ހަބަރު

އެމްއެމްޕީއާރްސީގެ މައުލޫމާތު ދޭން ބެންކުތަކުން ދެކޮޅު ހެދި، އިދާރާތަކުން ފޮރުވި: އޭސީސީ

މޯލްޑިވްސް މާކެޓިން އެންޑް ޕީއާރް ކޮމްޕެނީ (އެމްއެމްޕީއާރްސީ)ގެ ތެރޭގައި ހިންގި ބޮޑު ހިޔާނާތުގެ ތަހުގީގަށް މައުލޫމާތު ދޭން ދައުލަތުގެ ބައެއް އިދާރާތަކާއި ހުރިހާ ބެންކުތަކުން ދެކޮޅު ހެދި ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީއިން މިހެން ބުނީ އެމްއެމްޕީއާރްސީ މައްސަލާގައި އެ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ފާހަގަަ ކުރެވިފައިވާ ކަންތައްތަކާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ސާފު ކުރެއްވުމަށް އޭސީސީގެ މެންބަރުން މަޖިލީހަށް ހާޒިރުކޮށް އެ މެންބަރުންނާ ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރުވެވަޑައިގެން ވާހަކަ ދައްކަވަމުން އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ މައްސަލައަކީ އެ ކޮމިޝަނުން މިހާތަނަށް ތަހުގީގުތަކުގެ ތެރެއިން އެންމެ ގިނަ ގޮންޖެހުންތައް ދިމާވި މައްސަލަ ކަމަށެވެ. އެގޮތުން ތަހުގީގަށް ބޭނުންވާ ހެކި ހޯދުމުގައި ބެންކުތަކާއި ދައުލަތުގެ ބައެއް އިދާރާތަކުން އެކަށީގެންވާ އެއްބާރުލުން ފުރަތަމަ މަރުހަލާގެ ތެރޭގައި ނުލިބުނު ކަމަށެވެ. އަދި ބޭންކުތަކަށް ގޮސް މައުލޫމާތު ހޯދަން އެދުމުން ކަނޑައެޅިގެން އެކަމަށް އިންކާރު ކުރި ކަމަށާއި ބައެއް ބެންކުތަކުގެ އިސްވެރިންނާ ބައްދަލުކޮށްގެން ވެސް އެ މައުލޫމާތުތައް ނުލިބުނު ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އެހެންކަމުން އެ މައްސަލާގައި ބައެއް ބޭންކުތަކަށް ގާނޫނީ އިންޒާރު ދީފައިވާ ކަމަށް ވެސް މުއައްވިޒް ވިދާޅުވި އެވެ.

"ތަހުގީގު ކުރިޔަށް ގެންދިޔަ އިރު ވަކިވަަކި ފަރުދުންނަށް ވުރެ ބޮޑަށް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިފައި ވަނީ އިންސްޓިޓިއުޝަންތަކުން، މިސާލަކަށް ބޭންކުތަކުން ސީދާ ދިމާލަށް އަޅުގަނޑުމެންނަށް މައުލޫމާތު ނުދޭނެ ކަމަށް ސިޓީތަކުން ބުނެފައިވޭ،" މުއައްވިޒް ވިދާޅުވި އެވެ. "ވަކި ހިސާބަކުން އަޅުގަނޑުމެން އެމްއެމްއޭއާއެކު ބޭއްވުނު ބައްދަލުވުންތަކުގެ އަލީގައި ވަކި ހިސާބަކުން ހުރިހާ ބޭންކެއް ކަހަލަ ގޮތަކަށް އޮންބޯޑު ވެގެން ދިޔަ ކަން ފާހަގަ ކުރެވުނު،"

ދައުލަތުގެ އިދާރާތަކުން ވެސް މައުލޫމާތު ދިނުމުގައި ޖެހިލުންވުމާއި ބައެއް މައުލޫމާތުތަކަކީ ނެތް މައުލޫމާތުތަކެއްކަން ދެއްކުމަށްޓަކައި މަސައްކަތް ކުރި ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އެގޮތުން 73 އިދާރާއަކުން މައުލޫމާތު ހޯދިއިރު އެފަދަ ވަރަށް ގިނަ މައުލޫމާތުތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކާ ދިމާވި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ބައެއް އިދާރާތަކަށް އަޅުގަނޑުމެން ދިޔައީމަ ޑޮކިއުމަންޓުތައް ނެތޭ ނުވަތަ ވީތަނެއް ނޭނގޭ މިކަހަލަ ޖަވާބުތައް ދޭން ފެށީމަ އަޅުގަނޑުމެންގެ އިންވެސްޓިގޭޓަރުން ގުދަންތަކަށާއި ފައިލްތަކަށް ވަކިވަކިން ބަލާ ހާވައިގެން ބައެއް ލިޔެކިޔުންތައް ހޯދާފައިވާނެ،" މުއައްވިޒް ވިދާޅުވި އެވެ.

އިތުރު ބައެއް ގޮންޖެހުންތައް ފާހަގަ ކުރަމުން މުއައްވިޒް ވިދާޅުވީ އެ މައްސަލާގައި އެމްއެމްޕީއާރްސީގެ މައްސަލާގައި ފައިސާގެ ގިނަ މުއާމަލާތްތައް ހިނގާފައިވާ އިރު ގިނަ މުއާމަލާތްތައް ހިނގާފައި ވަނީ ނަގުދު ފައިސާއިން ކަމަށެވެ. އެހެންކަމުން އެތަކެތި ޓްރޭސް ކުރުމަށް ގޮންޖެހުންތަކެއް ހުރި ކަމަށް މުއައްވިޒް ވިދާާޅުވި އެވެ.

އޭގެ އިތުރުން ކޮމިޝަންގައި އެފަދަ ޑޮކިއުމަންޓުތައް އެނަލައިޒް ކުރުމާއި ތަހުގީގަށް ބޭނުންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ވެސް އުނދަަގޫތަކެއް ދިމާވި ކަމަށް މުއައްވިޒް ވިދާޅުވި އެވެ. އަދި ކޮމިޝަނަށް އެންމެ އެކަށީގެންވާ މިންވަރަށް ގާނޫނީ ބާރުވެރިކަން ނުލިބޭ ކަމަށާއި މެންޑޭޓުން ބޭރު ގިނަ މައްސަލަތަކެއް ވެސް އެމްއެމްޕީއާރްސީގެ މައްސަލައާ ގުޅިގެން ފެންމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.