ލައިފްސްޓައިލް

ލުއި ކާނާ ތަފާތު ގޮތަކަށް!

އެކި ކުދިންނަށް މީރު ވަނީ އެކި އެއްޗެއްސެވެ. އަބަދު އެކައްޗެއް ކާންވެސް ބައެއް ފަހަރު ފޫހި ވެއެވެ. ކުދިންގެ އެޕެޓައިޓް ނުވަތަ ވަކި އެއްޗެއް ކާހިތްވުމުގައި މޫޑުވެސް ކޮންމެވެސް ރޯލެއް އަދާ ކުރެއެވެ. މިހާރު ބެލެނިވެރިން ކަންކަމަށް ހޭލުންތެރިވެ ކެއުމުގެ އާދަތަކަށް ވެސް ބޮޑެތި ބަދަލުތަކެއް އަންނަން ފަށާފައިވުމީ ފާހަގަ ކޮށްލަން ޖެހޭ ކަމެކެވެ.

މިގޮތުން، ސުޕަމާކެޓް ޝެލްފްތަކުގައި ގިނަ ދުވަހު ކާނާ ބެހެއްޓުމަށް ތަފާތު އެކި ޕްރިޒަވޭޓިވްސް އާއި އާޓިފިޝަލް ކުލާ އާއި މެދުވެސް ހޭލުންތެރިވެފައިވާ މިންވަރު އިތުރެވެ މި ފަދަ ކާނާ އިހްތިޔާރު ކުރުމުގެ ބަދަލުގައި ފައިދާހުރި އެއްޗެއް އިހްތިޔާރު ކުރާތަން ފެނެއެވެ.

ތަޖުރިބާކާރުން ވިދާޅުވަނީ ކުދިންނަށް ވީހާވެސް ގިނަ ބާވަތުގެ ދުޅަހެޔޮ ކާނާ ދިނުމަށެވެ. މިގޮތުން ވީހާވެސް ގިނައިން އާ އެއްޗެހި ވެސް ކާ ހިތްޖެހޭތޯ ތައާރަފު ކުރުމަށެވެ. އަދި އެކި އެކި ގޮތްގޮތަށް ހަދާފައި ދިނުމުން ކުދިން ކާ ހިތް ޖެހި ހެލްތީ ފުޑް އިހްތިޔާރު ކުރާނެ ކަމަށެވެ.

ލުއިކާނާ ކެއުމުގައި ވެސް ވީހާވެސް ބޮޑަށް ހަށިގަނޑަށް ފައިދާ ހުރި ކާނާ ކުދިންނަށް ދިނުމަށް ބެލެނިވެރިން ވެސް ސަމާލުވެއެވެ. ހަމަ ކޮންމެވެސް ކަހަލަ ޗިޕްސް ދަޅެއް ނުވަތަ ހަކުރު އިންތިހާއަށް ގިނަ ބިސްކޯދެއް ދިނުމުގެ ބަދަލުގައި އަހަރުމެންގެ ތެރޭގައި ކާނާގެ ނިއުޓިރިޝަން ކޮންޓެންޓަސް ކޮންމެވެސް ވަރަކަށް ބެލުމުގެ އާދަވެސް މި އަންނަނީ މަޑު މަޑުން ވައިގަ ހިފަމުންނެވެ.

މިގޮތުން ލުއިކާނާ އަދި ކޮމްފޯޓް ފުޑްގެ ގޮތުގައި ކާލެވިދާނެ ބައެއް ބާވަތްތަކަށް ބަލައިލަން ހިނގާށެވެ.

އޯޓް އެނާޖީ ބޯލްސް

މިއީ މިހާރު ފިޓް ކޮމިއުނިޓީ ތެރޭގައި ވެސް ޓްރެންޑް ވަމުން އަންނަ އެއްޗެއްކެވެ. އޯޓް އެނާޖީ ބޯލް މަގުބޫލުވަނީ މިއީ ހަދާލަން ފަސޭހަ އެއްޗެއްކަމުގައިވާތީ އެވެ. ތައްޔާރު ކުރުމަށް ގިނަ އިރުތަކެއް ހޭދައެއް ނުވެއެވެ. ގިނަ މީހުންގެ މެދުގައި މި އެނާޖީ ބޯލްސް މަގުބޫލު ވަނީ މިއީ އެއްވެސް ގޮތަކަށް ކައްކަން ނުޖެހި އަދި އަވަނުން ފިހެންވެސް ނުޖެހޭ އެއްޗެއް ކަމުންނެވެ. އަދި ހަށިގަނޑަށް ފައިދާ ހުރި އެކި ނަޓްސްތަށް ބޭނުންކޮށްގެންވެސް ތައްޔާރު ކުރެވިދާނެއެވެ.

މިގޮތުން އޯޓްމީލާއި، ޕީނަޓް ބަޓަރ، މާމުއި، އަދި އެކި ކަހަލަ ހިކި މޭވާ (ކަދުރު އަދި މޭބިސްކަދުރު) އެއްކޮށްލާފައި ގުޅައެއްހެން ވަށާފައި ހުންނަ މި ބޯޅަތަކަކީ ސްކޫލަށް އިންޓަވަލް ގަޑިއަށްވެސް ގެންދަން ރަނގަޅު އެއްޗެއްކެވެ.

