ހަބަރު

ވިހެއުމުން ލިބޭ ޗުއްޓީ ހަ މަހަށް އިތުރުކޮށްފި

ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފުންނަށް ވިހެއުމާ ގުޅިގެން ހަ މަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު މިއަދުން ފެށިގެން ލިބޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް އެކަން އިއުލާން ކުރެއްވީ އަންހެނުން ދުވަހުގެ މުނާސަތުގައި ކުރިއަށް ގެންދިޔަ ހަފްލާގައި އެވެ.

ސަރުކާރުގައި ވާޒީފާ އަދާކުރާ މަންމައަށް މެޓާނިޓީ ލީވްގެ ގޮތުގައި މުސާރައާއެކު ހަ މަހުގެ ޗުއްޓީ އަދި ބައްޕައަށް އެއް މަސް ދުވަހުގެ ޗުއްޓީ ދިނުމަކީ ރައީސް ސޯލިހްގެ 100 ދުވަހުގެ ވައުދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހަފްލާގައި ރައީސް ވިދާޅުވީ، އަންހެނުން ބާރުވެރިކޮށް ދެމެހެއްޓެނިވި ތަރައްގީގައި އަންހެނުންގެ ހިއްސާ ބައްޓަން ކުރުމަކީ ސަރުކާރުގެ އިސް ސިޔާސަތެއް ކަމަށެވެ. އެ ސިޔާސަތުތައް ބައްޓަން ކުރެވޭނީ އަންހެނުންނަށް ދިމާވާ ހުރަސްތައް ނައްތާލުމަށްޓަކައި އާއިލާ އާއި މުޖުތަމައު އެހީވެގެން ކަމަށެވެ. އަދި ފަހުރުވެރި އާއިލާއެއް ބިނާ ކުރުމަށް މަގުފަހި ކޮށްދިނުމަކީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެ މަސައްކަތް އަޅުގަނޑުމެން ފައްޓާނީ ތުއްތު ދަރިފުޅު މި ދުނިޔެއަށްލާ ފުރަތަމަ ނޭވާއާއެކު، އެ ދަރިފުޅަށް ހޭހަން ކުރުމުގެ ގޮތުން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އަންހެންު މުއައްޒިފުންނަށް މިއަދުން ފެށިގެން ވިހެއުމާއި ގުޅިގެން ހަމަސް ދުވަހުގެ މެޓާނިޓީ ލީވް މުސާރައާއެކު ލިބޭނެ،" ރައީސް ވިދާޅުވި އެވެ.

ރައިސް ވިދާޅުވީ، ސިވިލް ސާވިސްގައި މަސައްކަތްކުރާ ފިރިހެން މުއައްޒަފުންނަށް އެއް މަސް ދުވަހުގެ ޕެޓާނިޓީ ލީވްވެސް މުސާރައާއެކު މިއަދުން ފެށިގެން ލިބިގެންދާނެ ކަމަށެވެ. އަދި ހަމަސް ނުވާ ދަރިން ތިބިނަމަ އެކުދިންގެ އުމުރުން ހަމަސް ވަންދެން ސިވިލް ސާވިސްގައި މަސައްކަތް ކުރާ އެކުދިންގެ މައިންބަފައިންނަށް އެސިޔާސަތުގެ ދަށުން ޗުއްޓީ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.