ވާހަކަ

ބޭނުންވަނީ ޔާރާ

(4 މާރިޗު 2019 އާ ގުޅޭ)

ދޮރާ ގާތްވުމާއިއެކު މަންހާ އޭނަގެ އަތުގައި އަޅުވާލާފައިވާ ދަބަހުގެ ތެރެއިން ފައިލެއްނަގާ ފުންނޭވާއެއް ބޭރުކޮއްލިއެވެ. އެއީ މީހާ ހަމަޖެހިލުމުގެ ބޭނުމުގައެވެ. ނޫރާ ދޮރުގައި ޓަކި ޖަހާލުމަށްފަހު އެތެރެއަށްވަދެ ދޮރުގައި ހިފަހައްޓާލީ މަންހާއަށް އެތެރެއަށް ވަދެވެންދެންނެވެ. މަންހާ ވަނުމާއިއެކު ނޫރާ ދާއިންގެ ގާތުގައި މަޑުކޮށްލައި އޭނާއާ ވާހަކަދައްކަން ފެށިއެވެ.

އޮފުއަރާ ޗޮކުލެޓުކުލައިގެ ބޮޑު މަހޯގިނީ މޭޒުގެ ފަހަތުގައި އިން މީހާފެނި މަންހާގެ މުޅިހަށިގަނޑު ފިނިވެގެންގޮސް ހީވީ ގަނޑުވިހެންވެ. ހަށިގަނޑުގެ ވިންދުވެސް އެހިނދުކޮޅަށް ހުއްޓިފައިވާފަދައެވެ. މަޑު ދަނބުކުލައަކަށްދާ އަތްދިގު ގަމީހަކާއި ގުޅުވާލާފައިވާ ޓައީގައި އަދިވެސް އޭނަ ހާދަ ސްމާރޓޭ މަންހާގެ ހިތާއި ޟަމީރު އެއްބަސްވިއެވެ. އަދިވެސް އެ ޝާހީ ގޮތްގަނޑެވެ. ޗޮކުލެޓު ކުލައިގެ ލެދަރު އެގްޒެކެޓިވް ގޮނޑީގައި އިންއިރު އޭނަގެ ހައިބަތު އެތައްގުނައެއް އިތުރުކޮއްދެއެވެ. ކުރުކޮށް ކޮށާލެވިފައިވާ އިސްތަށިގަނޑު ރީތިގޮތަކަށް ސްޓައިލް ކުރެވިފައިވާއިރު އެ އަލިއަލި މޫނު އަދިވެސް ފެންނަނީ ތާޒާކަމާއެކުއެވެ. އެއީ ހަމަ މަންހާގެ ހިތުގެ ވެރިޔާއެވެ. ބަދަލުވުމެއްނުވާނެ ލޯތްބެވެ. އެއީ އޭނާ ހޭލާ ހުރެއާއި ނިދީގައި ހުވަފެނުގައި ވެސް ލިބުން އެދޭ ދާއިންއެވެ.

"އިށީނދޭ...." ނޫރާ ކުޑަކުޑަ ހިނދުކޮޅެއްގެ ތެރޭ މަންހާއަށް އިށީނުމަށް ތަންދެއްކިއެވެ. އަދި އެތަނުން ނުކުމެގެން ދިޔައެވެ.

ދާއިން އިން މޭޒުގެ ކުރިމަތީ ބަހައްޓާފައި ހުރި ގޮނޑިއެއްގައި އިށީނުމަށް އެހިސާބަށް މަންހާއަށް ދެވުނީވެސް ވަރަށް ހާލުންނެވެ. އޭނަގެ ދެފައިގައި ބަރެއް އެލުވާފައިވާ ކަހަލައެވެ. މަންހާ އިށީނުމުގެ ކުރިން ދާއިން މަންހާއަށް ބަލާލިއެވެ.

"ސިޓް، އައިމް ދާއިން، ދިސް އިސް މައި ކޮމްޕެނީ، މަންހާ.......މަންހާ ދޯ ކިޔަނީ" ދާއިން ގޮނޑިން ތެދުވެލަމުން މަންހާ އާއި ސަލާމްކޮއްލުމަށް އަތްދިއްކޮއްލިއެވެ. މަންހާގެ މޫނުމައްޗަށްވަނީ އަޖައިބު ކުރުވަނިވި ކުލަވަރެއް ވެރިކުރުވާފައެވެ. އެތުންފަތުގައިވި ހިނިތުންވުން ފިލައިގެންނުދެއެވެ. ދާއިން ދިއްކޮއްލި އަތުގައި އޭނަ ހިފީ ކެތްތެރިކަން ކުޑަވެފައިވާ މީހެއްފަދައިންނެވެ.

