ހަބަރު

ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކޭމްޕެއް ބާއްވައިފި

އެޑޮވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އާއި ބިއުޓިފުލް އައިސް ޑައުން ސިންޑްރޯމް ގުޅިގެން ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްޕީޗް އަދި ހިއަރިން ކޭމްޕެއް އައްޑޫ ސީޓީގައި ބާއްވައިފި އެވެ.

އައްޑޫ ސިޓީގައި އެ ކޭމްޕް ކުރިޔަށް ގެންގޮސްފައިވަނީ މިމަހުގެ ހަތަރަކުން ފެށިގެން 6 ވަނަ ދުވަހުގެ ނިޔަލަށެވެ. އާކުން ބުނީ އެ ކޭމްޕުގެ ތެރެއިން ބައިނަލް އަގުވާމީ ސްޕީޗް ތެރަޕިސްޓަކަށް ހިލޭ ދެއްކުމުގެ ފުރުސަތާއި ޑައިގްނޯސް ކުރުން ވެސް ކުރިޔަށް ގެންދިޔަ ކަމަށެވެ. އޭގެ ތެރޭގައި ވަކިވަކި އެސެސްމެންޓްތަކާއި، އޯޑިއޯ މެޓްރިކް ޓެސްޓްތައް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން، އެކުދިންގެ ބެލެނެވެރިންނަށާއި، ބަލަހައްޓާ މީހުންނަށް އެ ކުދިންނަށް ފަރުވާ ދިނުމަށް ގޭގައި ކުރެވިދާނެ ބައެއް ކަންތައްތަކުގެ މައުލޫމާތުވެސް ދީފައިވާކަމަށް އާކުން ވަނީ ބުނެފަ އެވެ.

އައްޑޫސީޓީގެ 6 ސުކޫލެއްގައި މަސައްކަތް ކުރާ ސްޕެޝަލް ނީޑްސްގެ 30 ޓީޗަރަކަށް "އިމްޕްރޫވިން އާޓިކިއުލޭޝަން އެންޑް ސްޕީޗް"."މިނިމައިޒިން ކޮމިއުނިކޭޝަން ޗެލެންޖަސް" އަށް ފޯކަސް ކޮށްގެން 2 ދުވަހުގެ ވޯކްޝޮޕެއްވެސް ކުރިޔަށް ގެންގޮސްފައިވާ ކަަމަށްވެސް އާކުން ވަނީ ބުނެފަ އެވެ.