ހަބަރު

އަދުރޭއާއި އާރިފު ދެއްކެވީ ސިޔާސީ ވާހަކަ: އޭސީސީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގި ބޮޑު ހިނާޔާތުގެ މައްސަލައާއި ގުޅުވައި ރައްޔިތުންގެ މަޖިލީހުގު ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) އާއި ކެލާ ދާއިރާގެ މެންބަރު އަލީ އާރިފު ދެއްކެވީ ސިޔާސީ ވާހަކަފުޅުތަކެއް ކަމަށް ދެ މެންބަރުން ވިދާޅުވެފައިވާ ކަމަށް އޭސީސީގެ ރިޕޯޓުގައި ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލީ އާރިފު ވިދާޅުވެފައި ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިިބިވަޑައިގެންނެވި ކަމަށާއި ރިޝްވަތުގެ ގޮތުގައި އެމަނިކުފާނު 32 މިލިއަން ރުފިޔާ ނެންގެވި ކަމަށެވެ. އަދި އެ ބައްދަލުވުމުގައި އަދުރޭ ވިދާޅުވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ ލިސްޓު އޭނާއަށް އެނގިވަޑައިގަންނަވާ ކަމަށެވެ.

އަދުރޭއާއި ނިހާންގެ މި ވާހަކައާ ގުޅިގެން އޭސީސީން ވަނީ މިދިޔަ ފެބްރުއަރީ މަހު މި ދެ ބޭފުޅުން ހާޒިރުކޮށް އެ ކަމާ ގުޅޭ ގޮތުން ސުވާލުކޮށްފަ އެވެ.

މިކަން ހާމަކޮށް އޭސީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަދުރޭއާއި އާރިފު ވަކިވަކިން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރުމުން ދެ ބޭފުޅުން ވެސް ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބިވަޑައިގެންނެވި ބޭފުޅުން އެނގިވަޑައިނުގަންނަވާ ކަމަށާއި ދެއްކެވީ ސިޔާސީ ވާހަކައެއް ކަމަށެވެ. މިގޮތުން ވާހަކަ ދެއްކެވީ އެކި މީހުން އެކި މީޑިއާތަކުގައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ކަމަށް ދެ ބޭފުޅުން ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.

މިކަމާ ގުޅޭ ގޮތުން އޭސީސީން އިތުރަށް ބުނީ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ދައުލަތުގެ ޒިންމާދާރު މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަކަށް ވާހަކަ ދައްކާކަން ފާހަގަކުރެވޭ ކަމަށެވެ. މިގޮތަށް ދައްކަވާ ވާހަކަތަކާ ގުޅިގެން ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކުރުމުން ވާހަކަ ދެއްކެވީ އެކަށީގެންވާ މިންވަރަށް މައުލޫމާތު ހޯދުމެއް ނެތި ކަން ފާހަގަކުރެވުނު ކަމަށް އޭސީސީން ބުންޏެވެ.

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ސިޔާސީ މަގުސަދެއް ހާސިލު ކުރުމަށް މިފަދަ ވާހަކަތައް ނުދެއްކުމަށާއި ޒިންމާދާރުކަމާއެކު ވާހަކަ ދެއްކުމަށް އޭސީސީން އިލްތިމާސްކުރި އެވެ.