ބަޔާން މިއުނިކް

ލޯގެ ނިންމުމާހެދި ބަޔާން މިޔުނިކުން ރުޅިގަދަ ވެއްޖެ!

ޖަރުމަންގެ ގައުމީ ޓީމުން، ބަޔާން މިޔުނިކުގެ ތިން ކުޅުންތެރިން ކަމަށްވާ، މެޓްސް ހުމެލްސް އާއި ތޯމަސް މުލާ އަދި ޖުރޯމް ބޯޓެންއަށް ފުރުސަތު ނުދޭނެ ކަމަށް ޖަރުމަންގެ ކޯޗް ޔޯކިމް ލޯ 'ޔޯގީލޯ' ބުނުމުން ބަޔާން މިޔުނިކުން ހިތްހަމަ ނުޖެހިއްޖެ އެވެ.

އެންމެ ފަހުގެ ޗެމްޕިއަންގެ ގޮތުގައި ނިމިދިޔަ ވޯލްޑްކަޕުގައި ވާދަ ކުރި ޖަރުމަން ޓީމު މުބާރާތުން ކެޓީ ގުރޫޕް ސްޓޭޖުންނެވެ. އެއަށްފަހު ވެސް ޖަރުމަންގެ ކޯޗުގެ ގޮތުގައި ލޯ ބެހެއްޓުމަށް ޖަރުމަންގެ ފެޑްރޭޝަނުން ނިންމި އެވެ.

މިދިޔަ އަންގާރަ ދުވަހު ލޯ ބުނެފައި ވަނީ އަންނަ އަހަރު ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތަށް އާ ޓީމެއް އެކުލަވާލުމަށް ކުރާ މަސައްކަތްތަކުގައި ބަޔާން މިޔުނިކުގެ ތިން ތަރިންނަށް ފުރުސަތު ނުދޭނެ ކަމަށެވެ. މި އަހަރު ކުޅޭ ފުރަތަމަ މެޗުގައި، މި މަހު 20 ވަނަ ދުވަހު ޖަރުމަން ނިކުންނާނީ ސާބިއާ އާ ދެކޮޅަށެވެ.

"އާ ޖީލެއް ބިނާ ކުރުމަށްޓަކައި މި އަހަރަކީ އާ ފެށުމަކުން ފަށަން ޖެހޭ އަހަރެއް،" ލޯ ބުންޏެވެ. "އަހަންނަށްވެސް މުހިންމު ކަމެއް ތިން ކުޅުންތެރިންގެ ގާތު އަހަރެންގެ ޕްލޭންތަކާ ބެހޭގޮތުން ވަކިން ބުނެވޭނެނަމަ."

ލޯ ގެ ނިންމުމާ ގުޅިގެން، ބަޔާން މިޔުނިކުން ވަނީ ވަރަށް ހަރުކަށި ބަޔާނެއް ނެރެފަ އެވެ. އެ ކުލަބުގެ ބަޔާނުގައި ބުނެފައި ވަނީ، ބަޔާން މިޔުނިކުން މުހިންމު ދެ މެޗަކަށް ތައްޔާރު ވަމުން ދަނިކޮށް އެ ކުލަބުގެ ތިން ކުޅުންތެރިންނަށް ގައުމީ ޓީމުން ފުރުސަތު ނުދޭނެ ކަމަށް އިއުލާން ކުރުމަކީ އޭގެ އަސަރު އެ ކުޅުންތެރިންނަށް ކުރާނެ ކަމެއް ކަމަށެވެ.

"ގައުމީ ޓީމުގެ ކޯޗް ނިންމާ ކުޅިވަރުގެ ނިންމުންތަކާ މެދު އާންމުގޮތެއްގައި އަހަރެމެން ވާހަކަ ނުދައްކަން، ހާއްސަކޮށް ސްކޮޑަށް ނަގާ ކުޅުންތެރިންނާއި ނުނަގާ ކުޅުންތެރިންނާމެދުވެސް އަހަރެމެން ވާހަކައެއް ނުދައްކަން،" ބަޔާނުންް ނެރެފައިވާ ސްޓޭޓްމެންޓްގައި ބުނެފައި ވެއެވެ. "މި ކުލަބުން ގަބޫލު ކުރަނީ، ސްކޮޑު އިއުލާން ކުރި ވަގުތާ ކުޅުންތެރިންނަށް ފުރުސަތު ނުދޭނެ ކަމަށް ބުނި ވަގުތާއި ހާލަތުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަމަށް."

"ބަޔާން މިޔުނިކުން ޖަރުމަން ލީގް ހޯދަން ކުރާ މަސައްކަތުގައި، ތާވަލުގެ އެއް ވަނަ އަށް އެރުމުގެ ފުރުސަތު ލިބޭ މެޗު ކުރިމަތީގައި އޮއްވައި، ބަޔާންގެ ތިން ކުޅުންތެރިޔަކަށް ގައުމީ ޓީމުން ފުރުސަތު ނެތް ކަމަށް އިއުލާން ކުރުމަކީ އެކަމާމެދު ސުވާލު އުފެދޭ ކަމެއް، އަދި ޗެމްޕިއަންސް ލީގް ކްއާޓާ ފައިނަލުން ޖާގަ ހޯދުމަށް އަންނަ ބުދަ ދުވުހުގެ ރޭ މެޗު އޮއްވައި އެ ތިން ކުޅުންތެރިންނަށް ފުރުސަތު ނެތް ކަމަށް ބުނަމަކީ އަހަރެމެންނަށް ހައިރާންކަން ކުރިމަތިވި ކަމެއް." ސްޓޭޓްމެންޓްގައި ބުނެފައި ވެއެވެ.

ތޯމަސް މުލާވެސް ވަނީ، ލޯ ގެ ނިންމުމާމެދު ހިތްހަމަ ނުޖެހޭކަން ފާޅުކޮށްފަ އެވެ. އޭނާ ބުނީ އޭނާ އާއި ހުމެލްސް އާއި ބޯޓެން އަކީ އަދިވެސް އެންމެ މަތީ ލެވަލްގައި ފުޓްބޯޅަ ކުޅުމުގެ ގާބިލު ކަން ހުރި ތިން ކުޅުންތެރިން ކަމަށެވެ. އަދި ޖަރުމަންގެ ސްކޮޑުން ފުރުސަތު ނެތް ކަމަށް އިއުލާން ކުރުމަކީ ބަލައިގަންނަން އުނދަގޫ ކަމެއް ކަމަށެވެ.