ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑަށް އެނބުރިދާން ޒިދާން އެއްބަހެއް ނުވި

ރެއާލް މެޑްރިޑްގެ ކޯޗު ކަމަށް އަލުން އައުމަށް ޒައިނުއްދީން ޒިދާންއަށް ހުށަހެޅުމުން، އެ ހުށަހެޅުމަށް ޒިދާން ދެކޮޅު ހަދާފައިވާ ކަމަށް، ރެއާލް މެޑްރިޑްގެ ކުރީގެ ރައީސް، ރަމޯން ކަލްޑެރޯން ބުނެފި އެވެ.

ބީބީސީ ރޭޑިއޯ ފަހެއްގައި ވާހަކަ ދައްކަމުން، ކަލްޑެރޯން ބުނީ، ޗެމްޕިއަންލީގްގެ ދެ ވަނަ ބުރުން ކެޓުމުން، ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ޒިދާންއަށް ގުޅި ކަމަށެެވެ. އަދި ޓްރާންސްފާގެ ބާރުތަކާއި ޓީމު ބަދަލު ކުރުމުގެ ބާރު ޒިދާންއަށް ދޭނެ ކަމަށް ވެސް ޕެރޭޒް ހުށަހަލާފައިވާ ކަމަށް ކަލްޑެރޯން ބުންޏެވެ.

"އަހަންނަށް އެނގޭ (އިއްޔަ) ހެނދުނު ރައީސް [ފްލޮރެންޓީނޯ ޕެރޭޒް] ޒިދާންއަށް ގުޅާފައި، ރެއާލްގެ ކޯޗު ކަމަށް އަންނަން ބުނިކަން، އެހެންނަމަވެސް ޒިދާން ބުނީ މިވަގުތު ނޫން ކަމަށް،" ކަލްޑެރޯން ވާހަކަ ދެއްކި އެވެ. "ޒިދާން ވަނީ ޖޫންގައި އެ ފުރުސަތު އޮވެދާނެ ކަމަށް ބުނެފައި."

ރެއާލް މެޑްރިޑްގެ ކޯޗު ކަމުން ޒިދާން އިސްތިއުފާ ދިނީ، އެ ޓީމަށް ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ޗެމްޕިއަންސް ލީގް ހޯދައިދިންތާ ފަސް ދުވަސް ފަހުންނެވެ. އޭގެ ފަހުން އެއްވެސް ޓީމަކާ އޭނާ ހަވާލެއް ނުވެ އެވެ. ޓްރާންސްފާގެ ޚަބަރުތައް ބުނާ ގޮތުން، އަަންނަ ސީޒަނަށް ޒިދާން، ގެންނަން އޭނާ ކުރިން ކުޅުނު ކުލަބު ޔުވެންޓަސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ކަލްޑެރޯން ބުނީ، ޖޫންގައި، ރެއާލްއަށް ޒިދާން ނައިސްފިނަމަ، އެ ޓީމުގެ ކޯޗު ކަމަށް ގެންނާނީ ކުރިން އެ ޓީމަށް ކޯޗު ކޮށްދިން މޮރީނިއޯ އެވެ. ޔުނައިޓަޑްގެ ކޯޗު ކަމުން މިދިޔަ ޑިސެމްބަރު މަހު މޮރީނިއޯ ވަކި ކުރުމުން އޭނާވެސް ހުރީ އެއްވެސް ޓީމަކާ ހަވާލު ނުވެ އެވެ.

އެހެންނަމަވެސް، ކަލްޑެރޯން ބުނީ، މޮރީނިއޯއަކީ ރެއާލް މެޑްރިޑަށް އެކަށޭނެ ކޯޗެއް ނޫން ކަމަށެވެ. މޮރީނިއޯ ވަނީ 2010 އަކުން 2013 އަށް ރެއާލްއަށް ކޯޗު ކޮށްދީފަ އެވެ. ކަލްޑެރޯން ބުނީ މޮރީނިއޯ ކޯޗު ކޮށްދޭ ގޮތުން ރެއާލް މެޑްރިޑްގެ ސްޓައިލް ގެއްލިގެން ދިޔަ ކަމަށެވެ.