"އޯ......މަޑު މަޑު އަތްތިލައެއް" މަންހާގެ ޒަމީރު ވާހަކަދެއްކިއެވެ. އޭނަ ދާއިންއަށް ކުރިމަތިވާގޮތަށް ބަހައްޓާފައި ހުރި ދެގޮނޑިން އެއްގޮނޑީގައި އިށީނެވެ.

ދާއިންގެ ލޮލުގައި ކުޑަ ހިނދުކޮޅަކަށްވިޔަސް އޭނަގެ ކުރިމަތީ ހުރި އަންހެން ކުއްޖާ އަޅައިގަތެވެ. ދާއިންއަށް އޭނަ ފެނުމުން އިންޓަރވިއުއަށް އައި އެހެންކުދިންފެނި އިޙްސާސްވި ފަދަ ބީރައްޓެހިކަމެއް މަންހާ ފެނުމަކުން ނުޖެހިއެވެ. އެއީ ކީއްވެކަމެއް އޭނައަކަށް ނޭގެއެވެ. ކޮންމެގޮތެއްވިޔަސް ހަތަރުކުދިންނާއި އިންޓަރވިއު ކުރެވިގެންދިޔައިރު އެއިންއެއްވެސް ކުއްޖެއްގެ ނެތްފަދަ ކަންތައްތަކެއް ދާއިންއަށް މަންހާގެ ފަރާތުން ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އޭނަ އަވަސް އަވަހަށް ކުރިމަތީ އޮތް ގަނޑަށް ބަލާލަމުން ޕްރޮފެޝަނަލް ވެލިއެވެ.

"ކޮބާ ސެޓްފިކެޓްތައް؟" ދާއިން އެހެން އަހާލީވެސް އޭނަގެ ކުރިމަތީ އޮތް ގަނޑަށް ބަލަންއިނދެއެވެ. އެކަމުގެ ސަބަބުން މަންހާއަށް ހިތްފުރެންދެން ދާއިންއަށް ބަލާލުމުގެ ފުރުޞަތުތައް ފަހިވެގެންދިޔައެވެ. މަންހާ އޭނަގެ އަތުގައި އޮތް ފައިލް ދާއިންއަށް ދިއްކޮއްލިއެވެ. ދާއިން އަނެއްކާވެސް ހިނިތުންވެލަމުން ފައިލްގައި ހިފިއެވެ. އަދި ފައިލް ބަލަމުންދިޔަ ވަރަކަށް އޭނަގެ މޫނުމަތީގައި ސީރިއަސް ކުލަވަރުޖެހެންފެށިއެވެ.

"މިއަންހެން ކުއްޖާ މި މަގާމަށް ކުރިމަތިލީ ކީއްވެބާ؟" ދާއިން މަންހާގެ ސެޓްފިކްޓް ތަކަށް ބަލަމުންދިޔައިރު ހިތައްއެރިއެވެ. ދޭތެރެއަކުން އޭނަ މަންހާއަށް ބަލާލައެވެ.

"ވެރީ އިމްޕްރެސިވް...........ދެން އިތުރަށް ކިޔަވާކަށް ގަސްދެއް ނުކުރަންތަ؟" ދާއިން ވަރަށް ވިސްނާލާފައި ސުވާލުކޮއްލިއެވެ.

"އަދި ނުވިސްނަން.........."މަންހާގެ ޖަވާބު ކުރުވެފައި ސާފެވެ.

"ސޯ..........މިހާރު ތިހިރީ ޖޮބެއް ބޭނުންވެފަ ދޯ، އަހަރެން ބުނާނީ ޔޫ އަރ އޮވަރ ކޮލިފައިޑް އޭ މިމަގާމަށް، އައި އެމް ރިއަލީ އިމްޕްރެސްޑް ވިތްޔޯ ރިޒަލްޓްސް، މަންހާ މިދާއިރާއަށް ވަރަށްވެސް ކޮލިފައިޑް..........މީގެ ކުރިން ވޯކް ކުރިންތަ" ދާއިން ވާހަކަދެއްކީ އަދިވެސް ސީރިއަސް ގޮތްދައްކަމުންނެވެ.

"ނޫން.........ނޯ އެކްސްޕީރިއެންސް" މަންހާ ބުނެލިއެވެ. އަދި ދާއިންގެ ކުރިމަތީ އޮތް މަންހާގެ ފައިލްގެ ކަނުގައި އިނގިލި ހާކާލަ ހާކާލައިން އަތްތިލައަށް މަންހާ ނަޒަރު ހިންގާލިއެވެ. އެއާއިއެކު ކަށިއިނގިލީގައި އަޅާފައިވާ އަނގޮއްޓި މަންހާގެ ލޮލުގައި އަޅައިގަތެވެ. ކުއްލިއަކަށް އެހިތަށް ޒާރާގެ ހިޔާލުތައް އުނދަގޫ ކުރަންފެށިއެވެ. ދާއިން އުޅޭގޮތުން އޭނައަށް މަންހާ އެނގޭ ހެނެއް ހިޔެއްނުވެއެވެ. ނޫނީ މަންހާދެކުނު ގޮތުގައި އޭނަ އެކަން އަންގަން ބޭނުންނުވަނީއެވެ.

