ބަޔާން މިއުނިކް

ބަޔާން އެއް ވަނައިގައި ލީޑް ފުޅާ ކޮށްފި

ޔޫނިއަން ބާލިންގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ބުންޑެސް ލީގާގެ އެއް ވަނައިގައި ބަޔާން މިޔުނިކުން ލީޑް ފުޅާ ކޮށްފި އެވެ.

ކޮވިޑް-19 އާ ގުޅިގެން ފުޓްބޯޅައިގެ ހަރަކާތްތައް ދެ މަސް ދުވަހު މެދުކަނޑާލާފައި އޮތުމަށްފަހު ކުޅުނު މެޗުގައި ބަޔާންގެ ފުރަތަމަ ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ، ފޯވަޑް ރޮބަޓް ލެވަންޑޮސްކީ އެވެ.

އެއީ މި ސީޒަންގައި ލެވަންޑޮސްކީ ކާމިޔާބު ކުރީ 40 ވަނަ ލަނޑެވެ. މިއީ އޭނާ އެ އަދަދަށް ލަނޑު ޖެހި ފަސް ވަނަ ސީޒަނެވެ. ކޮރޯނާ ވައިރަސްގެ ބިރުވެރިކަމާ ހުރެ ސަޕޯޓަރުން ނުވައްދައި ފަޅު ސްޓޭޑިއަމެއްގައި ކުޅެން ޖެހޭއިރު، ވައިރަހުން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ގޯލް ސެލެބްރޭޝަން ވެސް ވަނީ ވަކީ ހުދޫދެއްގެ ތެރޭގައި ބެހެއްޓުމަށް އަންގާފަ އެވެ. އާންމުކޮށް ލަނޑު ޖެހުމަށް ފަހު އުފާ ފާޅު ކުރުމުގެ ގޮތުން ކުޅުންތެރިން ހަގު ކޮށްލިޔަސް މިހާރު އެ ފުރުސަތެއް ނެތެވެ.

ކޮރޯނާ ވައިރަސް އަށް ފަހު، ފުރަތަމަ މެޗަށް ޔޫނިއަން ބާލިން ނުކުތީ އެ ޓީމުގެ ކޯޗް އުސް ފިޝާ ބެންޗުގައި ނެތި އެވެ. އާއިލީ ކަމެއްގައި އޭނާ ގެއިން ބޭރަށް ނުކުންނަށް ޖެހި ކަރަންޓީންގެ މަރުހަލާ މުގުރާލުމުން އޭނާ ވަނީ އެކަހެރި ކޮށްފަ އެވެ. އޭނާ އަކީ ބުންޑެސްލީގާގައި އެކަހެރި ކުރި ދެ ވަނަ ކޯޗެވެ. މިދިޔަ ހޮނިހިރު ދުވަހު އޮގްސްބާގް ވެސް މެޗު ކުޅުނީ އެ ޓީމުގެ ކޯޗް ނެތި އެވެ. އެއީ އޭނާވެސް ހޮޓަލުން ބޭރަށް ނުކުތުމުން ކަރަންޓީންގެ މަރުހަލާ މުގުރާލާފައި ވުމުންނެވެ. ދެ ޓީމުގެ ކޯޗުންނަށް ވެސް އަލުން ޓީމާއެކު މަސައްކަތް ކުރެވޭނީ، ކޮވިޑް-19 އަށް ދެ ފަހަރު ޓެސްޓް ކުރުމަށް ފަހު، ނަތީޖާ ނެގެޓިވް ވުމުންނެވެ.

މި ސީޒަންގައި ކުރިން ކުޅުނު މެޗުތަކުގައި ޔޫނިއަން ބާލިން އިން ވަނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެހެން ނަމަވެސް ރޭ ބަޔާން އާ ދެކޮޅަށް އެ ޓީމަށް މާބޮޑު ކަމެއް ނުކުރެވުނެވެ. ބަޔާންގެ ދެ ވަނަ ލަނޑު މެޗުގެ ފަހު ކޮޅުގައި ކާމިޔާބު ކުރީ ޑިފެންޑަރު ބެންޖަމިން ޕަވާޑް އެވެ.

ބަޔާން އާއި ދެ ވަނަ އިގައި ބުރޫޝިއާ ޑޯޓަމުންޑާ ދެމެދު މިހާރު ހުރީ ހަތަރު ޕޮއިންޓްގެ ފަރަގެވެ. ޑޯޓަމުންޑުން ވަނީ ހޮނިހިރު ދުވަހު ޝާލްކޭގެ މައްޗަށް 4-0 ން މޮޅުވެފަ އެވެ.