ގްރެނޯލާ ބޯލްސް

ގްރެނޯލާ ބޯލް އަކީ މިހާރު އެންމެ ސަޅި އެއް ކޮމްފޯޓް ފުޑެވެ. ކޮންމެ ގަޑިއަކަށްވެސް ކާލަން ހެޔޮވަރެވެ. އާއްމުކޮށް އެނާޖީ ފިކްސްއެއްގެ ގޮތުގައި ސުޕާމޭކެޓުތަކުގައި މި ވިއްކަނީ ގްރެނޯލާ ބާސްއެވެ. މާލޭގެ ބައެއް ކެފޭތަކުގައި މިހާރު މިގޮތަށް ހުންނަ ގްރެނޯލާ ބޯލްސް އެބަ ސާރވް ކުރެއެވެ. މިއީ އަވަނުގައި ރޯސްޓްކޮށްފައި ހުންނަ ގްރެއިންތަކަކާއި އެކި އެކި ނަޓްސް އަދި އެކި އެކި ހިކި މޭވާ އެއްކޮށްފައިވާ ހުންނަ މިކްސްއެކެވެ. މިއާއި އެއްކޮށް އެންމެ މީރީ ޔޯގަޓާއި ތާޒާ މޭވާ އެއްކޮށް ބޯތަށްޓެއްގައި ކާލުމަށެވެ.

އެކި އެކި ތީމަށްވެސް ގްރެނޯލާ ބޯލްސް ތައްޔާރު ކުރެވެއެވެ. މީގެ ބޯތައްޓެއް ތައްޔާރުކުރުމަށް ފުރަތަމަ އެމީހަކު އެންމެ ގަޔާވާ ޔޯގަޓް ހޯދަންވީއެވެ. ގިނަ މީހުންނަށް ގްރެނޯލާއި އެކު ކާލުމަށް ކަމުދަނީ މަޑުފޮނިކަމެއް ހުންނަ ވެނިލާ ޔޯގަޓެވެ. ދެން މުރަނަކޮށް ހުންނަ ގްރެނޯލާ އާއި އެއި މޭވާއެވެ. މޭވާ ހިޔާރު ކުރުމުގައި ގުޅޭ މޭވާ ހިޔާރުކުރުމުން ރަހަތަށް ބެލެންސްވާނެއެވެ.

މިގޮތުން ސްޓްރޯބެރީ އަދި ދޮންކޮޔޮ މިއީ އެއް ގޮތެވެ. ދެވަނަ ގޮތަކަށް ބެރީ ކޮމްބިނޭޝަނެއްވެސް ހިޔާރު ކުރެވިދާނެއެވެ. އަދި ޓްރޮޕިކަލް ތީމަކަށް އަނބާއި ކިވީ ފަދަ މޭވާއެއްކޮށްވެސް ބޭނުންކުރެވިދާނެއެވެ. ގްރެނޯލާގެ މުރަނަކަމާއި ޔޯގަޓްގެ ހުންނަ މަޑުފޮނިކަމާއި އެކު ކޮންމެ މޭވާއެއް އެޅިކަމުގައިވިއަސް މިއީ ހުރިހާ ގަޑިއަކަށްވެސް ކަމުދާނެ އެއްޗެކެވެ.

ސްމޫތީ އަކި ޔޯގަޓާއި ފުރުޓް އަދި އެކި ކަހަލަ މޭވާ އާއި ކިރު އަޅައިގެން ތައްޔާރުކޮށްފައި ހުންނަ ބުއިމެކެވެ. މި ބުއިން އަހަރުމެން އާއްމުކޮށް ބިއްލޫރި ތަށްޓެއްގައި ބޯން ހިޔާރު ކުރިނަމަވެސް މިއަށްވެސް އެކި ކަހަލަ ސީޑްސް އަދި މޭވާ އަޅައިގެން ބޯތަށްޓެގައި ސާވް ކުރުން މި އޮތީ ވައިގައި ހިފާފައެވެ. ހެނދުނުގެ ނާސްތާގެ އިތުރުން ސްކޫލްއަށްފަހު ކުދިންނަށް ދޭން ރަނގަޅު އެއްޗެކެވެ. ކުދިންގެ ގައިގައި ވަރުޖެހުމަށާއި ހަކަތަ އިތުރުކޮށްދޭނެ މި ޑިޝްވެގެންދާނީ ހަމަ ގައިމުވެސް އާއްމުކޮށް މިކާލާ ޖަންކު ފުޑް ނުވަތަ އަށްވުރެ ރަނގަޅު ޗޮއިސް އަކަށެވެ.

ފްރުޓް ޔޯގަޓް ޕޮޕްސިކަލްސް

މެންދުރުގެ ހޫނުގަޑިއަށް ފިނި އެއްޗެއް ކޮންމެހެން ބޯލަން ބޭނުންވާ ނަމަ ތާޒާ ފުރުޓާއި ޔޯގަޓް ލޮލީ ހަދާކަހަލަ މޯލްޑްއަކަށް އަޅާފައި ފިނިކޮށްލެވިދާނެއެވެ. އަދި މި ގޮތަށް ހަދާއިރު ކިވީ ކަހަލަ ފުރުޓް ތުނިކޮށް ކޮށާފައި މޯލްޑް ގެ ތެރެއަށް އަޅާލުމުން ފިނިކޮށްފައި ހުންނަ އިރު ކަރުހިއްކުން ފިލުވާލާ ރިފްރެޝިންގް ޓްރީޓަކަށް އެއްވަނައެވެ.
ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށްވެސް ހަކަތަ އިތުރުކޮށްލުމަށް މި ލިސްޓުގައި ހިމެނޭ އެއްޗިސް ބަރާބަރެވެ.