"އޯކޭ..........މަންހާއަށް މިއަށްވުރެ ރަނގަޅު ޕޯސްޓަކަށް އެޕްލައި ކުރެވޭނެ................ދެން ކީއްވެ މި މަގާމަށް އެޕްލައި ކުރީ" ދާއިން އޭނަގެ ހިތުގައި އުފެދުނު ސުވާލުކޮއްލިއެވެ. އޭނަ ކޮންމެ ކުއްޖެއް ގާތުވެސް އެމަގާމަށް ކުރިމަތި ލުމުގެ ބޭނުމަކީ ކޮބާތޯ ސުވާލުކުރެއެވެ. ގާތްގަނޑަކަށް ހަތަރު ކުދިންވެސް ޖަވާބު ދިނީ ދާދި އެއްގޮތަކަށެވެ. އޭނައަށް ހީވީ މަންހާގެ ފަރާތުންވެސް ލިބޭނީ އެފަދަ ޖަވާބެއް ކަމަށެވެ.

"ބީ ޔޯ ސެލްފް، ސޭ ދަ ޓްރުތް.........." މަންހާގެ ކަންފަތްކައިރީ މީހަކު ބުނެލިހެން ހީވިއެވެ. އޭނަ ކުޑަ ސިކުންތުކޮޅަކަށްވިޔަސް ވިސްނުމުގެ ތެރެއަށް ގެއްލިގެންދިޔައެވެ.

"އިޒް އިޓް ބިކޯޒް، ނައު އަޑޭސް އިޓްސް ވެރީ ޑިފިކަލްޓު ގެޓް އަ ޖޮބް............" މަންހާ ވިސްނުމުގެ ތެރޭ ވަނިކޮށް ދާއިން އޭނަ އަމިއްލައަށް އެސުވާލަށް ޖަވާބު ދޭން މަސައްކަތް ކުރިއެވެ.

"ނޯ...............އިޓްސް ނޮޓް ދެޓް، ވެދާނެއެއްނު މިކޮމްޕެނީ އަހަންނަށް ހާއްޞަވީމަ ކަމަށް، ނޫނީ ހަމަ ވެދާނެއެއްނު މިކޮމްޕެނީގެ ވެރިޔާ މާކަމުދަނީ ކަމަށްވެސް، އަހަރެންނަށް އެނގޭ އަހަރެންގެ ކޮލިފިކޭޝަން އާއި ބަލާފަ މިމަގާމު ދައްކަން، ސްޓިލް އިޓް ޑަޒްންޓް މެޓާ.....މި ކުންފުނީގައި މަސަައްކަތްކުރަން ލިބުމަކީ ލިބޭނެ އެންމެ ބޮޑު އުފާ، މިވަގުތަށް ކުންފުނީގައި އެވެލަބަލް ޕޯސްޓްއަކަށް އޮތީ މި ޕޯސްޓް އެކަނި... ސޯ... އޯވާ ކޮލިފައިޑް ވިޔަސް މަޑުކުރަން ބޭނުންނުވީ، މި ފުރުޞަތު ވެސް ގެއްލިދާނެތީ" މަންހާ އެހެން ބުނެލިއިރު އިނީ ވަރަށް ޖެހިލުންވެއެވެ.

ސީރިއަސްކަން ދައްކަން މަސައްކަތް ކުރަމުންދިޔަ ދާއިންގެ މޫނުމަތީގެ ކުލަވަރު ކުއްލިއަކަށް ބަދަލުވެގެން ދިޔައީ މަންހާ ދިން އާދަޔާއި ހިލާފު ޖަވާބުންނެވެ. ނުހޭން މަސައްކަތްކުރި ކަމުގައިވިޔަސް އޭނައަކަށް ކޮންޓްރޯލެއް ނުކުރެވުނެވެ.

