އޭސީސީ

އޭސީސީގެ ފަސް އަަހަރު: ދައުވާކުރަން ފޮނުވުނީ އެއް ޕަސެންޓް މަސައްކަތް

ފާއިތުވި ފަސް އަހަރުގެ ތެރޭގައި އެންޓި ކޮަރަޕްޝަން ކޮމިޝަނަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން މަސައްކަތް ނިންމައި ދައުވާކުރުން ފޮނުވުނީ މައްސަލަތަކުގެ އެންމެ އެއް ޕަސެންޓްކަން ހާމަވެއްޖެ އެވެ.

އެކަން ހާމަވީ ރައްޔިތުންގެ މަޖިލީހުން އެދިގެން އޮޑިޓާ ޖެނެރަލް އޮފީހުން ހެދި ޕާފޯމަންސް އޮޑިޓަކަށް ފަހު އެކުލަވާލި ރިޕޯޓުންނެވެ.

މި ރިޕޯޓްގައި ބުނެފައިވާ ގޮތުގައި 2015 ވަނަ އަހަރުން ފެށިގެން 31 ޖުލައި 2020ގެ ނިޔަލަށް 7،113 ޝަކުވާ އޭސީސީ އަށް ހުށަހެޅި އެވެ. އޭގެތެރެއިން 5،476 މައްސަލަ ނިންމި ނަމަވެސް ދައުވާކުރަން ފޮނުވުނީ އެންމެ އެއް ޕަސެންޓް ކަމަށް ބުނެފައިވެ އެވެ. އަދި 61 ޕަސެންޓް މައްސަަލަތައް ނިންމާފައި ވަނީ ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ މައްސަލަ ތަކުގެ ގޮތުގަ އެވެ.

އޭސީީސީއަށް އެންމެ ގިނައިން ހުށަހެޅި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ޕްރޮކިއުމަންޓާ ގުޅޭ މައްސަލަތަކެވެ.

ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ތަހުގީގުކޮށް ނިންމުމަށް ދިގު މުއްދަތެއް ހޭދަވެ އެވެ. އެގޮތުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވާ މައްސަލަތަކުގެ ތެރެެއިން އޮޑިޓް ސާމްޕަަލްގެ ގޮތުގައި ނަގާފައިވާ 76 ކޭހުގެ ތެރެއިން ތަހުގީގީ މަރުހަލާއަށް ގޮސްފައިވާ 23 މައްސަލައިގެ ތަހުގީގު ފުރިހަމަަކުރުމަށް އެވްރެޖްކޮށް އަހަރެއްހާ ދުވަސް ހޭދަކޮށްފައިވެ އެވެ. އަދި ތަހުގީގު ނުނިމި 400 އަށް ވުރެ ގިނަ މައްސަލަ އޮތް ކަން ފާހަގަކޮށްފައިވެ އެވެ.

މީގެ އިތުރުން ތަހުގީގު ނިންމުމަށްފަހު ދައުވާކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި މައްސަލަތަކުގެ ތެރެއިން 52 ޕަސެންޓް މައްސަލަ އަނބުރާ ފޮނުވާލައިފައިވާ ކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެ އެވެ.

"މިހެން ދިމާވަނީ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށާއި ތުހުމަތު ކުރެވޭ ކުށް ކޮށްފައިވާ ތާރީޚާ ތަހުގީގުފުރިހަމަ ކުރުމާ ދެމެދު ދިގު މުއްދަތެއް
ހިނގާފައިވުމުގެ ސަބަބުން ޖިނާއީ ކުށެއްގެ ދައުވާއެއް ކޮށް، ކުށް ސާބިތުވާމިންވަރަށް ހެއްކާއި ގަރީނާ ލިބިފައިނުވުމުން ކަމުގައިވުން. މިކަން ހައްލުކުރުމުގެ ގޮތުން
ތަހުގީގުތަކުގެ ކޮލިޓީ ހިފެހެއްޓުމަށް ކޮމިޝަނުން މަސައްކަތްކުރަމުން ދިޔުން." ރިޕޯޓްގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އޭސީސީގައި ވަޒީފާ އަދާކުރާ އިންވެސްޓިގޭޓަރުންނަށް ނިސްބަތުން ގިނަ މައްސަލަތަކެއް ތަހުގީގުކުރަން ޖެހިފައިވުމުން ތަހުގީގުތަކަށް އޭގެ ނުރަނގަޅު އަސަރު ކުރަމުންދާކަން ފާހަގަކޮށްފައިވެ އެވެ. އެގޮތުން، 31 ޖުލައި 2020ގެ ނިޔަލަށް ކޮމިޝަނުގައި 1،637 މައްސަލަ ބަލަމުންދާއިރު އިންވެސްޓިގޭޓަރުންނަށް ފޯރުކޮށްދޭންޖެހޭ ފެންވަރު ރަނގަޅު އެހީތެރިކަމާއި އިރުޝާދު ދެވެމުން ނުދާކަން ފާހަގަކޮށްފައިވެ އެވެ.

އޮޑިޓް ރިޕޯޓާ އެކު އޭސީސީގެ މެމްބަރުންނަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވޭ ކަަމަށް ނިންމައި އޭސީސީގެ މެމްބަރުން ވަކިކުުރުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އޮތީ ފާސްވެސްކޮށްފަ އެވެ.

އޭސީސީގެ މެންބަރުން ވަކިކުރުމުގެ މައްސަލަ މަޖިލީހުން ފެށިއިރު އޭސީސީގައި މިހާރު މެންބަރުންގެ ގޮތުގައި ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބް ރައީސް ފާތިމަތު އަނޫލާ އާއި މެންބަރު އައިޝަތު އަބްދުﷲ އެވެ.