ހަބަރު

ރާއްޖެ އެތެރެ ކުރަން އުޅުނު 3 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ވައިގެ މަގުން ރާއްޖެއެތެރެ ކުރަން އުޅުނު ތިން ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި އެވެ.

ކަސްޓަމްސްއިން ބުނީ، މި މަހުގެ ހަތަރުވަނަ ދުވަހު އިންޑިޔާއިން ރާއްޖެއައި 26 އަހަރުގެ އިންޑިޔާ ރައްޔިތެއްގެ ފޮށި ތަންމަތި ބަލައި ފާސް ކުރުމުގެ ތެރޭގައި މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތި ތަހުލީލު ކުރިއިރު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއަށް ޕޮޒިޓިވް ވެފައިވާއިރު، އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިންއާއެކު ޖުމްލަ 998 ގްރާމް ހުރިކަމަށެވެ.

މީގެ އިތުރުން ހަމަ އެދުވަހު، ސްރީލަންކާއިން ރާއްޖެއައި 29 އަހަރުގެ ދިވެއްސެއްގެ ފޮށިތަންމަތި ބަލައި ފާސް ކުރިއިރު، މަސްތުވާތަކެތީގެ ދެބާވަތެއް ފެނިފައިވާ ކަމަށާއި، އެތަކެތީގެ ތެރޭގައި ހިމެނެނީ 1491 ގްރާމް ހަޝިޝް އޮއިލްއާއި، 529 ގްރާމް ހެރޮއިން ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފަ އެވެ.

ކަސްޓަމްސްއިން އިތުރަށް ބުނީ، އެ މައްސަލާގައި ޝާމިލްވާ މީހުންވަނީ ފުލުހުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައި ގަނެފައިވާ ކަމަށާއި، އެދެކޭސްގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ތިން ކިލޯ ހުރިއިރު، އެ މައްސަލައިގައި ޝާމިލްވާ މީހުންނާއި އަތުލައިގަތް މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކޮށްފައި ކަމަށެވެ.