ހަބަރު

މާފުށީގައި އުޅެލުމުން ރުކުމާގެ އަހުލާގު ރަނގަޅުވެދާނެ: ނަޝީދު

އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބާ ކުރިމަތިވި، ރައްުޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބުދުލް ކަރީމް (ރުކުމާ) އަށް ކުރީގެ ރައީސް ނަޝީދު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.

ޕްރައިމަރީއަށް ފަހު ރުކުމާ ވަނީ މިދިޔަ ހަފުތާ އެމްޑީޕީއިން ވަކިވެ ވަޑައިގެންފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އަމިއްލަ ގޮތުން ވާދަ ކުރަން ލިބި ވަޑައިގެންނެވި ފުރުސަތުގައި މަޖިލީހަށް ވާދަ ކުރެއްވުމަށް ފޯމް ހުށަހުއްވާފަ އެވެ.

ނަޝީދު، ރުކުމާއަށް ފާޑު ވިދާޅުވީ އާދިލު ސަލީމުގެ ކެމްޕެއިން ދަތުރެއްގައި މިއަދު މާފުއްޓަށް ވަޑައިގެން އެރަށުގައި ދެއްކެވި ވާހަކަފުޅުގަ އެވެ. ނަޝީދު ވިދާޅުވީ "އެމްޑީޕީގެ ޕްރައިމަރީން ބަލިވި އެއްވެސް މީހަކީ ގެއްލިދާނެ މީހެއް ނޫން" ކަމަށެވެ. ވިދާޅުވީ އެއީ ސަރުކާރު ހިންގުމުގަ އާއި މަޝްރޫއުތައް ހިންގުމުގައި އިންތިހާބު ކާމިޔާބު ކުރުމުގައި ހަރަކާތްތެރިވާނެ ފަރާތްތައް ކަމަށާއި މާފުށީގައި ޕްރައިމަރީގައި ބަލިވި ކެނޑިޑޭޓް ދައްކަމުންދަނީ ރީތި އަހުލާގު ކަމަށެވެ.

"އަޅުގަނޑު ހެންވޭރު ދެކުނު ދާއިރާގެ ކެނޑިޑޭޓަށް، އަޅުގަނޑުމެންގެ ބަލިވި ކެނޑިޑޭޓް ރުކުމާ އަހުމަދަށް ދަންނަވާލަން ބޭނުން ވަނީ މާފުއްޓަށް ދުރުވެ މިތާ އުޅެލައްވަންވީ ނޫންތޯއޭ ދުވަސްކޮޅަކު [އޭރަށް] އަހުލާގު ރަނގަޅު ވެދާނޭ، ދުނިޔޭގައި އަޅުގަނޑުމެން ލެއްވީތީ ހަމަ އުޅޭކަށް ނުވާނޭ. ކޮންމެ ކަހަލަ ގޮތެއްވެސް އޮންނަންވާނެ، މާފުށީގެ ދަރީންގެ އެގޮތް އެބަހުރި، އެކަމަށްޓަކައި ޝުކުރު ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

ރުކުމާ އެމްޑީޕީއިން ވަކިވެވަޑައިގެންކަން އިއުލާން ކުރެއްވީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ. ރުކުމާ ކުރެއްވި އެ ޓުވީޓްގައި ވިދާޅުވެފައިވަނީ ފަހުރުވެރިވާ ސިޔާސަތުތަކާއެކު، ވުޖޫދުވި އެމްޑީޕީގައި އިހުލާސްތެރިންނާއި، އަދާވާތްތެރިން ވަކިނުވާތީ ހިތާމަ ކުރައްވާ ކަމަށެވެ. އަދި ހިތާއި ރޫހާއި ޖާނާއި މާލުން ގުރުބާންވި އެމްޑީޕީން އިސްތިއުފާދިން ސިޓީ އެ ޕާޓީގެ އޮފީހާއި ހަވާލު ކުރީ ވެސް ހިތާމައާއިއެކު ކަމަށެވެ.

ރުކުމާއަށް ނަޝީދު ފާޑު ވިދާޅުވި ނަމަވެސް ރުކުމާ ވިދާޅުވެފައި ވަނީ އޭނާގެ ފަރާތު އެކަމަށް އެއްވެސް ރައްދެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށެވެ.

ރުކުމާއާ ވާދަކޮށް އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހުސެން ޝަމީމް (އަނދުން ހުސެއިން) އެވެ. މީގެ ކުރިން އިންތިހާބާ ބެހޭ ގާނޫނު އޮންނަ ގޮތުން ޕާޓީގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ފަރާތްތަކަށް އެ އިންތިހާބުގައި ދެން ވާދައެއް ނުކުރެވޭނެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ވަނީ އެ މާއްދާ ބާތިލްކޮށް އެފަދަ ފަރާތްތަކުން މަޖިލިސް އިންތިހާބުގައި ކުރިމަތިލުމަށް ފުރުސަތު ދޭން އަމުރުކޮށްފަ އެވެ.