ދުނިޔެ

އިންޑިއާގެ ވައިގެ ހަމަލާގެ އެއްވެސް އަސަރެއް ނުފެނުނު

ސްރީނަގަރު (މާޗް 6) - ޕާކިސްތާނުގެ އިރު ދެކުނުގައި ދީނީ ހަރުކަށި ހަނގުރާމަވެރި ޖަމާއަތެއް ކަމުގައި ޖައިޝޭ މުހައްމަދު އިން ހިންގަމުންދިޔަ މަދުރަސާތަކަށް އިންޑިއާއިން ދިން ވައިގެ ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ލިބިފައި ނުވާކަމަށް ސެޓެލައިޓު ފޮޓޯތަކުން ދައްކައިފި އެވެ.

އެމެރިކާގެ ކުންފުންޏެއްގެ އަމިއްލަ ސެޓެލައިޓަކުން މިދިޔަ ހޯމަ ދުވަހު ނަގާފައިވާ ފޮޓޯތަކުން، ޖޭއީއެމުން މަދުރަސާތައް ހިންގަމުން ދިޔަ ކަމަށް ބުނާ ސަރަހައްދުގައި، މަދުވެގެން ހަ އިމާރާތެއް އަދިވެސް ހުރި ކަން ފެނެ އެވެ. އެއީ އޭގެ ހަ ދުވަސް ކުރިން، އިންޑިއާ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާތަކުގައި ގޮއްވާލާފައިވާކަމަށް އިންޑިއާ ސަރުކާރުން ބުނެފައިވާ އިމާރާތްތަކެވެ.

އިންޑިއާ އިން ބުނަނީ، އެ ހަމަލާއަކީ، މިމަހު ކުރީކޮޅު ކަޝްމީރުގައި އެ ގައުމުގެ ސިފައިންތަކެއް މަރާލުމުގައި ބައިވެރިވި ޓެރަރިސްޓް ޖަމާއަތުގެ ހަނގުރާމަވެރިންނާއި ދެކޮޅަށް ދިން ހަމަލާއެއް ކަމަށެވެ.

އެ ހާދިސާގައި 42 އިންޑިއާ ސިފައިން މަރުވެފައިވާއިރު، ފަހުގެ ތާރީހެއްގައި އިންޑިއާ ސިފައިންނަށް ދިން އެންމެ ނުރައްކާތެރި ހަމަލާގެ ފަހަތުގައިވާ ޖަމާއަތަށް ވާގި ދޭ ކަމަށް ބުނެ އިންޑިއާ ސަރުކާރުން ވަނީ އަވަށްޓެރި ޕާކިސްތާނު "މުޅީން އެކަހެރިކޮށްލާނެ" ކަމުގެ އިންޒާރު ދީފަ އެވެ.

އިންޑިއާ ސިފައިން ގޮވައިގެން ދަތުރުކުރި ބަހަކަށް އަމާޒު ކޮށްގެން ދިން ހަމަލާގެ ޒިންމާ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ ޖައިޝޭ މުހައްމަދު ވަނީ ނަގާފަ އެވެ.

އެ ސަރަހައްދުގެ އެންމެ ފަހު ފޮޓޯތަކާއި މިދިޔަ އޭޕްރީލް މަހު ނަގާފައިވާ ސެޓެލައިޓް ފޮޓޯތަކާއި އެއްވެސް ތަފާތެއް ނެތްކަމަށް ތަޖުރިބާކާރުން ވަނީ ބުނެފަ އެވެ. އަދި ވައިގެ ހަމަލާތަކެއްގެ އަސަރުވެސް އެ ފޮޓޯތަކުން ފެންނަންނެތްކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.

މިދިޔަ ފެބްރުއަރީ މަހު 26 ވަނަ ދުވަހު އިންޑިއާ އިން ދިން ވައިގެ ހަމަލާގައި، އެ ސަރަހައްދުގައި ހުރި އިމާރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބި، އެތަކެއް ހަނގުރާމަވެރިންނެއް މަރާލާފައިވާކަމަށް އިންޑިއާ ސަރުކާރުން ބުނިބުނުމާމެދު މިހާރު ވަނީ އިތުރަށް ސުވާލު އުފެދިފަ އެވެ.

އެ ސެޓެލައިޓް ފޮޓޯތަކާއި ގުޅިގެން އިންޑިއާ ސަރުކާރުން އަދި މިހާތަނަށް އެއްވެސް އެެއްޗެއް ބުނެފައެއްނުވެ އެވެ.

އިންޑިއާ ސަރުކާރުން ބުނި ބުނުން، ޕާކިސްތާނު ސިފައިން ވެސް ވަނީ ދޮގުކޮށްފަ އެވެ.

އިންޑިއާ އިން ހަމަލާދިން ސަރަހައްދުން "އެންމެ ގާކޮޅެއް" ވެސް ފެނިފައިނުވާކަމަށް ޕާކިސްތާނު ސިފައިންގެ ތަރުޖަމާނު އާސިފް ޣަފޫރު ވިދާޅުވި އެވެ.