ވިހެއުމަކީ އަންހެނުންގެ ހަށިގަނޑަށް ބޮޑެތި ބަދަލުތަކެއް އަންނަ ކަމެކެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވިހެއުމަށްފަހު ވެސް ކަސްރަތު ކުރުމަކީ އެހާ މުހިއްމު ކަމެކެވެ. ގައިނެކޮލޮޖިސްޓުން ލަފާ ދެއްވަނީ ވިހެއުމަށްފަހު ހަ ހަފުތާ ފަހުން ކަސްރަތު ކުރިޔަސް މައްސަލައެއް ނެތް ކަމަށެވެ.
ނަމަވެސް ސިޒޭރިއަން އެއް ނަމަ މާ އަވަހަށް ކަސްރަތު ކުރުމުގެ ބަދަލުގައި މަޑުމަޑުން ކަސްރަތުކުރަން ފެށުމަށެވެ. އަދި ކުރަން ފަށާ ކަސްރަތު ޕްރޮގްރާމަކީ މާ އިންޓެންސް ނޫން ޕްރޮގްރާމެއް ކަމުގައިވާން ޖެހެ އެވެ. ވިހެއުމަށްފަހު ކަސްރަތު ކުރުމަކީ ކުރަން ވިސްނާ ކަންކަމުގެ ތެރޭގައި ހިމެނޭ އެންމެ ފަހު ކަމަށް ވެދާނެއެވެ. އެހެންނަމަވެސް އަލަށް މަންމައަކަށް ވުމަށްފަހު ކަސްރަތު ކުރާނަމަ ގިނަ ފައިދާތަކެއްލިބެއެވެ.
ދަށްބަނޑުގެ ކުދިކުދި ކަސްރަތާއި ޕެލްވިކްފްލޯ ގެ ކަސްރަތުގެ ސަބަބުން ހަށިގަނޑު ރިކަވާވުމަށް އެހީތެރި ވެދޭނެ އެވެ. ކަސްރަތުގެ ތެރެއިން ވިހެއުމަށްފަހު އެންމެ އިސްކަމެއް ދޭންވީ ޕެލްވިކް ފްލޯ ވަރުގަދަ ކުރުމަށެވެ. ޕެލްވިކް ފްލޯވަރުގަދަ ނޫންނަމަ ވިހެއުމަށްފަހު ކުޑަކަމުދެވުން ހިފެހެއްޓުމުގައި މައްސަލަތަކެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. މިގޮތުން ކުރެވިދާނެ ކަސްރަތުތަކުގެ ތެރޭގައި ކީގަލް އެކްސަރސައިޒް ހިމެނެ އެވެ. ކީގަލް އެކްސަސައިޒުގެ ސަބަބުން ކުރިމަތީ ފަރާތުގައި މަސްތަކުގައި ބާރުޖެހި އަލުން އަނބުރާ ޖިންސީ ގޮތުން ހަރަކާތްތެރިވުމަށް ފިޓްކޮށްދެ އެވެ.
މީގެ އިތުރުންވެސް ކަސްރަތު ކުރާނަމަ މޫޑް ރަނގަޅުކޮށްދިނުމަށް އެހީތެރިވެދެއެވެ. ކަސްރަތަކީ ސިކުނޑީގައ ފީލް-ގުޑް ކެމިކަލް އިތުރުކޮށްދޭ ކަމެއްކަމުގައިވުން މީގެ ސަބަބަކަށް ހިމެނެއެވެ. ކަސްރަތާއި އެކު ކެއުމަށް ބަލާނަމަ މާބަނޑުވި އިރު ހަށިގަނޑަށް އިތުރުވި ކިލޯތަށް މަޑުމަޑުން ދުއްވާލަން އެހީތެރިވާނެއެވެ. އަދި ހަށިގަނޑުގައި އަޅާ ވޭންތަކާއި ތަދުތަކާއި ދުރުކޮށްދިނުމުގެ އިތުރުން ހަށިގަނޑުގައި ހަކަތަ އުފައްދާ ދަރިފުޅު ބެލުމަށް މީހާ ފިޓްކޮށްދެއެވެ.
ވިހެއުމަށްފަހު ފުރަތަމަ 6 ހަފްތާތެރޭ މި ދިމާވާ ޕޯސްޓް ނޭޓަލް ޑިޕްރެޝަނުގެ ސިމްޓަމްސް އިން ރައްކާތެރިކުރުމަށް ކަސްރަތު އެހީވެދެއެވެ. އަދި ވިހެއުމަށްފަހު ކޮންމެ ދުވަހަކަ ކަސްރަތު ކުރާނަމަ ނިދާލަން ލިބޭ މަދު ވަގުތުގައި ކޮލިޓީ ނިންޖެއް ނިދާލެވެއެވެ.
ވިހެއުމަށްފަހު ކަސްރަތުކުރުމަށް އަލުން ފަށައިގަންނައިރު މާ ބޮޑު ރޫޓީންއެއް ކުއްލިއަކަށް ފަށައިގަންނަން އުދަގޫވެދާނެއެވެ. އެހެންކަމުން ހަމަޖެހިލައިގެން ހިނގަން ފެށުމީ ކުރެވިދާނެ ކަމެކެވެ. ކޮންމެ ދުވަހަކުވެސް ވައިޖައްސާލަން ހިނގާފަދައިން ތުއްތު ދަރިފުޅުވެސް ގޮވައިގެން 10 މިނެޓަށް ހިނގާލާށެވެ. އަދި މިގޮތަށް ހިނގަންދާއިރު މަޑުމަޑުން ގަޑި އިތުރުކުރާށެވެ. މިކަހަލަ ގޮތަކަށްވެސް ކަސްރަތު ކުރެވިދާނެއެވެ.
ކޮންމެ ކަސްރަތު ޕްރޮގްރާމެއް ފެށިކަމުގައިވީނަމަވެސް ޑޮކްޓަރެއްގެ ލަފާއާއި އިރުޝާދު، މީހާ ކަސްރަތުކުރުމަށް ފިޓުތޯ ބެލުމަށް ހޯދުން މުހިއްމެވެ.