"އޯ ރިއަލީ........" ދާއިންގެ ސީރިއަސް ގޮތްގަނޑު ކެނޑިގެންދިޔައެވެ. އޭނައަށް ގަބޫލެއްވެސް ނުކުރެވުނެވެ. ވަޒީފާ ނުލިބިދާނެތީ އެއަންހެން ކުއްޖާ ބިރެއްވެސް ނުގަނޭ ބައޭ ދާއިންގެ ހިތަށްއެރިއެވެ. އެހެންނަމަވެސް ދާއިންއަށް އެޖަވާބު ތަފާތުވެފައި ކަމުދިޔައެވެ. އެފަދަ ސަމާސާއެއް މިވީހާތަނަށް އަންހެން ކުއްޖަކަށް އޭނަ އާއި ކުރާކަށް ކެރިފަކައި ނެތެވެ. ނޫރާވެސް އޭނަ އާއި ސަމާސާގެ ގޮތުގައި ޗުއްޕުވެސް ނުބުނާނެއެވެ. ދާއިންގެ ހިތަށް ބުނެދޭން ނޭގޭ ހިތްހަމަޖެހުމެއް ލިބިގެން ދިޔައެވެ.

"ހޮވިއްޖެއްޔާ ކިހާ ތާކު ވަޒީފާއަށް ނުކުމެވޭވަރުވާނެ" ދާއިން ހިނިއައިސްފައި އިނދެ އަހާލިއެވެ.

"މިއަދުވެސް ނުކުންނަންވީ" މަންހާ ހިނިތުންވެލަމުން ބުނެލިއެވެ.

"އޯކޭ، ސޯ ޔޫ އަރ ރެޑީ" ދާއިން ބުނެލިއެވެ. އެދެމެދުގައި ކުރިން އޮތް ސީރިއަސްކަން ކޮންމެވެސް ވަރަކަށް ނެތިގެން ގޮސްފިއެވެ. ދާއިންއަށް މަންހާ އާއި ވާހަކަދެއްކުން ވަރަށްވެސް ފަސޭހަވެގެން ދިޔަ ކަހަލައެވެ.

އިންޓަރވިއު ނިންމާލާފައި މަންހާ ނުކުންނަން ދިޔަ ދިމާލަށް ދާއިން ބަލަހައްޓައިގެން އިނީ ހެވިފައެވެ. އޭނަ ނުކުމެގެން ދިއުމާއިއެކުވެސް ދާއިންއަށް ހެވުނެވެ. އަދި ދެފަރާތަށް މަޑުމަޑުން ބޯހޫރުވާލިއެވެ. މަންހާ ނުކުތުމާއިއެކު ނޫރާ އެތަނަށްވަނެވެ. އޭނައަށް ދާއިން ފެނުމާއިއެކު ހައިރާންކަން ވެރިވެގެންދިޔައެވެ. އެހެނީ އެފިރިހެންވަންތަ މޫނުގައި އެފަދަ ހިތްގައިމު ހިނިތުންވުމެއް ނުވާތާ އެތަށް އަހަރުތަކެއްވެއްޖެއެވެ. ގައިމުވެސް އޭނަ ދާއިން އާއިއެކު މަސައްކަތްކުރި ފަސްއަހަރު ދުވަހުގެ ތެރޭ އެފަދަ އުޖާލާކަމެއް ނުފެނެއެވެ. އަބަދުވެސް ފެންނަނީ ކޮންމެވެސް ކަމަކާ މާޔޫސްވެ ދެރަވެފައި ހުންނަތަނެވެ.

"ހާއި ބާބީ..........." މަންހާ ދާއިންގެ އޮފީހުން ނުކުމެގެން އައިސް ކާއިލް އިން ވޯކް ސްޓޭޝަން އާއި ހަމައަށް އެރުމާއިއެކު ޕާޓިޝަންމަތީ އަތްއަޅުވާލަމުން ގޮވާލިއެވެ.

"ބާއި..........." މަންހާ ހިނިތުންވެލަމުން އެހެން ބުނެ އެ އޮފީހުން ނުކުންނަން ހިނގައިގަތެވެ.

ލިފްޓުގެ ތެރޭ މަންހާ ހުރިއިރު އެކި ޕްލޯތަކަށް ދިއުމަށް ފިއްތާލާ ނަންބަރުތަކަށް އޭނަ ބަލަންހުއްޓެވެ. ހާއްޞަކޮށް ނުވަވަނަ ފިތައް އޭނަގެ ނަޒަރު ހުއްޓިފައި އެތަށް އިރަކު ހުއްޓެވެ. އޭނަ ވިސްނަމުންދިޔައީ ޒާރާ އާއި ދޭތެރޭއެވެ. ދާއިންގެ އަނބިމީހާ އާއި ދޭތެރޭއެވެ. އޭނަ މިހާރު އެހުރީ ދާއިން އާއި ޒާރާ އުޅޭ ގޭގައެވެ. ދާއިންގެ އޮފީސް މިހާރު ހިންގަނީ އެގޭގެ ފަސްވަނަ ފަންގިފިލާގައެވެ. ދާއިން އާއި ޒާރާގެ ދިރިއުޅުމަށް ބަދަލުތަކެއް އަންނާނެ ކަން މަންހާއަށް އެނގެއެވެ. އެކަމަކުވެސް އޭނައަކަށް ހީކުރިކަހަލަ ބަދަލުތަކެއް ނުފެނުނެވެ. އެގޭގެ ނުވަވަނަ ފަންގިފިލާއަކީ ދާއިން އާއި ޒާރާ ދިރިއުޅޭ ބައެވެ.

