ބަޔާން މިއުނިކް

ބުންޑެސްލީގާގެ ޗެމްޕިއަންކަން ބަޔާން ހޯދައިފި

ބުންޑެސް ލީގާގެ ޗެމްޕިއަންކަން ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ބަޔާން މިޔުނިކް ހޯދައިފި އެވެ.

ބާކީ ދެ މެޗު ކުރިއަށް އޮތްވާ، ޖަރުމަންގެ ޗެމްޕިއަންކަން ބަޔާން ހޯދީ، ރެލިގޭޝަން ޒޯންގައި އޮތް ވާޑާ ބްރޭމަންގެ މައްޗަށް 1-0 މޮޅުވެގެންނެވެ. ބަޔާން އާއި ވާދަވެރި ބުރޫޝިއާ ޑޯޓަމުންޑާ ދެމެދު 10 ޕޮއިންޓްގެ ފަރަގެއް މި ވަގުތު އެބައޮތެވެ. އެހެން ނަމަވެސް މިރޭ މައިންޒް އާ ދެކޮޅަށް ޑޯޓަމުންޑް ކުޅޭ މެޗުން މޮޅުވެ ހަތް ޕޮއިންޓަށް ފަރަގު ކުޑަ ކުރެވޭނެ އެވެ.

ރޭ ގެ މެޗުގައި ބަޔާންގެ ލަނޑު ދެ ވަނަ ހާފު ފެށިގެން ތިން ވަނަ މިނެޓްގައި ކާމިޔާބު ކުރީ ރޮބަޓް ލެވަންޑޮސްކީ އެވެ. އެއީ މި ސީޒަންގެ ބުންޑެސް ލީގާގައި ލެވަންޑޮސްކީ ކާމިޔާބު ކުރި 31 ވަނަ ގޯލެވެ. މެޗުގެ ފަހު 10 މިނެޓް ބަޔާން ކުޅުނީ އެއް ކުޅުންތެރިޔަކު މަދުކޮށެވެ. އެ ޓީމުގެ ޑިފެންޑަރު އަލްފަންސޯ ޑޭވިސް އަށް ވަނީ މެޗުގެ 79 ވަނަ މިނެޓްގައި ދެ ވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފަ އެވެ.

މިއީ ބުންޑެސް ލީގާގެ އެންމެ ކާމިޔާބު ޓީމު، ބަޔާން އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި 29 ވަނަ ފަހަރެވެ. ޑޯޓަމުންޑާއި ބުރޫޝިއާ މޮންޗެން ގްލެޖްބާކް ވެގެންވެސް ހޯދުނީ 10 ފަހަރު އެވެ. އެއީ ކޮންމެ ޓީމެއް ފަސް ފަހަރު އެވެ.

ލީގް ޗެމްޕިއަންކަން ކަށަވަރުވެ، ސީޒަން ތިން މުބާރާތާއެކު ނިންމާލުމުގެ ފުރުސަތު ބަޔާން އަށް އެބައޮތެވެ. އެ ޓީމު ވަނީ ޖަރުމަން ކަޕްގެ ފައިނަލު ގަ އެވެ. އަދި ޗެމްޕިއަންސް ލީގް ކާމިޔާބު ކުރުމުގެ ފުރުސަތުވެސް އެ ޓީމަށް އެބައޮތެވެ. ޗެމްޕިއަންސް ލީގްގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގް މެޗުގައި ޗެލްސީގެ ދަނޑުގައި ކުޅެ ބަޔަން ވަނީ 3-0 ން މޮޅުވެފަ އެވެ. ދެ ވަނަ ލެގް މެޗު ކޮރޯނާ ވައިރަސް އާ ގުޅިގެން ފަސް ކުރި ގޮތަށް އާ ތާރީހް ކަނޑައަޅާފަ އެއް ނުވެ އެވެ.