ހަބަރު

އީސީ މެންބަރު ކަމަށް އަނެއްކާވެސް ހަބީބު

އިލެކްޝަން ކޮމިޝަން (އީސީ)ގެ މެންބަރު ކަމަށް މިހާރު ވެސް އެ ކޮމިޝަންގެ މެންބަރު ކަމުގައި ހުންނެވި އިސްމާއީލް ހަބީބަށް މަޖިލީހުން ރުހުން ދީފި އެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލީ 16 ބޭފުޅެއްގެ ނަން ދިރާސާކުރުމަށް ފަހު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއިން އެކުލަވާލި ރިޕޯޓްގައިވާ ގޮތުގައި، އެންމެ މަތިން މާކްސް ލިބިފައި ވަނީ މިހާރު ވެސް އީސީގެ މެންބަރަކަށް ހުންނެވި އިސްމާއިލް ހަބީބްއަށެވެ. އަދި ދެވަނަ އަށް އެންމެ ގިނަ މާކްސް ލިބުނީ، އަހްމަދް މޫސާއަށެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި ނެގި ވޯޓްގައި ހާޒިރުވެ ތިއްބެވި 60 މެންބަރުންގެ ތެރެއިން 58 މެންބަރުން ވަނީ ހަބީބް މެންބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓް ދެއްވާފަ އެވެ.

މިއަދު ވޯޓަށް އަހާފައިވަނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް ބޭފުޅަކު އައްޔަން ކުރުމާ ގުޅޭ ގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއިން އެކުލަވާލައި މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓާ މެދު ވެރިކަން ކުރާ އެމްޑީޕީގެ ކަންބޮޑުވުންތަކެއް ހުރުމުން އެ މައްސަލަ ބެލުމަށް ފަހު އެވެ.

މަޖިލިސް ރައީސް ގާސިމް އިބްރާހިމް ވިދާޅުވީ، ކޮމިޓީ އިން އެކުލަވާލި ރިޕޯޓް ރަނގަޅު ކަމަށް އިއްޔެގެ ކޮމިޓީގެ ބައްދަލުވުމުން ފާސްކޮށްފައިވާ ކަމަށެވެ.

އީސީ މެންބަރު ކަމަށް ހުޅުވާލީ މިއަދު މަޖިލީހުން ރުހުން ދެއްވި ހަބީބްގެ މުއްދަތު ހަމަވުމުންނެވެ. އީސީ މެންބަރު ކަމުގެ މުއްދަތަކީ ފަސް އަހަރެވެ.