މަންހާ ލިފްޓުގެ ދޮރުހުޅުވިގެން ދިއުމާއިއެކު ނުކުތެވެ. އަދި ލޯބިވެތި ގޮތަކަށް އެގޭގައި އިން ޕޯސްޓު ފޮއްޓަށް ބަލާލިއެވެ. އެތުންފަތަށް ތަފާތު ހިނިތުންވުމެއް ވެރިވެގެންދިޔައެވެ. މަންހާ އެގޭގެ ދޮރުކައިރީ މަޑުކޮއްލަމުން އޭނަގެ އައިފޯން ނަގާ ގުޅާލިއެވެ.

"ހެލޯ............" މަންހާއަށް ބުނެވުނީ އެވަރަށެވެ. ފޯނުގެ އަނެއްކޮޅުން ވާހަކަ ދައްކަން ފެށިއެވެ.

"ޔެސް، ނިމުނީތަ؟ ބަލާދާންވީ ދޯ................މިދަނީ...........އެކަމަކު ޓެންވަރަކަށް މިނެޓްސް ނަގާފާނެ" ވިޝާލް ވާހަކަދެއްކިއެވެ.

މަންހާ ފޯނު ބޭއްވީ ވިޝާލް އަންނަ ވާހަކަ ބުނުމުންނެވެ. އެކަމަކު އޭނަގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ. އެއީ ވިޝާލްއަށް ގުޅަން ޖެހޭތީއެވެ. ވިޝާލްގެ އެކުވެރިކަމަށް މަންހާ ބޭނުންވެފައިވިޔަސް ވިޝާލް ދެކެނީ މުޅިން ތަފާތު ގޮތަކަށެވެ. އޭނަ މަންހާގެ އެއްވެސް ކަމަކަށް ނޫނެކޭ ނުބުނާނެކަން ހުދު މަންހާއަށްވެސް އެނގެއެވެ. ބައެއްފަހަރު ވިޝާލް ގާތު ކަންތަކު ކިޔުމުން ނުކުމެދާނެ ނަތީޖާ އަކާއިމެދުވެސް މަންހާއަށް ވިސްނެއެވެ. މިހާރު ހުރިވަރަށްވުރެ އެދެމެދުގައިވާ ގުޅުން ގާތްވާކަށް މަންހާ ނޭދެއެވެ.

ކާރު އައިސް މަޑުކޮއްލުމާއިއެކު މަންހާއަށް އެއީ ވިޝާލްކަން އެނގުނެވެ. އޭނަ ކުރީ ދޮރުފަތް ހުޅުވާލަމުން ކާރަށް އެރިއެވެ.

"ކޮބާ ކިހިނެތް ދިޔައީ؟" ވިޝާލް މަންހާ އެރުމާއިއެކު އަހާލިއެވެ.

"އޯކޭ...........ބަޓް ސްޓިލް އައި އެމް ސްކައަރޑް، ނުލިބިދާނެތީ............ޕްލީޒް ނުބުނައްޗޭ އެކަކު ކައިރީވެސް" މަންހާ އާދޭހުގެ ވައްތަރެއް މޫނުމައްޗަށް ޖައްސާލަމުން ބުނެލިއެވެ.

"ޝުއަރ............އަހަރެން މަންހާއަށް ޕްރޮމިސް ކުރީމެއްނު މިއަދު މިވީ އެއްވެސް ކަމެއްގެ ވާހަކަ ގޭމީހުން ކައިރީ ނުބުނާނަންކަމަށް، އެކަމަކު ތިހާވަރުން މިއޮފީހަށް ތިޔައީ ކީއްކުރަންތަ؟ އެއޮއްސަޅި ޖޮބު ދޫކޮއްލާފަ" ވިޝާލްއަކަށް އެއްގޮތަކަށްވެސް ނުވިސްނުނެވެ.

"އަހަރެންގެ ސްކޫލް ދުވަސްވަރުންފެށިގެން އެތަނުގައި، އެއޮފީހުގެ ވެރިޔާ އާއިއެކު މަސައްކަތް ކުރުމުގެ ހުވަފެން ދެކެން...................މިއަދު އަހަރެންގެ ހުވަފެނުގަވެސް ކޮންމެވެސް އަގެއް އޮންނަން ވާނެތާ............އެކަމަކު، މަންމަމެން ގާތު ބުނަން ޖެހިލުންވަނީ................މަންމައަކަށް ނޭގޭނެ މިއަދު އަހަރެން ދިޔައީ އެހެން އޮފީހެއްގެ އިންޓަރވިއުއަށް ކަމެއް............" މަންހާ ހިޔާލުތަކުގެ ތެރޭގައި އިނދެ ވާހަކަދެއްކިއެވެ.

"މަންހާގެ ހުވަފެންތައް ސީދާ ކުރުން އެއީ މައްސަލައެއްނޫނޭ، އަހަންނަށް ޔަގީން ވަސިންތަ އާއި ސަޢީދުބޭ އަންޑަރސްޓޭންޑު ވާނެކަން، މަންހާގެ އާޢިލާގެ ހުރިހާ މެމްބަރުންވެސް މަންހާގެ ނިންމުމަށް ގަދަރުކުރާނެ، ގަބޫލުވާނެ އެކަމަކަށް އެއީ މަންހާ އުފާވާ ކަމެއްވެއްޖެޔާ..............މި ޖޮބުވެސް މަންހާއަށް ލިބޭނެޔޭ އަހަރެންގެ ހިތް ބުނަނީ، އެއީ އަހަންނަށް ޔަގީން މަންހާ އާއި އަޅާކިޔާލެވޭނެ ވަރުގެ އަންހެން ކުއްޖަކު އެތަނަކަށް ނުދާނެކަން، އޮފީހުގެ ވެރިޔާވެސް މަގު އޮޅޭހާ ވާނެކަންނޭގެ މަންހާ ފެނިފަ.................ހެ ހެ ހެ ހެ ހެ.........." ވިޝާލް މަންހާއަށް ބުނެލިއެވެ. އަދި ލުއި ހުނުމަކުން ނިންމާލިއެވެ.

"ނޫން، އެތަނުގެ ވެރިއަކީ އެކަހަލަ މީހެއްނޫން" މަންހާ އަވަސް އަވަހަށް ބުނެލިއެވެ.

"ކިހިނެތް މަންހާއަށް އޭނަގެ ގޮތް އެހާ ރަނގަޅަށް އެނގެނީ............." ވިޝާލް ކުރީ ސުވާލެކެވެ.

"އަހަންނަށްވެސް އޭނަގެ ގޮތް އެނގޭތީއެއްނޫނޭ މިހެން މިބުނީ، އެކަމަކު މުވައްޒަފުންނަށް ރަނގަޅުވީމަ ދޯ އޭނައަށްވެސް ކުރިއެރުން އެލިބެނީ" މަންހާ ވާހަކަދެއްކިއެވެ.

"އޯކޭ.......އޯކޭ...........މައްސަލައެއްނެތް........ގެއަށް ދާތަނުން ވަސިންތަ ސުވާލުކޮއްފިއްޔާ ދެން މަންހާ ބުނާނީ ކީކޭ" ވިޝާލް އަހާލިއެވެ.

"ވިޝާލް އަހަންނާއެކު ގެއަށް ވަންނާނަމެއްނު، މަންމައަކަށް ނުކެރޭނެ ވިޝާލް ހުއްޓަ އެއްވެސް އެއްޗެއް އަހާކަށް...........އޯ...........އައިމް ގެޓިން ސޯ ނަރވަސް............" މަންހާ ކާރު ގެއާއި ކައިރިކޮއްލިތަންފެނި ބުނެލިއެވެ.

ދޮރުކައިރީ ހުރި ޕޮޓެއްގައި އިންދާފައި ހުރި ޕީސް ލިލީ ތަކަށް ފުޅިއަކުން ވަރަށް ބަލައިގެން ފެންޖަހަމުންދިޔަ ވަސީމާއަށް މަންހާ ދޮރުހުޅުވާލާފައި ވަތްތަންފެނުނެވެ. އަދި އެއްޗެއް ބުނަން ވާއިރަށް އޭނަގެ ފަހަތުން ވިޝާލް އައިސް ވަތްތަން ފެނުނެވެ. ވަސީމާ ބުނަން އުޅުނު އެއްޗެއްވެސް ހަނދާންނެތުނީކަންނޭގެއެވެ. އަތުގައި އޮތް ފެންޖަހާ ފުޅީގައި ދެއަތުން ހިފަހައްޓާލިއިރު އޭނަގެ އަނގައިގާވާ ހުރިހާ ދަތްތައް ހެން ހިނިއައިވަރުން ފެންނަން ހުއްޓެވެ.

