތު ކަމަށެވެ. އެކަން ފެށުމަށްޓަކައި ކުރެވުނު އެއްކަމަކީ ފެނާއި ނަރުދަމާ އެރަށުގައި ގާއިމްކުރުން ކަމަށެވެ. އަދި ބަނދަރުވެސް ހެދުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އިސާހިތަކު ކުޑަ މަދު ދުވަސްކޮޅެއްގެ ތެރޭގައި މިހާރު މި މާފުށިން އަހަރެއްގެ މައްޗަށް އެއް މިލިއަން ޑޮލަރާއި ގާތްކުރާ އަދަދަކަށް ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކާ، އެއީ ފަނަރަ މިލިއަން ރުފިޔާއަށްވުރެ ގިނަ އަދަދުގެ ރުފިޔާ، މި މާފުށިން ސީދާ ގޮތުގައި، އެއީ ޖީއެސްޓީއާ ޓޫރިޒަމްގެ ޖީއެސްޓީއާ ވިޔަފާރީގެ ޖީއެސްޓީއާއެކީގައި އެބަދައްކާ، އަހަރެއްގެ މައްޗަށް ދައުލަތަށް އެބަ ލިބޭ 20، 25 މިލިއަން ރުފިޔާ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، މާފުއްޓަކީ ހިތުއެޅި ކޮންމެ ކަމެއް ކުރެވޭ ގޮތަށް ނަސީބު އޮތް ރަށެއް ކަމަށެވެ. މާފުށީގެ ފަޅު ބޮޑު ކުރުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށެވެ.