ހަބަރު

"މާއްދާ 4" ކެމްޕޭން ލޯންޗުކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ތާއީދާއެކު މަޖިލީހަށް ނުކުންނަ ކެނޑިޑޭޓުންގެ ކެމްޕެއިން "މާއްދާ 4" ރަސްމީކޮށް މިރޭ ލޯންޗުކޮށްފި އެވެ.

ދަރުބާރުގޭގައި ކެމްޕެއިން ލޯންޗް ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި 20 ފަރާތަކަށް ރައީސް މައުމޫންގެ ތާއީދު އޮތް ކަމުގެ ލިޔުން ދިނެވެ. ރައީސް މައުމޫން ވިދާޅުވީ، އެ ލިޔުމުގައި ވާނީ ދާއިރާގެ ރައްޔިތުންނާއި މުހާތަބު ކޮށްފައި ކަމަށާއި، އެ ދާއިރާތަކަށް ކުރިމަތިލާ އެމްއާރުއެމްގެ ކެނޑިޑޭޓުންނަށް ތާއީދުކޮށް ދިނުމަށް އޭގައި އެދިފައިވާނެ ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، މަޖިލީހަށް ކެނޑިޑޭޓުން ނެރެގެން ކުރާނީ ކަންކަން އިސްލާހުކޮށް ފުރިހަމަ ކުރުމުގެ މަސައްކަތް ކަމަށާއި، މާއްދާ ހަތަރެއް އެއީ ހަމަ އެކަނި މި އަންނަ މަޖިލީހަށް ހާއްސަ އެއްޗެއްނޫން ކަމަށެވެ. މީގެ ފަހުން ވެސް އެ އެޖެންޑާ ކުރިޔަށް ދާނެ ކަމަށެވެ.

"މާއްދާ 4" މި ނަން ނިސްބަތް ކޮށްފައި ވަނީ ގާނޫނޫ އަސާސީގެ ހަތަރުވަނަ މާއްދާއަށް ނިސްބަތްކޮށެވެ.