"ސައި ހަދަންވީދޯ........މަންހާ، ދަރިފުޅު ވިޝާލްއަށް ސައިހަދާދޭންވީނު، މަންމަ މިދަނީ މި ގަސްކޮޅަށް ފެންޖަހާލާފަ" ވަސީމާ ހިނިއައިސްފައި ބުނެލިއެވެ. ވިޝާލް މަންހާގެ ފަހަތުން ގޭތެރެއަށް ވަދެގެން ދިޔައެވެ.

"މިއަންނަނީ އިނގޭ އެއްޗެހި ބަދަލުކޮއްލައިގެން..............." ސޯފާގައި ވިޝާލް އިށީނުމުން މަންހާ ބުނެލިއެވެ.

"އެކަމަކު މާގިނައިރު ނުކުރައްޗޭ، އަހަރެން ފޫހިވެގެން ހަލާކުވެދާނެ" ވިޝާލް ސަމާސާ ރާގަކަށް ބުނެލިއެވެ. އަދި މަންހާ ސިޑިން ދުވެލާފައި އެރި މަންޒަރު ބަލަން ނުހަނު ގަޔާވެލާފައި އިނެވެ.

ވަސީމާ ބަދިގެއަށް އައިއިރު މަންހާ ވިޝާލްގެ ކުރިމަތީ ސައިޖޯޑު ބަހައްޓަނީއެވެ. އެދެކުދިންގެ ހިނިތުންވެފައިވާ މޫނުފެނި ވަސީމާގެ ހިތަށް އިތުރު ފިނިކަމެއް ގެނެސްދިނެވެ. ކިހާ ގުޅޭހެއްޔެވެ. ނާޒިޔާގެ ހިޔާލުވަރަށްވެސް ކަމުދެއެވެ. މަންހާ އާއި ގުޅެން އެންމެ އެކަށީގެންވަނީ ވިޝާލްއެވެ.

"މަންމާ، ކިހިނެތްވީ.........." ދޮރުމަތީ މަޑުކޮއްލައިގެން ހުރި ވަސީމާ ފެނުމުން މަންހާ އަހާލިއެވެ.

"ކަމެއްނުވޭ............ދަރިފުޅުމެން ސައިބޯލާ" ހިޔާލުތަކުގެ ތެރެއަށް ގެއްލިފައިހުރި ވަސީމާ އަވަސް އަވަހަށް ޖަވާބު ދެމުން އެތެރެއަށް ހިނގައިގަތެވެ.

މެންދުރުގެ ވަގުތު ޖެހެންވާއިރަށް ވިޝާލް އެނބުރި ގެއަށްދިޔައެވެ. މޫސައަށް އެހީތެރިވުމަށްޓަކައެވެ. މޫސަ މާލޭގައި ޝޮޕިން ސެންޓަރެއް ހުޅިވީއެވެ. އެކަމުގައި އޭނައަށް އެންމެ އެހީވަނީ ވިޝާލްއެވެ. އަމިއްލަ ގޭގައި އެންމެ މަތީބުރި އާއި ޓެރެސްނޫން ހުރިހާ ބައެއް އަދިވެސް ހުންނަނީ ކުއްޔަށްދީފައެވެ. ވިޔަފާރީގެ އެކައުންޓުތައް ބަލަހައްޓައިދެނީ ވިޝާލްއެވެ. ޖެނީވެސް މަދުމަދުން މޫސައަށް ރަނގަޅު ހިޔާލުތައް ހުށައަޅައިހަދައެވެ.

"ދަރިފުޅު މިއަދު ހާދަ ހެނދުނަކާ ކާރު ނެރުން ދުވަހެކޭ............އަނެއްކާ ކިހިނެތްވީ" ވިޔަފާރީގެ ކަންތައްތަކުގައި އުޅެފައި މެންދުރު ކާން ގެއަށް އައިސް އިންވަގުތު މޫސަ އަހާލިއެވެ.

"އަޅުގަނޑު ބުނެފާނަމޭ..........." އަވަސް އަވަހަށް ޖެނީ ބުނެލިއެވެ.

"ތުއްތާ..........." ވިޝާލް ޖެނީ ބުނެދާނެ އެއްޗަކާއިމެދު ކަންބޮޑުވިއެވެ.

"ހެނދުނު ހެނދުނާ މަންކޮ ގުޅައިގެން ދިޔައީ، ބައްޕައަށް އެނގިލައްވާތޯ، ފަހުން އަނެއްކާ މަންކޮ ބަލާވެސް ދިޔައޭ" ޖެނީ ދިމާކޮއްލިއެވެ.

"އެއީދެން އެވަރު ކަމެއްނޫނެއްނު، މަންހާވެސް އެއީ މިގޭ ކުއްޖެއްނު.................ވިޝާލް ދާންވާނެ މަންހާ ބުނާކަންތައްތައް ކޮއްދެން.........." މޫސަ އެކަންތައްތައް އެހާ ބޮޑުކަމަކަށް ނުހެދިއެވެ. އެއީ މަންހާ އާއި ވިޝާލްގެ ގުޅުމަކީ މިހާރު އޭނައަށްވެސް އެނގޭ ގުޅުމަކަށްވީކަމެވެ.

ހަވީރު އަތަށް އަޅާލިއިރު މަންހާ ކޮޓަރިތެރޭ ފޯނުގައި ހުރެގެން ނަށަނީއެވެ. އޭނަގެ ރަޙުމަތްތެރިންނާއި ހަމައަށްވެސް ދާއިންގެ ހަބަރު ދިޔައީއެވެ. ކޮންފަރެންސް ކޯލްގައި ހުރި އަލީޝާ ވަކިވެގެން ދިޔައީ އޭނަގެ ޑިއުޓީވަގުތު ޖެހުމުންނެވެ. އަދި ޝިފްނާވެސް ގިނައިރެއްނުވެ ވަކިވީ އޭނަގެ ޑިއުޓީ ވަގުތަށްވެފައި އެވަގުތަކީ ކުޑަކޮށް ބިޒީވެސް ގަނޑިއަކަށް ވުމުންނެވެ. އަމާނީއަށް މަންހާ ދާއިން ސިފަކޮއްދެވުނީ ކިތައްފަހަރަކު ކަމެއްވެސް އޭނައަކަށް ނޭގެއެވެ. ކޮންމެ ވާހަކައެއް ނިންމާލާފަ އޭނަ ހާދަ ސްމާޓޭ ބުނެލައެވެ. ވޭތުވެދިޔަ ހައަހަރު ތެރޭ މަންހާ މިހާ އުފަލެއްނުވެއެވެ. އޭނައަށް ދާއިން ނުލިބުނު ކަމުގައިވިޔަސް އޭނަ ފެނިލުމުންވެސް މަންހާގެ ހިތަށް ފިނިކަންލިބިއްޖެއެވެ. ހަމަޖެހުމުގެ ނޭވާއެއް ލާނެ ފުރުޞަތެއް އޭނައަށް ލިބިއްޖެއެވެ. އަނެއްކާވެސް ހަޔާތުގެ ކުރިއަށް ހުރި ދުވަސްތަކާއި ކުރިމަތިލުމުގެ ހިތްވަރު އާވެގެން ހިނގައްޖެއެވެ.

ފޯނު ކޯލު ނިމުމުންވެސް އެތަށް އިރަކު އޭނަ އެނދުގައި ދާއިންގެ ހިޔާލުތަކުގެ ތެރެއަށް ގެއްލިފައި އޮތެވެ. އެހެންއޮވެ ބައެއްފަހަރު އަމިއްލައަށް ވާހަކަވެސް ދައްކައެވެ. ދާއިން އާއި މުހާތަބު ކޮށެވެ. އޭނަ ސިއްސައިގެން ދިޔައީ ފޯނު ރިންގުވިއަޑަށެވެ. އެހެންނަމަވެސް އޭނަގެ ހަރަކާތް އަވަސްވީ ގުޅި ނަންބަރު ފެނުމުންނެވެ. އަވަސް އަވަހަށް ނަގާ ހެލޯއޭ ބުނެލިއެވެ. ލިބުނު ހަބަރުން މަންހާ އެނދުމަތީ އިނދެ އުދުއްސައި ނުގަތީ ކިރިޔާއެވެ. ތެޅިގަތްގަތީނުން އަރިއަޅާލައިގެން ކާޕެޓުގަނޑު މައްޗަށް މަންހާ ވެއްޓުނެވެ. އޭރުވެސް ފޯނުއޮތީ ކަންފަތުގައި ޖަހައިގެންނެވެ. ބޯކޮޅުއޮތީ ކާޕެޓުގައި ޖެހިފައެވެ. ފައިކޮޅު އޭރުވެސް އެނުދުމަތިން ނުވެއްޓިއޮތެވެ.

އެއުފާވެރި ހަބަރު ހަމައެވަގުތު މީހަކާއި ހިއްސާކޮއްލަން މަންހާބޭނުންވިއެވެ. އެހެންވެ އަނެއްކާވެސް އަމާނީއަށް ގުޅިއެވެ. އެކަމަކު އޭނަ ފޯނުނުނެގިއެވެ. މަންހާއަށް ކެތެއް ނުކުރެވުނެވެ. އޭނަ އަވަސް އަވަހަށް ވިޝާލްއަށް ގުޅާލިއެވެ. (ނުނިމޭ)